މިދިޔަ ޖުލައި މަހުގެ ރާއްޖޭގެ އިމްޕޯޓް 49 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ކަސްޓަމްސް އިން އާއްމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖުލައި މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ އަގު 2019 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު ވަނީ 49 އިންސައްތަ ދަށްވެފައެވެ. އަދި އެކްސްޕޯޓް ކުރެވުނު މުދަލުގެ އަގު ވަނީ ދެ ޕަސަންޓް ދަށްވެފައެވެ.
ތަފާސް ހިސާބުތަކުގައިވާ ގޮތުން 2019 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް 3.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެއެވެ. ނަމަވެސް މިއަހަރުގެ ޖުލައި މަހު އިމްޕޯޓްކޮށްފައިވަނީ 1.9 ބިލިއަން ރުފިޔާގެ މުދަލެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެއިން 208 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާ އިރު، މިއަހަރުގެ ޖުލައި މަހު އެކްސްޕޯޓްކޮށްފައިވަނީ 203 މިލިއަން ރުފިޔާގެ މުދަލެވެ.
މީގެ އިތުރުން ފާއިތުވި ޖުލައި މަހު ދައުލަތަށް ލިބުނު އާމްދަނީ 2019 ވަނަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު 0.6 އިންސައްތަ ވަނީ އިތުރުވެފައެވެ. 2019 ވަނަ އަހަރުގެ ޖުލައި މަހު 292 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ އިރު، މިއަހަރުގެ ޖުލައި މަހު މި އަދަދު ވަނީ 293 މިލިއަނަށް ރުފިޔާއަށް އިތުރުވެފައެވެ.
މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން، އިންޑިއާ، ޗައިނާ، ސިންގަޕޫރު އަދި ޔޫއޭއީއިންނެވެ. ޖުލައި މަހުގެ ތެރޭގައި ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ އިނގިރޭސިވިލާތާއި ޖަރުމަނުވިލާތާއި ވިއެޓްނާމާއި ފަރަންސޭސިވިލާތުގެ އިތުރުން އެމެރިކާއަށެވެ.
މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާއްޖެއަށް 72 ބޯޓެއް އެތެރެވެފައިވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް އެތެރެވީ 79 ބޯޓެވެ. އަދި 2019 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖެއިން 86 ބޯޓު ފުރި އިރު، މިއަހަރުގެ ޖުލައި މަހު ރާއްޖެއިން ފުރީ 99 ބޯޓެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު