ސަރުކާރުގެ ކޮވިޑް 19 ރިކަވަރީ ސްކީމުގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް މިހާތަނަށް 222.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ކޮވިޑް 19އާ ގުޅިގެން ސަރުކާރުން އިއުލާންކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން އެސްޑީއެފްސީން ލޯނު ދޫކުރާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ވިޔަފާރިތަކަށް އަހަރަކު 10 މިލިއަނުން ދަށުގެ އާމްދަނީގެ ވިޔަފާރިތަކަށެވެ. އެ ފަރާތްތަކަށް ލޯނު ދޫކުރާ އިރު، މުވައްޒަފުން ވަޒީފާއިން ވަކިނުކުރުން ވެސް ޝަރުތެއްގެ ގޮތުގައި ހިމަނާފައި ވެއެވެ.
ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މައުލޫމާތަށް ބަލާ އިރު، މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުދި އަދި މެދުފަންތީގެ 1046 ވިޔަފާރިއަކަށް 209.9 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި އަމިއްލަ މަސައްކަތްކުރާ 433 މީހަކަށް ލޯނުގެ ގޮތުގައި 13 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މިހާރު ހިންގަމުން އަންނަ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ ހަރަދުތައް ހަމަޖައްސައިދިނުމަށާއި އެ ވިޔަފާރިތައް ދެމެހެއްޓުމަށް އަމާޒުކޮށްގެން އެސްޑީއެފްސީން ދޫކުރާ މި ލޯނަކީ ހަ ޕަސެންޓް އިންޓްރެސްޓް ރޭޓްގައި ގިނަވެގެން ތިން އަހަރު ދުވަހުގެ ތެރޭގައި އަދާކުރާ ގޮތަށް ދޫކުރާ ލޯނެކެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި