ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް، އެމްޑީޕީން ވަކިކުރުމަށް އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ.
ހާމަކަން ބޮޑު ގޮތެއްގައި ރައީސް ނަޝީދާ ދެކޮޅަށް ވާހަކަދައްކަވައި، ފާޑުވިދާޅުވަމުން އަންނަ ރޮޒެއިނާ އެމްޑީޕީން ވަކިކުރުމަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕު މެދުވެރިކޮށެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ރައީސް ނަޝީދު ލިޔުއްވާފައިވަނީ ރޮޒެއިނާ ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް ހުށަހަޅާ ކަމަށެވެ. ނަމަވެސް ރޮޒެއިނާ އެމްޑީޕީން ވަކިކުރަން ހުށަހެޅުއްވީ ކޮން ސަބަބަކާ ގުޅިގެންކަމެއް ރައީސް ނަޝީދު ވިދާޅުވެފައެއް ނުވެއެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ވެސް ފައްޔާޒްގެ ދިފާއުގައި ވާހަކަދައްކަވާ މެންބަރުންގެ ތެރޭގައި ރޮޒެއިނާ ހިމެނިވަޑައިގަންނަވައެވެ. ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ ކަންތަކުގައި އެންމެ އިސްކޮށް އުޅުއްވަނީ ރައީސނަޝީދާއި އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމެވެ.
އެކަމާ ގުޅޭގޮތުން ދާދިފަހުން ރޮޒެއިނާ ވިދާޅުވެފައިވަނީ "ޔެސް ބޮސް" ކިޔަން ދަސްވެފައި ނެތުމަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި މަސައްކަތް ކުރުމަށް އޭނާއަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަން ކަމަށެވެ.
"މިހެން މިކަން އޮތަސް، ފުރައްސާރަ ކުރިޔަސް، ބުނަންޖެހޭ އެއްވެސް ސާބިތުކަމާއެކު ހަމަ ބުނަމުން ދާނީ. ވާއެއްޗެއް ވާނެ،" ރޮޒެއިނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރައީސް ނަޝީދު ކުރައްވާ ކޮންމެ ގައުމަށް ފައިދާ ހުރި ރަނގަޅު ކަމެއްގައި އެމަނިކުފާނުގެ ފަހަތުގައި އެންމެ ގާތުން މަސައްކަތް ކޮށްދޭން ހުންނާނެ ކަމަށާއި ނަމަވެސް ޒަމީރު ގަބޫލުނުކުރާ ކަންތައްތަކުގައި ދެކޮޅު ހަދާނެ ކަމަށެވެ. އަދި އެއީ ރައީސް ނަޝީދާ އެއްވެސް ޒާތީ ކަމެއް އޮވެގެން ނޫން ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު