ރާއްޖެއަކީ ހުނަރުވެރި އެތަކެއް ބަޔަކު އުޅޭ ގައުމެވެ. ފަރުދާނެ ނިވަލުގައި ބައެއް މީހުން އެމީހުންގެ ހުނަރު ދައްކާއިރު، އަނެއްބައި މީހުންނަކީ އެމީހުންގެ ހުނަރު ގިނަ ބަޔަކަށް ފެނިފައިވާ، މަޝްހޫރު މީހުންނެވެ. އެގޮތަށް ފަރުދާގެ ނިވަލުގައި، ގިނަ ބައެއްގެ ލޮލުގައި އަޅައި ނުގަނެ، އެތައް ފަންނުވެރިންނެއް އެބަތިއްބެވެ. އޭގެ ތެރެއިން އެއް ފަންނުވެރިޔަކީ، ހދ. ނޭކުރެންދޫއަށް އުފަން، އުމުރުން 27 އަހަރުގެ ސައުދިއްޔާ މުހައްމަދު (ސައު)އެވެ.

އެންމެ ކުޑައިރުއްސުރެ، ފެޝަން އިންޑަސްޓްރީއަށް ލޯބި ޖެހިފައިވާ ސައު އަކީ، މޭކަޕްގެ ރޮނގުން ބޮޑެތި ކާމިޔާބީތަކެއް ހޯދުމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އުންމީދު ކުރަމުން އައި ޒުވާނެކެވެ. ކަޅާއި ހުދުން ސައު ދެކުނު ހުވަފެނުގައި ހަގީގީ ކުލަ ޖެހެން ފެށީ 2018 ވަނަ އަހަރުން ފެށިގެންނެވެ. ޔޫޓިއުބާއި ބައެއް ފޮޓޯ ބަލައިގެން އެންމެ ފުރަތަމަ އާއިލާއާއި ގާތް ރަހުމަތްތެރިންނަށް ސައު މޭކަޕްކޮށްދިން ނަމަވެސް މިހާރު އޭނާ އެކަން ކުރަނީ އާމްދަނީ ހޯދުމުގެ ގޮތުންނެވެ.

މޭކަޕް ކުރަން ފެށުނު ގޮތް "ވަން" އާ ހިއްސާކުރަމުން ސައު ބުނީ، މޭކަޕް ކުރުމަކީ އެންމެ ކުޑައިރުއްސުރެ ކުރާހިތްވި ކަމެއް ކަމަށެވެ. ނަމަވެސް ރަސްމީ ގޮތެއްގައި މޭކަޕް ކުރަން ފެށީ 2018 ވަނަ އަހަރުގައި ކަމަށް ސައު ބުންޏެވެ.

"ފުރަތަމަ ހަމަ ފެމިލީ އެންޑް ފްރެންޑްސްއަށް ކޮށްދިނީ. ކޮންމެ މީހަކުވެސް މޭކަޕެއް ކުރަންވީމަ ސައު ގާތު ބުނާނެ. ދެން ފަހުން ކްލަޔަންޓުންވެސް ލިބޭ" ސައު ބުންޏެވެ.

ސިޕިން ހޯލްޑިންގްގައި، ބްރޯކަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ ސައު ބުނި ގޮތުގައި، މޭކަޕް ކުރުމަށް އޭނާ ވަގުތު ހޯދަނީ، ވަޒީފާ ނިންމައިލުމަށް ފަހު ލިބޭ ހުސްވަގުތުތަކުގައި ކަމަށެވެ. އަބަދުވެސް އާ ވައްތަރުތަކުގެ މޭކަޕްތައް ކުރުމަށް ޝައުގު ހުންނަ ކަމަށް ސައު ބުނެއެވެ. އެގޮތުން އޭނާ އެންމެ ކުރާ ހިތްވަނީ ފޭސް ޕެއިންޓިންނެވެ.

"މިހާރު ކުރަން ގްލާމް، ފޭސް ޕެއިންޓިން އަދި ސްޕެޝަލް އެފެކްޓް މޭކަޕްސް. އެންމެ ކުރާ ހިތްވަނީ ފޭސް ޕެއިންޓިން. ދެން ކޮންމެ ކަހަލަ މޭކަޕެއް ކުރިޔަސް އައި ޓްރައި ޓު ގިވް މައި ބެސްޓް" ސައު ބުންޏެވެ.

ސައު މޭކަޕްކުރަން ފެށީ އަމިއްލައަށް ތަކެތި ގަނެގެންނެވެ. ސައުގެ އެ މަސައްކަތުގައި، އާއިލާއާއި ރަހުމަތްތެރިންގެ އިތުރުން ލޯބިވެރިޔާގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ ކަމަށް އޭނާ ފާހަގަކުރެއެވެ. މޭކަޕް ކުރުމުގައި އެ މީހުންގެ ފަރާތުން ލިބޭ އެއްބާރުލުން ސައު ފާހަގަކުރަނީ ޝުކުރުވެރިކަމާއެކުއެވެ.

މޭކަޕްކުރުމުގައި، މިހާތަނަށް ސައުއަށްވަނީ ބޮޑެތި ކުރިއެރުންތަކެއްވެސް ލިބިފައެވެ. އަމިއްލަ މޫނުގައި ކުރާ ބައެއް މޭކަޕާއި، ބައެއް ކްލަޔަންޓުންނަށް ކޮށްދޭ މޭކަޕްތައް އޭނާގެ ފޭސްބުކް ޕޭޖް "Diya" އަދި އިންސްޓަގްރާމް ޕޭޖު "diya.artistry"އަށް ދޫކޮށްލުމުން ގިނަ ބަޔަކަށް އޭނާގެ މޭކަޕްތައް ކަމުދިޔައެވެ. ނަތީޖާއަކަށް ވީ، ރާއްޖޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ "ދި ޓިއުން ބޭންޑް"ގެ ހެލޮވީން މޭކަޕް ކޮށްދިނުމަށް ފުރުސަތު 2019 ވަނަ އަހަރު ސެރަޓަންއިން އިންތިޒާމުކުރި އިވެންޓެއްގައި އޭނާއަށް ލިބުމެވެ. އެ ފުރުސަތުގެ ބޭނުން ސައު ހިފިއިރު، ސައުގެ ނަތީޖާއާ މެދު އެ އިވެންޓުގައި ބައިވެރިވި އެންމެންވެސް ތިބީ ހިތްހަމަޖެހިގެންނެވެ. އެތައް ބައެއްގެ ތައުރީފު އޭނާއަށް ލިބުނެވެ. އޭގެ ފަހުންވެސް ކުޑަކުދިންގެ ދެ ޕާޓީއެއްގެ މޭކަޕް ސައު ވަނީ ކޮށްދީފައެވެ.

އެކި ކަހަލަގެ މޭކަޕްކުރުމަށް އެކި ވަގުތު ނަގާ ކަމަށް ސައު ބުންޏެވެ. އެގޮތުން އެންމެ ގިނައިރު ނަގަނީ ސްޕެޝަލް އެފެކްޓްސްގެ މޭކަޕްތައް ކުރަން ކަމުގައި އޭނާ ބުންޏެވެ. ސައުއަށް މިހާތަނަށް އެންމެ ހިތްހަމަޖެހިގެން ކުރެވިފައިވަނީ، އޭނާގެ އަމިއްލަ މޫނުގައި ކޮށްފައިވާ ރާޅު ބާނިތަކެއް ސިފަވާ މޭކަޕެކެވެ.

ސްޕެޝަލް އެފެކްޓް މޭކަޕްތަކުގެ ތެރެއިންވެސް ސައު ކޮށްފައިވާ އެންމެ ތަފާތު މަސައްކަތަކީ އެކި ކާޓޫނު ކެރެކްޓާ ސިފާވާ މޭކަޕްތައް ކުރުމެވެ. އެގޮތުން ޑިސްނީގެ ގިނަ ކާޓޫނުތަކެއްގައި އުޅޭ ކެރެކްޓާ ސިފަވާ މޭކަޕްތައް އަމިއްލަ މޫނުގައި އޭނާ ވަނީ ކޮށްފައެވެ. ސައު ބުނި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އޭނާ އެންމެ ބޮޑަށް އިސްކަންދޭނީ ކުޑަކުދިންނާ ގުޅޭ މޭކަޕްތައް ކުރުމަށް ކަމަށެވެ. ހާއްސަކޮށް އެކި ކަހަލަގެ ކާޓޫނު ކެރެކްޓާތައް ސިފަވާ ކުޑަކުދިން ގަޔަވާނެ މޭކަޕްތައް ކުރުމަށެވެ.

ޝައުގެ އުންމީދަކީ، މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މޭކަޕް ކުރުމުވެ. އަދި ފެޝަން އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ މީހަކަށް ވުމެވެ. މޭކަޕްކުރުމަކީ ރަނގަޅު އާމްދަނީއެއް ހޯދިދާނެ ކަމެއް ކަމަށް ސައު ގަބޫލު ކުރެއެވެ. އެ ދާއީރާއަށް ޝައުގު ހުންނަ ކުދިންނަށް ސައުގެ އޮތީ ކުރު އަދި އެހާމެ ފުން މެސެޖެކެވެ. އެއީ، ޝައުގު ހުރިއްޔާ އެކަން ހަގީގަތަށް ހެދުމަށް ފަހަތަށް ޖެހުމެއް ނެތި މަސައްކަތް ކުރުމެވެ.

"ވަން"ގެ ޓީމުން އެދެނީ ސައު އަށް ކާމިޔާބީއެވެ. އަދި ސައުގެ އުންމީދާ އެއްގޮތަށް، މޭކަޕްގެ ދުނިޔޭގައި ވިދާ ތަރިއަކަށް ވުމެވެ.