(15 އޯގަސްޓުގެ އަދަދާ ގުޅޭ)

"ސާހިބާއެވެ! އޭރު އީރާނުގެ ޙާލަތު އޮތީ ރުސްތުމުގެ ރުހިވަޑައިނުގެންނެވުމުގެ ނުރައްކަލާ ކުރިމަތިލެވޭފަދަ ގޮތަކަށެއް ނޫނެވެ. އަޅުގަނޑު މަނިކުފާނުގެ ލަފާފުޅަކަށް އެދި އެންމެފުރަތަމަ ހުށަހެޅިފަހަރު މަނިކުފާނުވެސް ވިދާޅުވީ އެމައްސަލައިގައި އެންމެ ރަނގަޅު ޚިޔާލެއް ދެއްވޭނީ ރުސްތުމަށް ކަމުގައެވެ. ޤާދިސިއްޔާގެ ހަނގުރާމަޔަށްފަހު އަނެއްކައިވެސް އަޅުގަނޑު އޭނާ ދޫކޮށްލުމުގެ މައްސަލަ ހުށަހެޅީމެވެ. މަނިކުފާނު އެފަހަރު ވިދާޅުވީ ރުސްތުމު ޤަތުލުވުމުގެ ޒަޚަމު ޚުރާސާނީ ސިފައިންގެ ހިތްތަކުގައި ތާޒާކޮށް ހުއްޓައި އޭނާގެ ބައްޕާފުޅުގެ ޤަތުލާ ގުޅިފައިވާ މީހަކު އެހައި އަވަހަށް ދޫކޮށްލުމަކީ މަޞްލަޙަތު ރަނގަޅުވާނެކަމެއް ނޫންކަމުގައެވެ."

ޔަޒުދުގިރުދު އިރުކޮޅަކު ވިސްނައިވަޑައިގެންނެވުމަށްފަހު ވިދާޅުވިއެވެ. "ސިފައިންނާއި އޮފިސަރުން އޭނާޔަށް އިތުބާރުކުރާ ކަމުގައިވާނަމަ އަޅުގަނޑު އޭނާ ދޫކޮށްލައްވަން ހުއްދަ ދީފީމެވެ. އެކަމަކު ޝާހީ ފާރަވެރީންގެ ލަޝްކަރުގެ އިސްކޮމާންޑަރުކަން އޭނާއާ ހަވާލުކުރާފަހުން ދުޝްމިނުން އެއްދުވަހަކު ކުއްލިޔަކަށް ބެހެރާޝޭރުގެ ޝާހީ ގަނޑުވަރަށް ވަދެގެންފި ވާހަކައާއި، އޭރު ޒަރުބަޚުތު އޮންނެވީ އެއްކަނެއްގައި ރާގެ މަސްތުގައިކަމުގެ ވާހަކަ އަޑުއަހާކަށެއް އަޅުގަނޑު ބޭނުމެއް ނުވާނެއެވެ. އެފަދަ ކަމެއް ދިމާވެއްޖެނަމަ ކަމަނާ އެކަމުގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނެއެވެ."

"އަޅުގަނޑު އޭނާއާ ބެހޭގޮތުން ހުރިހައި ޒިންމާއެއް ގަބޫލުކުރާން މިހިރީ ތައްޔާރަށެވެ." ދަގަނޑު ދަހަނާގައި ހުންނެވި ޒުވާނާއާ ދިމާޔަށް އިޝާރަތްކުރައްވަމުން ޕޫރާންދުޚުތު ވިދާޅުވިއެވެ. "މިޒުވާނާ ހެކިވެވަޑައިގަންނަވާނެއެވެ. ޒަރުބަޚުތަކީ މަދާއިނުގެ ހަތިޔާރު ގުދަނުގައި އޮތް އެންމެ ތޫނު ކަނޑިއެވެ."

ޔަޒުދުގިރުދު އެޒުވާނާއާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އޭނާ ދެންނެވިއެވެ. "ޢިއްޒަތްތެރި ޝަހެންޝާހު ރަސްގެފާނެވެ! ބެހެރާޝޭރުގެ ޝާހީ ލަޝްކަރުން ޕޫރާންދުޚުތުގެ އަރިހަށް ފޮނުއްވި އިލްތިމާސްގައި އަޅުގަނޑުގެ ސޮއި އޮންނާނެއެވެ. މީގެކުރީން މި މައްސަލަ މަނިކުފާނުގެ އަރިހަށް ހުށަހަޅާން އަޅުގަނޑުމެންނަށް ނުކެރުނީތީ އަޅުގަނޑު ހިތާމަކުރުމެވެ."

ކުޑައިރުކޮޅެއްގެފަހުން ޔަޒުދުގިރުދުގެ ޚާއްޞަ ޤާޞިދެއް ބެހެރާޝޭރުގެ ޖަލުގެ ދޮރުގައި ޓަކިދީފިއެވެ.

+ + + + +

ޢަޞްރު ވަގުތުވާން ކައިރިވަނީއެވެ. ماه بانو ގަޑިޔެއްހައިއިރު އަރާމުކޮށްލެއްވުމަށްފަހު ތެދުވެވަޑައިގެން އިންނެވީ ބަގީޗާއާ ދިމާޔަށް ހުޅުވޭ ކުޑަދޮރު ކައިރީގައެވެ. يـاسمـين ދުވެވަޑައިގެންފައި ވަޑައިގެން އެކޮޓަރިޔަށް ވެދެވަޑައިގެންފިއެވެ. އޭނާ ވިދާޅުވިއެވެ. ماه بانو އެވެ. ނޯކަރުން ރަށުތެރެއިން ޚަބަރު ގެންނަގޮތުގައި އަޅުގަނޑުމެންގެ ލަޝްކަރު އެނބުރި އެބައާދެއެވެ. އެމީހުންނަކަށް މުސްލިމުންގެ ކުރިއެރުން ހުއްޓުވުމުގައި ކާމިޔާބެއް ނުހޯދުނެވެ. މުސްލިމުންގެ ލަޝްކަރު ބެހެރާޝޭރާ1 ދިމާޔަށް ކުރިއަރަމުން އެބައާދެއެވެ. ދެން ވާނީ ކިހިނަކުންތޯއެވެ؟

ماه بانو އެއްވެސް ކަންބޮޑުވެވަޑައިގެންނެވުމެއްނެތި ހަމަޖެހިވަޑައިގެން އިންނަވައި ވިދާޅުވިއެވެ. "ކާއޫސު ނާދޭތޯއެވެ؟"

"ނާދެއެވެ." ނޯކަރުން ބުނާގޮތުގައި ބައެއް މީހުން އެބައިމީހުންގެ އަނބިދަރީން ބެހެރާޝޭރުން އިރުމަތީ މަދާއިނަށް ފޮނުވާން ތައްޔާރުވަމުން އެބަގެންދެއެވެ. ދުޝްމިނުން ބެހެރާޝޭރު ޙިޞާރުކޮށްފި ކަމުގައިވާނަމަ ސަރުކާރުން ޤައިދީންތައް ދޫކޮށްލުމަކީ އެކަށީގެންވާ ކަމެއް ނޫންތޯއެވެ. "ކަލާގެ ބޭބޭފުޅު!" يـاسمـين ގެ އަޑުފުޅު ބެދިއްޖެއެވެ. އޭނާގެ ލޯފުޅުން ކަރުނަފޮދު ފާއްދައިލައިފިއެވެ.

ماه بانو އޭނާގެ މުލައްދަނޑިފުޅުގައި ހިއްޕަވައިފައި އަރިހުގައި ބައިންދަވައިފިއެވެ. އޭނާގެ އިސްތަށިފުޅުގައި ފިރުންމަވައިލައްވައިފައި ވިދާޅުވިއެވެ. "يـاسمـين އެވެ. އަޅުގަނޑުގެ ބޭބެ މިނިވަންވުމަށް ޤުދުރަތުން މިންވަރުކުރައްވައިފައިވާ ވަގުތު ޖެހުމާއެކު ޖަލުތަކުގެ ދޮރުތައް ހުޅުވޭކަށެއް ލަހެއްފަހެއް ނުވާނެއެވެ. ކަޅު ކޮންމެ ރެއެއްވެސް ޤުދުރަތީ ހަމައިން ނިމެނީ ފަތިހަކަށެވެ. އަޅުގަނޑުގެ ހިތްބުނާގޮތުގައި އަޅުގަނޑުމެންގެ މުސީބަތުގެރޭ ނިމޭން އެބަކައިރިވެއެވެ."

1. ފާރިސީންގެ ވެރިރަށް މަދާއިނަކީ ހަތް އަވަށެއްގެ މައްޗަށް އެކުލެވިގެންވާ ރަށެކެވެ. މަދާއިނު ބަހައިފައިވަނީ މައިގަނޑު ދެބަޔަކަށެވެ. ދެބައިގައިވެސް ރަސްކަމުގެ ގަނޑުވަރުތައް ހުރެއެވެ. އެއީ ހުޅަނގު މަދާއިން (ބަހެރާޝޭރު) އިރުމަތީ މަދާއިން އާއި ޠައިސްފޫނާއި (އަސްފާނުބަރުގަ) އެވެ. ރަސްކަމުގެ ކޮއިލު ހުންނަނީ އަސްފާނުބަރުގައެވެ.

يـاسمـين ވިދާޅުވިއެވެ. "އަޅުގަނޑު ވިސްނާގޮތުގައި ކޮންމެވެސް ދުވަހަކުން އީރާނުގެ ލަޝްކަރަށް އޭނާގެ ބޭނުންތެރިކަން އިޙުސާސް ވާނެއެވެ. ޝަހެންޝާހު އޭނާ ބަލައިފޮނުއްވައިގެން ގެންދަވައިފައި ވިދާޅުވާނެއެވެ. އަޅުގަނޑު ކަލާ ބޭނުމެވެ."

"އަޅުގަނޑު ދުޢާކުރަނީ މާތްކަލާނގެ އަޅުގަނޑުގެ ބޭބެ ވެއްޓެމުންދާ ފާރުތަކާ ދުރުގައި ބެހެއްޓެވުން އެދިއެވެ. يـاسمـين އެވެ. ޤައިދުޚާނާއިން ނުކުމެވަޑައިގެންނެވުމަށްޓަކައި ޝަހެންޝާހުގެ އަޅުވެތިކަމުގެ ކަސްތޮޅު އަޅުއްވަން އޭނާ ގަބޫލުވެވަޑައިނުގަންނަވާތޯ ކަލާވެސް ދުޢާކުރައްވާށެވެ. އޭނާޔާމެދު އޯގާވެރިވެވަޑައިގަންނަވާތޯ ރުސްތުމުގެ އަރިހުގައި އާދޭސްކުރެވުނީތީވެސް އަޅުގަނޑު މިހާރު ލަދުގަނެއެވެ. ރުސްތުމާމެދު މާޔޫސްވުމުން ޕޫރާންދުޚުތުގެ އަރިހަށް ނުވަތަ ޔަޒުދުގިރުދުގެ އަރިހަށް ދިއުމާމެދުވެސް އަޅުގަނޑު ވިސްނީމެވެ. ނަމަވެސް ޤުދުރަތުން އަޅުގަނޑަށް މަގުދެއްކެވިއެވެ. ކުށްމަގަކުން ހިނގިޔަނުދެއްވައި މަނާކުރެއްވިއެވެ. އަޅުގަނޑުގެ ބޭބެ ޖަލުގައި އެހުންނަވަނީވެސް އަޅުގަނޑުގެ ބޭބެއަށް ކޮންމެވެސް ހެވަކަށްޓަކައި ކަމުގައި ވިސްނައިވަޑައިނުގަންނަވަނީ ކީއްވެތޯއެވެ؟"

يـاسمـين ވިދާޅުވިއެވެ. "މުސްލިމުންނަށް ފަތަޙަ ލިބިއްޖެނަމަ ކަލާގެ ބޭބެ ދޫކޮށްލާނެކަން ކަލާއަށް ޔަގީންފުޅުތޯއެވެ؟"

"އަޅުގަނޑުގެ އުޚުތާއެވެ! އެ ޔަގީނަކީ އަޅުގަނޑުގެ ޙަޔާތުގެ އެންމެފަހުގެ އުއްމީދެވެ. އަޅުގަނޑަށް މިހާރު ގަބޫލުކުރެވެނީ ނިހާޔަތުގެ މާޔޫސްކަމުގައި ކުޑަވެސް އާރެއްބާރެއް ނެތިހުރެ އަޅުގަނޑުކުރި ދުޢާތައް އިޖާބަކުރެއްވުމުގެ ވަގުތު ކައިރިވެއްޖެކަމުގައެވެ. ކަލާ ތިޔަ ބިރުފުޅުގެން ވަޑައިގަންނަވާ ޠޫފާނުގެ ވަޔާއެކު އުފުލޭ ހިރަފުހުގެ ތެރެއިންވެސް އަޅުގަނޑު ދެކެނީ ރަޙުމަތުގެ ވާރޭވިލާތަކެވެ. އަޅުގަނޑު ބިރުގަންނަނީ އެންމެ ކަމަކާއެވެ. އެއީ އަޅުގަނޑުގެ ބޭބެ އަނިޔާއިން ސަލާމަތްވެވަޑައިގެންނެވުމަށްފަހު އަނެއްކާވެސް އަނިޔާވެރީންނާ ބައިވެރިވެވަޑައިގަންނަވަން ވާގިލައްވައިފާނެތީއެވެ. ކަލާވެސް އޭނާޔަށް ހެޔޮއެދިވަޑައިގަންނަވާކަމުގައިވާނަމަ އަޅުގަނޑު މިކުރާގޮތަށް ދުޢާކުރައްވާށެވެ. މަގުފުރެދުމުގެ މުސީބަތުގެ ގޮށްރާޅުގަނޑަކުން ސަލާމަތްވެވަޑައިގެންނެވުމަށްފަހު ދެވަނަ ފަކޫގަނޑެއްގައި ހައްޔަރުވެވަޑައިނުގަންނަވާތޯ ދުޢާކުރައްވާށެވެ. އަޅުގަނޑުގެ ކުރިމަތީގައިއޮތީ ހަމައެކަނި އޭނާ ޖަލުން ސަލާމަތްކުރުން ކަމުގައިވީނަމަ ރުސްތުމު އަވަހާރަވުމުން އަޅުގަނޑުގެ ކުރިމަތިން ވަނީ ވަރަށްގިނަ ހުރަސްތަކެއް ނެތިފައެވެ. ލަޝްކަރުތަކުގެ ކޮމާންޑަރުންނަށާއި ސަރުކާރުގެ ފުރަދާނައިންނަށާއި ފަހަރެއްގައި ކިސްރާއަށްވެސް އެބޭފުޅުންނަށް އަޅުގަނޑުގެ ބޭބެގެ ޚިދުމަތް ބޭނުންފުޅުވާނެކަން އަޅުގަނޑަށް ޔަގީންފުޅުކޮށް އެރުވިއްޖައީސްކަމުގައި އަޅުގަނޑު ދެކެމެވެ. އެބޭފުޅުން އަޅުގަނޑުގެ ވާހަކަޔަށް ސަމާލުކަން ނުދެއްވަންވީ ސަބަބެއް އޮތްކަމަކަށެއްވެސް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ. ނަމަވެސް އަޅުގަނޑު އިންސާނުންގެ ބަދަލުގައި ކަލާނގެ ޙަޟުރަތުން މަދަދު އެދޭން ފެށުމުން އަޅުގަނޑުގެ ހިތަށް މާބޮޑަށް ހަމަޖެހުން ލިބޭންފަށައިފިއެވެ. އެކަލާނގެ އަޅުތަކުންގެ ހާލާމެދު އެކަލާނގެ ޣާފިލުވެވޮޑިގެނެއް ނުވާނެއެވެ."

يـاسمـين ކޮންމެވެސް ވާހަކަފުޅެއް ވިދާޅުވާން އުޅުއްވިއެވެ. ނަމަވެސް ބޭރުން މީހެއްގެ ފިޔަވަޅުގެ އަޑު އިވޭންފެށުމުން يـاسمـين އާއި ماه بانو އާ ދެބޭފުޅުން އެއަޑަށް ސަމާލުކަން ދެއްވާން ފައްޓަވައިފިއެވެ. ދެބައިކުޅަ އެއްބަޔަށް ހުޅުވިފައިހުރި ދޮރުފަތުގެ ތެރެއިން ކާއޫސު ކޮޓަރިތެރެއަށް ބޯދީ ބަލައިލައިފިއެވެ. ماه بانو ގެ އަތްޕުޅުގެ އިޝާރާތް ލިބިގެން އޭނާ އެކޮޓަރިޔަށް ވަދެއްޖެއެވެ.

ماه بانو ސުވާލުކުރެއްވިއެވެ. "ކާއޫސު ބޮޑުބޭބެއެވެ. މިހައި ލަސްވަންދެން ތިޔައުޅެނީ ކޮންތަނަކުހެއްޔެވެ؟"

"އަޅުގަނޑު ބާޒާރުމަތީގައި އުޅެލައިފައި އިރުމަތީ މަދާއިނަށް ދިޔައީއެވެ."

"ތެދެއްހެއްޔެވެ؟ އެބައިމީހުން ސާބާޠު ފަސްދީ ކުރިއަރާން ފަށައިފިހެއްޔެވެ؟"

"އާދޭހެވެ. ސިފައިންގެ ކޮމާންޑަރ އިން ޗީފާއި ޝާހީ ލަޝްކަރުގެ އިސްކޮމާންޑަރު ޤަތުލުވެއްޖެއެވެ. އީރާނުގެ ސިފައިން ދިޖުލާ ހުރަސްކޮށް ކޯރުގެ މިފަރާތަށް ފަހަތަށްޖެހިލައިފިއެވެ. މަދާއިނުގެ ޢަސްކަރީ މަރުކަޒުން އާލަޝްކަރެއް ފޮނުވުމާމެދު އަދިވެސް ގޮތެއް ނުނިމެއެވެ. ހީވާގޮތުން އީރާނުގެ ލަސްކަރު ހާމަ މައިދާނެއްގައި މުސްލިމުންނާ ކުރިމަތިލުމުގެ ބަދަލުގައި ވިސްނަނީ ކިއްލާ ބަންދުކޮށްގެންތިބެ މުސްލިމުންނާ ކުރިމަތިލާށެވެ. މުސްލިމުން މަދާއިނަށް ޙަމަލަދީފިނަމަ ބެހެރާޝޭރުން މީހުން ހުސްކުރުމަކީ އެކަށީގެންވާ ކަމެކެވެ. އަޅުގަނޑު ކޯރު ހުރަސްކުރިއިރު ފާލަންމަތީން ވަނީ ބައެއް އަމީރުން އެބޭފުޅުންގެ އަހުލުއިޔާލުން ބެހެރާޝޭރުން އިރުމަތީ މަދާއިނަށް ބަދަލުކުރައްވާތީ ފެނިފައެވެ."

ކާއޫސު އިރުކޮޅަކު ވާހަކަ ދައްކަން ހުރެފައި ބޭރަށް ނުކުމެ ބަގީޗާގެ ތެރޭގައި ގަހެއްގެ ހިޔަލުގައި އިށީނދެއްޖެއެވެ. يـاسمـين އިރުކޮޅެއް ކޮށްލައްވައިފައި ماه بانو ގެ އަރިހުގައި ވިދާޅުވެއްޖެއެވެ. ވަރަށްބޮޑަށް އުދާސް އެބަވެއެވެ. މިހާރު ހަވީރުވާން އުޅެނީއެވެ. ބޭރަށް ނިކުންނަމާތޯއެވެ؟

ماه بانو ވިދާޅުވިއެވެ. "ކަލާ ވަޑައިގަންނަވާށެވެ. އަޅުގަނޑުވެސް ފެންވަރައިލައިގެން އެބަދަމެވެ."

يـاسمـين ބޭރަށް ނުކުމެވަޑައިގެންފިއެވެ. ފެންޑާމަތީގައިހުރި ގޮނޑިއެއްގައި އިރުކޮޅަކު އިންނަވައިފައި ފޫހިފުޅުވެގެން ބަގީޗާގެ ތެރެޔަށް ނުކުމެވަޑައިގެން ސަންގުމަރުމަރު ހައުޟުގެ ތުންފަތްމަތީގައި އިށީނދެވަޑައިގެންފިއެވެ. އޭނާ ހުވަނދުމާ ގަހަކުން މާކޮޅެއް ބިންނަވައިގެން މަލުގެ ވަސްބައްލަވަމުން ކުރިޔަށް ހިންގަވައިގެންނެވިއެވެ. ގޯތީގެ އެތެރެފާރުގެ ދޮރޯއްޓާ ހަމަޔަށް ވަޑައިގެންފައި އަނބުރައިލައްވަން ހީފުޅުކުރެއްވިތަނާ ބަޔަކުމީހުން އަންނާތީ ފެނިވަޑައިގެންފިއެވެ. يـاسمـين ގެ ފައިންޕުޅު ބިންމަތީގައި ހަރުލިކަހަލައެވެ. ސިފައިންގެ އޮފިސަރެއްހެންހީވާ ޒުވާނެއް ވަރަށް އަނަރޫފަ މީހަކު އަތުލަފިކޮށްގެން އާދެއެވެ. އިތުރު އެހެން ތިންމީހަކުވެސް ތިއްބެވެ. އޭގެތެރެއިން ދެމީހުންނަކީ ސިފައިންގެ ދެމީހުންނެވެ. ދެންހުރީ يـاسمـين ގެ ޚާދިމެކެވެ. އެމީހުން يـاسمـين އާ ތިރީހަކަށް ފިޔަވަޅު ދުރަށް ހުއްޓިއްޖެއެވެ. ސިފައިންގެ އޮފިސަރާއި ސިފައިންގެ ދެމީހުން ވަރަށް ކުޑައިރުކޮޅަކު އެމީހާއާ ވާހަކަދެއްކުމަށްފަހު އަދަބުވެރިކަމާއެކު ސަލާންކޮށްފައި ހިނގައްޖެއެވެ. يـاسمـين ގެ ނޯކަރު އެ އަނަރޫފަ މީހާއަށް އެހީވާން އުޅުނެވެ. ނަމަވެސް އެމީހާ ނޯކަރުގެ އަތްފޮޅުވައިލައިފިއެވެ. ނޯކަރަށް އަލުން ކައިރިވާކަށެއް ނުކެރުނެވެ. އެމީހާ މަޑުމަޑުން ފިޔަވަޅު އަޅަމުން ކުރިޔަށް އާދެއެވެ. يـاسمـين ހުއްޓުންއަރާކަހަލަ ގޮތްކޮޅެއްވެފައި އެމީހާއާ ދިމާޔަށް ބަލަހައްޓަވައިގެން ހުންނެވިއެވެ. ކުއްލިޔަކަށް އޭނާގެ މޭފުޅުގައި އުފެދުނު އުދާސްކަމެއް އޭނާގެ ލޯފުޅުމައްޗަށް ފެތުރިގެންފިއެވެ. އޭނާގެ ހިތްޕުޅު ބާރަށް ތެޅެނީއެވެ. ނޭވާފުޅު އަވަސްވަނީއެވެ. އޭނާ ވާހަކަ ދައްކަވާން ބޭނުންފުޅުވިއެވެ. އެކަމަކު އޭނާގެ އަނގަފުޅުން އަޑެއް ބޭރެއް ނުކުރެއްވުނެވެ. މާޒީގެ ހުރިހާ ހިތާމަފުޅަކާއި މުސްތަޤުބަލުގެ ހުރިހައި އުފާފުޅުތަކެއް އޭނާގެ އިޙުސާސާއި ޝުޢޫރުގެ ދުނިޔެއަށް އެއްފަހަރާ ވެރިވާން ފަށައިފިއެވެ. އޭނާ އެ ޝުޢޫރުތަކުގެ ފުންކަމުގެ ތެރެޔަށް ގެނބިވަޑައިގަންނަވަނީއެވެ. އޭނާ ފަޒާގެ އުސްކަމުގެ ތެރޭގައި އުދުހިވަޑައިގަންނަވަނީއެވެ. އޭނާގެ އަދަދު ނުކުރެވޭހައި ގިނަ ހުވަފެންފުޅުތަކާއި އެތަކެއްހާސް ދުޢާފުޅެއްގެ ޖަވާބު އެވަނީ އޭނާގެ ކުރިފުޅުމަތީގައެވެ. އޭނާގެ ބެއްލެވުމުގެ ކުރިމަތީގައި ކަރުނަފޮދުގެ ފަރުދާއެއް ހުރަސްވާން ފަށައިފިއެވެ. ބޭރުންއައިމީހާ ހައެއްކަ ފިޔަވަޅު ދުރަށް ހުއްޓިއްޖެއެވެ. يـاسمـين އިސްދަށަށް ޖައްސަވައިލައްވައިފިއެވެ.

"يـاسمـين" އޭނާ ބަލިކަށި އަޑަކުން ބުނެލިއެވެ. "ކަލާއަށް އަޅުގަނޑު އެނގިވަޑައެއް ނުގެންނެވި ދޮގެއްތޯއެވެ؟ އަޅުގަނޑަކީ ޒަރުބަޚުތެވެ."

يـاسمـين އިސްއުފުލައިލެއްވިއެވެ. އޭނާގެ ލޯފުޅުން ކަރުނަފޮދު އޮހޮރިގެންފިއެވެ. އޭނާ ކުއްލިއަކަށް ފަހަތަށް އެނބުރިވަޑައިގެންފިއެވެ. ބެދެމުން ތުރުތުރުއަޅަމުންދާ އަޑުފުޅަކުން ماه بانو އަށް ވިދާޅުވަމުން ގެޔާދިމާޔަށް ދުވެވަޑައިގެންފައި ވަޑައިގެންފިއެވެ. ماه بانو ފެންޑާގެ ބޭރުގައި އޭނާގެ އިސްތަށިފުޅުން ފެން ފެއްލަވަން ހުންނެވިއެވެ. يـاسمـين ބޭއިޚުތިޔާރުގައި ماه بانو އާ އޮޅުލައިވަޑައިގެންފިއެވެ. އޭނާ ކުޑަކުއްޖަކު ފަދައިން ގިސްލައްވަމުން ވިދާޅުވިއެވެ. "ماه بانو! ماه بانو! ކަލާގެ ބޭބެ! ކަލާގެ ބޭބެ!"

ماه بانو ސިކުންތުކޮޅެއްވަންދެން ހައިރާންފުޅުކަމުގައި ހުންނެވިއެވެ. ކުއްލިޔަކަށް ގަސްތަކުގެ ބިއްދޮށުން ޒަރުބަޚުތު ފެނިވަޑައިގެންފިއެވެ. ماه بانو يـاسمـين އެއްފަރާތަކަށް ޖައްސައިލައްވައިފައި ކުރިޔަށް ވަޑައިގެން "ބޭބޭފުޅާއެވެ! ބޭބޭފުޅާއެވެ!" ވިދާޅުވެފައި ޒަރުބަޚުތާ އޮޅުލައިވަޑައިގެންފިއެވެ.

ޒަރުބަޚުތު ކުޑައިރުކޮޅެއްވަންދެން ماه بانو އޭނާގެ މޭފުޅުގައި ޖައްސައިލައްވައި ބޮނޑިކޮށްލައްވައިގެން ހުންނެވިއެވެ. އިރުކޮޅަކުން ވިދާޅުވިއެވެ. "ބޭބެ އެތެރެޔަށް ގެންދަވާށެވެ. ބޭބެ ވަރުބަލިވެއްޖެއެވެ. ބޭބެގެ ބޯއަނބުރަނީއެވެ."

ماه بانو ޒަރުބަޚުތަށް އެހީތެރިވެވަޑައިގެން ކުރިޔަށް ވަޑައިގަންނަވާން ފައްޓަވައިފިއެވެ. އޭނާ ޒަރުބަޚުތުގެ ވާތްޕުޅު ނަންގަވައި އޭނާގެ ކޮނޑުފުޅުމަތީން އަޅުއްވައިލައްވައިފިއެވެ. އެހާއިރުވީއިރު ކާއޫސާއި އެހެނިހެން ނޯކަރުންވެސް އަތުވެއްޖެއެވެ. އެމީހުން ޒަރުބަޚުތު އެނދަކަށްލައިގެން އެތެރެޔަށް ގެންގޮސްފިއެވެ.

+ + + + +

ޒަރުބަޚުތު ހޭފުޅުއަރައިގެން ލޯފުޅު ހުޅުއްވައިލައްވައިފިއެވެ. އޭނާއަށް ހޭހަންކުރައްވަން ތިއްބެވި ބޭފުޅުންގެ މޫނުފުޅުތަކަށް ބައްތީގެ އަލީގައި ބައްލަވައިލެއްވުމަށްފަހު ވިދާޅުވިއެވެ. "ބޭބެ މިއޮތީ ކޮންތަނަކުތޯއެވެ؟"

ماه بانو ބެދިފައިވާ އަޑުފުޅަކުން ވިދާޅުވިއެވެ. "ބޭބޭފުޅާއެވެ! މިއީ يـاسمـين ގެ މާފާފުޅުގެ ގެއެވެ. ބޭބެ ގެޔަށް ވަޑައިގެންނެވުމާއެކު ހޭފުޅު ނެތުނީއެވެ. އަޅުގަނޑުވަނީ ބޭސްވެރިޔަކު ބަލައި މީހަކު ފޮނުވައިފައެވެ. މިހާރު ބޭބެގެ ހާލުކޮޅު ކިހިނަކުންތޯއެވެ؟"

ޒަރުބަޚުތުގެ ލޯފުޅު يـاسمـين ގެ މޫނުފުޅަށް ހުއްޓިއްޖެއެވެ. އޭނާ އެހެން އޮންނަވައިފައި ފެންފޮދަކަށް އެދިވަޑައިގެންފިއެވެ. ނޯކަރެއް ދުވެފައިގޮސް ފެންތަށިކޮޅެއް ގެނެސްފިއެވެ. ماه بانو އޭނާ ނަންގަވާން އުޅުއްވުމުން ޒަރުބަޚުތު އޭނާގެ އަތްޕުޅު ދުރުކޮށްލައްވައިފައި ވިދާޅުވިއެވެ. "ބޭބެ ތިޔަހައި ބައްޔެއް ނޫނެވެ. ބޭބެ ވަރުބަލިވީއެވެ." ޒަރުބަޚުތު ފެންފޮދު ހިއްޕެވުމަށްފަހު ހިތްޕުޅު ހަމަޖެހިވަޑައިގެންނެވުމާއެކު ބާލީސްކޮޅުގައި އިސްތަށިފުޅު އަޅުއްވަމުން ވިދާޅުވިއެވެ. "ބޭސްވެރިޔަކު ގެންނެވުމުގެ ބޭނުމެއްނެތެވެ. ޝާހީ ބޭސްވެރިޔާ މިއަދުވަނީ ބޭބެ ބައްލަވައިފައެވެ. އޭނާ ބުނުއްވީ ބޭބެއަށް ބޭނުންވަނީ ދުވަސްކޮޅަކު އަރާމުކޮށްލުން ކަމުގައެވެ. އޭނާ ދެއްވި ބޭހުން ބޭބެއަށް ރަނގަޅުވިއެވެ. އެކަމަކު ޝަހެންޝާހާއި ޕޫރާންދުޚުތާ ބައްދަލުކުރިފަހުން އަނެއްކާވެސް ބޭބެ އަނބުރާގޮތްވާން ފެށީއެވެ. ބޭބެ ގެނެވުނީ ފާލިކީއަކަށް ލައިގެންނެވެ. ބޭބެއަށް ހެދުނު ގޯހަކީ ދޮރޯށިދޮށުން ފާލިކީ ދޫކޮށްލެވުނުކަމެވެ. ކޮއްކޮމެން މާބޮޑަށް ފިކުރުފުޅު ބޮޑުވެވަޑައިގެންފާނެތީއެވެ. يـاسمـين އަޅުގަނޑު ފެނިވަޑައިގެންފައި ހުންނެވީ ބިރުފުޅުންނެވެ. ފުރޭތައެކޭ ހީފުޅުވީވެސްކަން ނޭނގެއެވެ."

ماه بانو ވިދާޅުވިއެވެ. "ބޭބޭފުޅު ވަރަށް ވައްތަރުކޮޅު ދެރަވެއްޖެއެވެ. އާލާސްކަންފުޅާތޯއެވެ؟"

"ޤައިދީއަކަށް އެމީހެއްގެ ކުށެއް ނެތްކަމުގެ އިޙުސާސަކީ އެހެން ހުރިހައި ބަލިބައްޔަށްވުރެ ވޭންހުރި ބައްޔެކެވެ. ޖަލުގައި އެންމެ ކުރީންހުރި ބަނޑޭރި ބޭބެއަށް ވަރަށް ރަނގަޅެވެ. އޭނާގެ ފަރާތުން ރަށުތެރޭގެ ޚަބަރުތައްވެސް ބޭބެއަށް ލިބެއެވެ. އޭނާގެ ސަބަބުން ކޮންމެވެސް ދުވަހަކުން ބޭބެ މިނިވަންވެދާނެ ކަމަށްވެސް ބޭބެ އުންމީދުކުރީމެވެ. ނަމަވެސް އޭނާ ކުއްލިއަކަށް އެހެން ދިމާޔަކަށް ބަދަލުކޮށްފިއެވެ. ދެންއައި ބަނޑޭރި އައުމާއެކު ބޭބެއާމެދު ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ. ބޭބެ ކާއެއްޗެހިދެކެ ފޫހިވިފަހުންވެސް ވަރަށްގިނަ ދުވަސްވެއްޖެއެވެ. ބޭބެ ކައިއުޅުނީ ކިރިޔާ ދިރިހުރެވޭ ވަރަށެވެ. سُهيل ކޮބައިތޯއެވެ؟"

"އޭނާ... މިތާކު ނުއުޅެއެވެ." ماه بانو ކަންބޮޑުވެވަޑައިގެން ކާއޫސާ ދިމާޔަށް ބައްލަވައިލެއްވިއެވެ.

ކާއޫސު ހުރީ ޒަރުބަޚުތުގެ އިސްތަށިފުޅާވީ ކޮޅުގައެވެ. އޭނާ ޒަރުބަޚުތުގެ ގައިކޮޅަށް ފަންކާ ކުރަނީއެވެ. އޭނާ އަވަސްއަވަހަށް ބުންޏެވެ. އޭނާ މީގެދުވަސްކޮޅެއްގެ ކުރީން ދިޔައީ މުހިންމަތަކަށެވެ. މިހާރު އޭނާ ވީތަނެއް ނޭނގެއެވެ."

ޒަރުބަޚުތަށް ކާއޫސުގެ އަޑު ފާހަގަކުރެއްވިގެން ތެދުވެވަޑައިގެން އިށީނދެވަޑައިގެންފިއެވެ. އޭނާ ކާއޫސާ ދިމާޔަށް އެނބުރިވަޑައިގެން ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ކާއޫސު! ކަލޭ މިތާނގައި ހެއްޔެވެ؟"

ކާއޫސު ފެންކަޅިވެފައި ޖަވާބު ދިނެވެ. "އާދޭހެވެ! މަނިކުފާނުގެ އަމުރުފުޅާ ދެކޮޅަށް އަޅުގަނޑު މިތަނަށް އަތުވެއްޖައީމެވެ. އައިއިރު މަނިކުފާނު ހުންނެވީ ޖަލުގައެވެ. އެކަން އެނގުމުން އަޅުގަނޑަކަށް ماه بانو ދޫކޮށްލައިފައި ދާކަށެއް ނުކެރުނެވެ."

"އަހަރެން ކަލެޔަށް ޝުކުރުވެރިވަމެވެ."

يـاسمـين ލަދުފުޅުން ހުންނަވައި ވިދާޅުވިއެވެ. "ކަލާ އެއްޗެއް ފަރީއްކުޅުއްވާނުތޯއެވެ؟"

ޒަރުބަޚުތު ޖަވާބު ދެއްވިއެވެ. "ބޭސްވެރިޔާ އަޅުގަނޑަށް މަޝްވަރާދެއްވީ ދުވަސްކޮޅެއްވަންދެން ހުސްއެކަނި ކިރު ބޭނުންކުރުމަށެވެ."

ކާއޫސު އޭނާގެ އަތުގައި އޮތް ފަންކާ އެހެން ޚާދިމެއްގެ އަތަށް ދީފައި ބުންޏެވެ. "އަޅުގަނޑު ކިރުތަށިކޮޅެއް ގެންނާނަމެވެ."

ޒަރުބަޚުތު ވިދާޅުވިއެވެ. "ކާއޫސެވެ! ޝަހެންޝާހު ވަނީ ޝާހީ ބޭސްވެރިޔާއަށް އަހަންނަށް ފަރުވާކުރާން އަމުރުކުރައްވައިފައެވެ. އޭނާ ކޮންމެ ދުވަހަކު ހެނދުނު ދުރުވާނެއެވެ. ނޯކަރުން އެހެން ބޭސްވެރިޔަކު ގެނެސްފައި ހުރިކަމުގައިވާނަމަ އަނބުރައި ފޮނުވައިލާށެވެ."

(ނުނިމޭ)