ސަރުކާރުގެ ހުރިހާ ދިމާލެއްގައި ކޮރަޕްޝަން އަށަގަތުމުން މުޅި ސަރުކާރު ޖަވާބުދާރީ ކުރެވޭނެ މެކޭނިޒަމެއް އޮންނަން ވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބުދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ޑރ. ދީދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ހުރިހާ ގުނަވަނެއްގައި ފަސާދަ އަށަގަތުމުން އެކަން ވަކި ވަޒީރެއްގެ މަސްއޫލިއްޔަތަކަށް ހަދައި ފުއްދައިލުމުން ނިމުނީ ނޫން ކަމަށެވެ. އޭގެ ބަދަލުގައި މުޅި ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ފަދަ މެކޭނިޒަމެއް އޮންނަން ވާނެ ކަމަށް ޑރ. ދީދީ ވިދާޅުވެފައިވެއެވެ.
ހެލްތު މިނިސްޓްރީން ކޮވިޑާ ގުޅިގެން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުން ދައްކާ ގޮތުގައި ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ނަމަކަށް ކިޔާ ކުންފުންޏަކަށް 75 ވެންޓިލޭޓަރު ގެނައުމަށް 34,502,250 ރުފިޔާ ހަވާލުކޮށްފައި ވެއެވެ. މިފަދަ ބޮޑު މަޝްރޫއެއް ކުންފުންޏަކާ ހަވާލުކުރާއިރު އެކަން ކުރެވޭނެ މާލީ އަދި ފަންނީ ގާބިލުކަން ލިބިފައިވާ ކުންފުންޏެއްކަން ބަލަން ޖެހޭ އިރު، އެކަން ކޮށްފައި ނުވާ ކަމަށް މި ރިޕޯޓުން ވަނީ އެނގިފައެވެ.
މީގެ އިތުރުން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ފަންނީ އަދި މާލީ ގާބިލުކަން ވަޒަން ނުކޮށް، އެ ފަރާތަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ އެ ފަރާތަކީ ޑަބްލިއުއެޗްއޯގެ ރިކޮމެންޑެޑް ސަޕްލަޔަރަކަށް ވާތީކަން ދޭހަވާގޮތަށް، ހެލްތު މިނިސްޓްރީން ލިޔެކިއުންތަކުގަ އާއި އެ މިނިސްޓްރީން ދައުލަތުގެ މުއައްސަސާތަކަށް ފޮނުވާފައި ހުރި ލިޔެކިއުންތަކުގައި ބަޔާންކޮށްފައިވާ ކަމަށް މި ރިޕޯޓުގައި ވެއެވެ.
މި މައްސަލައާއި ގުޅިގެން ރައީސް އޮފީހުން ރިޕޯޓުގެ މައްސަލަ ތަހުގީގުކޮށް ވަކި އެއްޗެއް އަންގަންދެން ހެލްތު މިނިސްޓްރީގެ މަސައްކަތްތަކުން މިނިސްޓަރު އަބުދުﷲ އަމީން ވަނީ އެކަހެރިވެވަޑައިގެންފަ އެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ