ވަކީލު ކަމުގެ ހުއްދަ ނުލިބި ތިބި 300 އަށްވުރެ ގިނަ މީހުން ބާ ކައުންސިލުގެ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާން ހުށަހަޅައިފި އެވެ.

ބާ އިމްތިހާނު ފުރިހަމަ ކުރުމުން ނޫން ގޮތަކަށް ވަކީލު ކަމުގެ ހުއްދަ ނުލިބޭނެ ކަމަށް ގާނޫނީ ފަންނުގެ ގާނޫނުގައި ބުނެފައި ވެއެވެ. ނަމަވެސް އަހަރެއް ވެގެން ދިޔައިރުވެސް ބާ އިމްތިހާނު ތައްޔާރުކޮށް، އެ އިމްތިހާނު ބާއްވާފައި ނުވާތީ ގާނޫނީ ދާއިރާއިން ކިޔަވައިގެން ތިބި ގިނަ ބަޔަކު ހުއްދަ ނުލިބި ތިބެން ޖެހުމުން އެ މީހުން ދިޔައީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާފައިވާ ގާނޫނީ ފަންނުގެ ބިލަކީ 22 ޖުލައި 2020 ވީ ބުދަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. އެ ބިލް ފާސްކުރީ 71 މެންބަރުންގެ ވޯޓާއެކުގައެވެ.

މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި މި އިސްލާހު ގާނޫނަކަށް ވެ އަމަލުކުރަން ފަށާ އިރު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ މަތީ ތައުލީމުދޭ މަރުކަޒަކުން ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހުންގެ ތެރެއިން، ގާނޫނީ ވަކީލުކަމުގެ ހުވައިކުރެވިފައި ނުވާ އެންމެހައި ފަރާތްތަކަށް ހާއްސަކޮށްގެން އެއް މަސްދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ބާ ކައުންސިލުން އެކުލަވާލައި ކުރިއަށް ގެންދަން ޖެހެއެވެ. އަދި މި ތަމްރީނު ޕްރޮގްރާމުގައި ހިމެނޭ ވަކިވަކި ބައިތަކާއި ތަމްރީނު ޕްރޮގްރާމުގެ ބައިވެރިންގެ ފެންވަރު ވަޒަންކުރާނެ ގޮތް ބަޔާންކުރާ އުސޫލު ބާ ކައުންސިލުން އެކުލަވާލައި މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ގެޒެޓުގައި ޝާއިއުކުރަން ޖެހެއެވެ.

އޭގެ އިތުރުން މި އުސޫލު ގެޒެޓުކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި އެ ތަމްރީނު ޕްރޮގްރާމް ފަށަން ޖެހޭ ގޮތަށް ވެސް ގާނޫނުގައި ކަނޑައަޅާފައި ވެއެވެ. އެ ތަމްރީނު ޕްރޮގްރާމު ފުރިހަމަކޮށް، ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް، އެ ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރާ ތާރީހުން ފެށިގެން ގިނަވެގެން 21 ދުވަހުގެ ތެރޭގައި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ގާނޫނީ ވަކީލުކަމުގެ ހުވައިކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި ގާނޫނީ ވަކީލުކަމުގެ ހުވައި އާ ކުރުމުގެ ގޮތުން، ގާނޫނީ ވަކީލުކަމުގެ ހުވައިކުރާ ހުރިހާ ފަރާތްތަކުން، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ބާ ކައުންސިލުން އެންމެ އަވަހަށް ބާއްވާ ބާ އިމްތިހާނުގައި ބައިވެރިވުން މި ބިލުގައި ލާޒިމުކޮށްފައި ވެއެވެ.

ތަމްރީނު ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވީ އިއްޔެ އެވެ. ބާ ކައުންސިލުން މިހާރު ވަނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ މީހުންގެ ވަގުތީ ލިސްޓެއް އާންމުކޮށްފައެވެ. އެ ލިސްޓުގައި 314 މީހުން އެބަ ތިއްބެވެ.

ބާ ކައުންސިލުގެ ތަމްރީނު ޕްރޮގްރާމުގައި ހިމެނެނީ މައިގަނޑު ފަސް ބައެކެވެ. އެއީ މޯލްޑިވިއަން ލީގަލް ސިސްޓަމް، ކްރިމިނަލް ޕްރޮސީޖާ، ސިވިލް ޕްރޮސީޖާ، ޕްރޮފެޝަނަލް އެތިކްސް އަދި ޑްރާފްޓިން އެވެ. އޭގެ އިތުރުން ދިވެހި ބަސް ބޭނުންކުރުމާ ބެހޭގޮތުންވެސް އެ ތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދޭނެ އެވެ.

އޮންލައިންކޮށް ކުރިއަަށްގެންދަން ހަމަޖައްސާފައިވާ އެ ތަމްރީނު ޕްރޮގްރާމު ފަށާނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.