ރާއްޖޭގައި ހިންގަމުން އަންނަ އިންޝުއަރެންސް ކުންފުނިތަކުން އަމަލުކުރާ ގޮތުން، އިންވެސްޓަރުންނަށް ލިބޭ ގެއްލުންތަކުން ސަލާމަތްވާނެ ގޮތުގެ މަތިން އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި އެ ފިޔަވަޅުތައް މިހިނދުން މިހިނދަށް އެޅުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހުން ބޭރުކޮށްލައިފިއެވެ.
ކާށީދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ހުށަހެޅުއްވި މި ގަރާރު މަޖިލީހުން ބޭރުވީ އެންމެ ވޯޓެއް މަދުވެގެންނެވެ.
މި ގަރާރު މަޖިލީހަށް ބަލައިގަނެ، ބަހުސް ކުރުމަށް 19 ވޯޓު ބޭނުންވާއިރު، ގަރާރު ބަލައިގަތުމަށް ލިބުނީ 18 ވޯޓެވެ. ނަމަވެސް ގަރާރު ބޭރުކޮށްލަން 19 ވޯޓު ލިބުނެވެ.
ޖާބިރުގެ ގަރާރުގައި ބުނެފައިވަނީ ރާއްޖޭގައި ހިންގާ އިންޝުއަރެންސް ކުންފުނިތަކަކީ ސަރުކާރުން (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ) މެދުވެރިކޮށް ހުއްދަ ދީގެން އިންޝުއަރެންސްގެ ވިޔަފާރިކުރާ ކުންފުނިތަކެއް ކަމަށެވެ.
ނަމަވެސް އެފަދަ ކުންފުނިތަކަށް އިންޝުއަރެންސް ޕްރީމިއަމް ދައްކާފައި ވަނިކޮށް ކުރިމަތިވާ ގުދުރަތީ ކާރިސާއެއްގެ ސަބަބުން ގެއްލުން ލިބޭ ހިނދު އެ ގެއްލުމުން ސަލާމަތްވުމަށް ރައްކާތެރިކަން ލިބެންވާ ފަރާތުން ލިބޭ ގެއްލުން ހުށަހަޅާ ހިނދު ގެއްލުންވުން ހިމެނޭ މިންވަރާ މެދު ހިލާފު އުފައްދާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން އެ ގެއްލުމަކީ މާކުރިން ލިބިފައިވާ ގެއްލުމެއް ކަމަށް ބުނެ އެ ގެއްލުން އެކުގައި ރިޖެކްޓްކޮށް އިންވެސްޓަރުންނަށް ފޫނުބެއްދޭ ފަދަ ގެއްލުންތައް އިންޝުއަރެންސް ކުންފުނިތަކުން ދިނުން މިހާރު އާންމުވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. އެހެންކަމުން އިންޝުއަރެންސް ކުންފުނިތަކުން ވިއްކާ އިންޝުއަރެންސް ޕޮލިސީއަކީ ގާނޫނީ ގޮތުން ދެފަރާތުގެ މެދުގައި ވެވޭ އަގުދެއްކަން ކޮންޓްރެކްޓާ ބެހޭ ގާނޫނަށް ބެލުމުން އެނގެން އޮންނަ ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެ ގަރާރުގައި ގޮވާލާފައި ވެއެވެ.
މީގެ އިތުރުނ އިންޝުއަރެންސްއާ ގުޅޭ މުއާމަލާތްތަކުގައި އަމަލުކުރުމާ ބެހޭ ގާނޫނެއް މަޖިލީހަށް ހުށަހަޅައި ފާސްކޮށްދިނުމަށް ވެސް މި ގަރާރުގައި ސަރުކާރަށް ވަނީ ގޮވާލައިފައެވެ.
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު