ޖުމްހޫރީ ޕާޓީގެ (ޖޭޕީ)ގެ ސްލޮޓެއްގައި ސަރުކާރުގެ މަގާމެއްގައި ހުރި ބޭފުޅެއްވިޔަސް، އެހެން ޕާޓީގެ ބޭފުޅެއްވިޔަސް ގާނޫނާ ހިލާފަށް ކަމެއް ކޮށްފިނަމަ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އެޕާޓީން ބުނެފިއެވެ.
ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ، ކޯލިޝަން ޕާޓީއެއްގައި ހައިސިއްޔަތުން ޖޭޕީއަށް ލިބޭ ސްލޮޓްތަކަށް ބޭފުޅުން ކަނޑައަޅައި ނަންތައް ޖޭޕީން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމުން ބައްލަވަން ޖެހިވަޑައިގަންނަވާ ކަންކަން ބެއްލެވުމަށްފަހު އެ ބޭފުޅަކު ކެބިނެޓް މިނިސްޓަރަކަށް ނުވަތަ އެއްވެސް ސިޔާސީ މަގާމަކަށް އައްޔަންކުރައްވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސްގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އެބޭފުޅަކަށް ހަވާލުކުރެވުނު މަސްއޫލިއްޔަތު ފުރިހަމައަށް ގާނޫނީ ހަމަތަކުގެ ތެރެއިން އަދާކުރުމަށް ކަމަށެވެ. އަދި އައްޔަންވާ ބޭފުޅަކު އުސޫލުތަކުގެ ތެރެއިން ފުރަން ޖެހޭ ގާނޫނީ ލިޔެކިޔުން އަދި ކުށުގެ ރެކޯޑް ފުރިހަމަކޮށް އޮންނަ އުސޫލުތަކުގެ ތެރެއިން ކުރިއަށް ގެންދަންވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ޕޭޖީގެ ފަރާތުން ފޮނުވާ ނަމެއް އައްޔަނުވުމަށްފަހު އެބޭފުޅަކު ސަރުކާރުގައި އަދާކުރާ މަސްއޫލިއްޔަތު އެ ޕާޓީން ބަލައި މޮނީޓާކޮށް ނުހަދާނެ ކަމަށާއި އެކަން ކުރަން ޖެހެނީ ސަރުކާރުން ކަމަށްވެސް އަލީ ސޯލިހު ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، އެބޭފުޅަކު އުސޫލުތަކާއި ގަވައިދުތަކާއި ގާނޫނުތަކުން ބޭރުން ކުރާ ކަމެއްގައި ރައީސް ސޯލިހު އަޅުއްވާ ފިޔަވަޅަކާ މެދު ޖޭޕީން ބަސްކިޔައި ގޮތް ކިޔައި ނުހަދާނެ ކަމަށާއި ޖޭޕީއަކީ ތަހުގީގީ އިދާރާއެއް ނޫން ކަމަށެވެ.
ރައީސް ސޯލިހު ކަމެއްގައި އަޅުއްވާ ފިޔަވަޅު އަޅުއްވާނީ އެކަމެއް ބަލަންޖެހޭ އެންމެ ފުރިހަމައަށް ބެއްލެވުމަށްފަހު ކަމާ މެދު ޖޭޕީން ޝައްކު ނުކުރާ ކަމަށާއި އެހެންކަމުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ތިއްބެވި ޖޭޕީގެ ބޭފުޅުން ގާނޫނާއި ގަވައިދާ ހިލާފު ކަމެއް ކޮށްފައިވާނަމަ ނުވަތަ އެހެން ޕާޓީއެއްގެ ބޭފުޅަކުވެސް އެފަދަ ކަމެއް ކޮށްފައިވާނަމަ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.
ޖޭޕީގެ ސްލޮޓެއްގައި ސަރުކާރުގެ މަގާމެއްގައި ހުރި ބޭފުޅެއްވިޔަސް، އެހެން ޕާޓީގެ ބޭފުޅެއްވިޔަސް ގާނޫނާ ހިލާފަށް ކަމެއްކޮށްފިނަމަ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އެޕާޓީން ބުނެފައިވާ އިރު، ޖޭޕީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރު ކަމަށް އައްޔަނުކުރެވުނު އަބްދުﷲ އަމީންއަށް އަންނަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އަދި ޖޭޕީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އެޕާޓީގެ ރައީސް އަލީ ވަހީދު ވެސް ޖިންސީ ގޯނާގެ މައްސަލަތަކެއްގައި ދާދިފަހުން ވަނީ މިނިސްޓަރުކަމުން ވަކިކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު