Close
ލައިފް ސްޓައިލް

އޭދަފުށީ އިބޫއާއި އިންޑޮނޭޝިޔާ މިޔާގެ ކައިވެނީގެ ވާހަކަ! އަސަރާއި އިބުރަތުން ފުރިފައި

އަލީ ޔާމިން

5

ލޯބީގެ ލާމަސީލު މިސާލުތަކުން ނަމޫނާ ދައްކާފައިވާ އެތައް ދެމެފިރިޔަކު ރާއްޖޭގައިވެސް އެބައުޅެއެވެ. އަލަތު ކައިވެނި މަތީގައި އެކުއެކީގައި އުމުރު ދުވަސް ހޭދަކުރި މީހުންވެސް މަދެއް ނޫނެވެ. ނަމަވެސް ލޯބިވާ ދައްތައަށްޓަކައި އުފަން ގައުމު ދޫކޮށް، ނުވެސް ދަންނަ ބީރަށްޓެހި މާހައުލަކަށް މުޅި ދިރިއުޅުން ބަދަލުކޮށް، ކަޅާއި ހުދުން ކުރެހިފައިވާ މުސްތަގުބަލުގައި ހަގީގީ ކުލަ ޖެއްސޭނީ، ބޮޑު ގުރުބާނީއެއް ވެގެންކަން ޔަގީނެވެ. މިއީ ދިވެއްސަކާއި ކައިވެނިކޮށްގެން އުޅޭ، އިންޑޮނޭޝިއާގެ އަންހެނެއް ކަމުގައިވާ، ހަސްމިއްޔާ ދަހުލަންގެ ލޯބީގެ ފަލްސަފާއެވެ. ބ. އޭދަފުށީ، އިބްރާހިމް ހަސަން (އިބޫ) އާ ހަސްމިއްޔާ (މިޔާ)ގެ އަސަރުގަދަ ލޯބީގެ ވާހަކައެވެ.

އެއީ، 1995 ވަނަ އަހަރެވެ. އިންޑޮނޭޝިއާގެ ރަށެއްގެ ކުޑަ އަވަށެއްގައި ދިރިއުޅޭ ހަސްމިއްޔާ ނުވަތަ "މިޔާ" އަކީ މެދުފަންތީގެ އާއިލާއެއްގައި ހުރި އެންމެ ހަގު އަންހެން ކުއްޖާއެވެ. މިޔާގެ ކުޑަކުޑަ އާއިލާގައި ހިމެނެނީ އޭނާގެ މައިންބަފައިންނާއި ދައްތަ (ލީނާ)ގެ އިތުރުން ބޭބެއެވެ. މިޔާއަކީ ގެވެހި އަންހެން ކުއްޖެކެވެ. ގޭގެ ހަތަރު ފާރުން ބޭރަށް ނުކުމެ އުޅެނީ ކައިރީގައި ހުރި ސްކޫލަށް ދާން އެކަންޏެވެ. ދެން ބައެއް ފަހަރު ބައްޕަ މަސައްކަތް ކުރާ ނޫޑްލްސް ފެކްޓަރީއަށް ބައްޕައަށް އެހީތެރިވުމަށެވެ. ބޭކާރު ގޮތުގައި ބޭރުގައި އުޅުމަކީ މިޔާ ގަޔާވާ ކަމެއް ނޫނެވެ. މިޔާއަކީ މީހުންނަށް ހިތްހެޔޮ މަޑުމައިތިރި، ބަސްމަދު މީހެކެވެ.

އިބޫ އަކީ ބޯޓުދަތުރުކުރާ މީހެކެވެ. އިބޫއަށް ލީނާ އެންމެ ފުރަތަމަ ފެނުނީ އިބޫ އުޅޭ ބޯޓު ދަތުރުވަރިއެއްގައި އިންޑޮނޭޝިއާއަށް ބަނދަރު ކުރި ދުވަސްވަރެއްގައެވެ. ލީނާގެ ބައްޕަގެ ނޫޑްލްސް ފެކްޓަރީ ހުންނަނީ އިބޫ ދަތުރުކުރި ބޯޓު ބަނދަރުކޮށްފައި އޮތް ބަނދަރާ ފުދޭ ވަރަކަށް ކައިރީގައެވެ. އެހެންކަމުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އިބޫ އެ ފެކްޓަރީއަށް ގޮސް އުޅެއެވެ. އެހެން ގޮސް އުޅުމުގެ ތެރޭގައި އެ ފެކްޓަރީން އިބޫއަށް ލީނާ ފެނި އޭނާއަށް ހިތް ކިޔާގޮތް ވިއެވެ. ނަމަވެސް ލީނާއަކީ ދުވަހަަކުވެސް ފެނިފައި ނުވާ އަދި ނުވެސް ދަންނަ މީހެއް ކަމުން އިސްވެ ލީނާއާ ވާހަކަ ދައްކާކަށް އިބޫއަކަށް ނުކެރުނެވެ. އެހެންވެ، އިބޫގެ ރައްޓެއްސަކު ލައްވައި ލީނާއާ ވާހަކަ ދައްކުވައި އޭގެ ފަހުގައި ލީނާއާ އެކުވެރިކަން ބަދަހި ކުރިއެވެ. ދުވަހަށްވުރެ ދުވަހެއް އިބޫއާ ލީނާގެ ގުޅުން ދިޔައީ ބަދަހިވަމުންނެވެ. އިތުރު މޫތައް ލަމުންނެވެ. އެންމެ ފަހުން އެދެމީހުން ލޯބީގެ ގޮތުން ގުޅުނެވެ.

ލީނާއާ އިބޫ ލޯބީގެ ގުޅުމަށް ލީނާގެ އާއިލާއިންވެސް ވަރަށް ގަބޫލެވެ. ލީނާގެ މުޅި އާއިލާއިންވެސް އިބޫއާ މެދު ބަހައްޓަނީ ހާއްސަ ގާތްކަމެކެވެ. ލީނާގެ އާއިލާއިން ބޭނުން ވީ މާގިނަ ދުވަސް ނުކޮށް އެ ދެމީހުން ކައިވެނިކުރުމަށެވެ. ލީނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ، މިޔާވެސް އެކަމާ ވަރަށް ގަބޫލެކެވެ. އޭނާވެސް އިބޫއާ މެދު ދެކެނީ ވަރަށް ގާތްކޮށެވެ. އިބޫ އާއި، ލީނާގެ ކައިވެނީގެ މަޝްވަރާތައް ގޭތެރޭގައި ކުރެވެން ފެށިތާ މާ ދުވަހެއް ނުވެ އިބޫއާ ލީނާ ކައިވެނިކޮށް ހަޔާތުގެ ގޮށް އެކުގައި ޖަހާލައި ބާރުކޮށްލިއެވެ. ފޮނި އުންމީދުތަކާއެކު އުމުރަށް އެކުގައި އުޅުމަށެވެ.

ކައިވެންޏަށް ފަހު ލީނާ އޭނާގެ ފިރިމީހާ އިބޫއާއެކު ރާއްޖެއަށް ދިރިއުޅުން ބަދަލުކުރުން ވެގެންދިޔައީ ލީނާގެ ކުޑަކުޑަ އާއިލާއަށް ބޮޑު ފަޅުކަމެއް ގެނުވި ކަމަކަށެވެ. ވަކިން ހާއްސަކޮށް މިޔާއަށް އެކަން ވެގެން ދިޔައީ ފުން އަސަރެއް ކުރުވި ކަމަށެވެ. އެއީ، ދުވަހަކު އަޑުވެސް ނާހާ، ނުވެސް ދަންނަ ބީރަށްޓެހި ބައެއްގެ އަތްމައްޗަށް ހުރި ހަމައެކަނި އަންހެން ދައްތަ ދޫކޮށްލަން ދިޔުމުންނެވެ.

އިބޫ، ލީނާ ގޮވައިގެން އައީ، އޭނާގެ އުފަން ރަށް، ބ. އޭދަފުއްޓަށެވެ. އޭދަފުށްޓަށް ބަދަލުވުމަށް ފަހު ދުވަސްކޮޅަކު ރަށުގައި މަޑުކުރުމަށް ފަހު، އިބޫ އަނެއްކާވެސް ބޯޓުދަތުރު ކުރަން ފެށިއެވެ. އެއީ ބޯޓު ދަތުރުކޮށްގެން ރަނގަޅު އާމްދަނީއެއް ލިބޭތީއެވެ. އިބޫ މަސައްކަތްކުރާ ބޯޓު އިންޑޮނޭޝިއާއަށް ދާ ކޮންމެ ފަހަރަކު އިބޫ އުޅެނީ އޭނާގެ އަންހެނުންގެ ގޭގައެވެ. އެހެން ގޮސް އުޅޭއިރު، ލީނާގެ ވާހަކަތަކާއި، ރާއްޖޭގެ ވާހަކަތައް އިބޫ ކިޔައިދެއެވެ. އާއިލާއާ ބައްދަލުކޮށްލުމަށް ވަރަށް އަވަހަށް ލީނާ ގެނެސްދޭނެ ކަމަށް ބުންޏެވެ.

އިބޫ އާއި ލީނާގެ ކައިވެންޏަށް ތިން އަހަރު ވީއިރު، އެމީހުންނަށް ލޯބިލޯބި އަންހެން ކުއްޖަކު ލިބުނެވެ. އެއީ ނުހާއެވެ. ކައިވެންޏަށް ތިން އަހަރު ފަހުން ލީނާ، އޭނާގެ މައިންބަފައިންނާ ބައްދަލުކޮށްލުމަށް އިންޑޮނޭޝިއާއަށް ދިޔައެވެ. ލީނާ އޭނާގެ އުފަން ވަޒަނަށް ދިޔައީ ދެ އަހަރު ނުވާ އަންހެން ދަރިފުޅު ނުހާ ވެސް ގޮވައިގެންނެވެ. އެއިރު އެ ދަތުރަކީ ލީނާގެ ފަހު ދަތުރުކަމަށް އެކަކުވެސް ހީއެއް ނުކުރެއެވެ. އިބޫއާ ލީނާގެ ގުޅުން އެހާ އަވަހަށް ނިމިދާނެ ކަމަކަށް އެމީހުންވެސް ހީއެއް ނުކުރެއެވެ. ނަމަވެސް ތަގުދީރުގެ ނިޔާއާ ދެކޮޅެއް ނުހެދޭނެއެވެ. ކޮންމެ މީހަކީވެސް މި ފަނާ ކުރަނިވި އާލަމާ ވަކިވާން ޖެހޭނެ މީހެކެވެ.

ލީނާ އިންޑޮނޭޝިއާއަށް ދިޔައީ ބޮޑު އީދު ދުވަސްވަރުވެސް ގާތްވެފައި ވަނިކޮށެވެ. އިންޑޮނޭޝިއާގެ ސަގާފަތް އޮންނަ ގޮތުން އެދުވަހަކީ ވަރަށް ގަދަޔަށް ކައްކާ ދުވަހެކެވެ. މީރު ކެއުންތަކުން ސުފުރާމަތި ފުރާލާނެއެވެ. ނަމަވެސް އެ ކެއުންތައް ވިހައަކަށްވެދާނެ ކަމަށް އެކަކުވެސް ހީއެއް ނުކުރެއެވެ. އެ ދުވަހު ކެވުނު އެއްޗެއްގެ ސަބަބުން ލީނާ ވަރަށް ބޮޑަށް ބަލި ވިއެވެ. ހޮޑުލެވި އެތައް އުނދަގޫތަކެއް ވާން ފެށި އެވެ. ޑޮކްޓަރަށް ދެއްކި ނަމަވެސް ލުޔެއް ނުލިބުނެވެ.

ލީނާ ބަލިވެ އުޅުނު ހަބަރު އިބޫއަށް ލިބުނީ ސައުތު އެމެރިކާގައި ހުއްޓައެވެ. އެހެންކަމުން ލޯބިވާ އަނބިމީހާ ކައިރިއަށް ދިއުމަށްވެސް ދުވަސްކޮޅެއް ނެގިއެވެ. ޗުއްޓީ ނަގައިގެން އަނބިމީހާގެ ހައްގުގައި އިބޫ އިންޑޮނޭޝިއާއަށް ދިޔައެވެ. ނަމަވެސް އެއިރުވެސް އަންހެނުންގެ ހާލަތަށް އެއްވެސް ބަދަލެއް ނާދެއެވެ. ޑޮކްޓަރުންގެ ފަރުވާއަކުން އޭނާގެ ބައްޔެއް ރަނގަޅެއް ނުވެއެވެ.

އިބޫގެ ޗުއްޓީ ހަމަވެގެން ވަޒީފާއަށް ފުރައިގެން ދިޔައިރުވެސް ލީނާ އުޅެނީ ބަލިވެއެވެ. ކިތަންމެ ދާން ބޭނުން ނުވިޔަސް، ދިރިއުޅުމަށް ކުރާ މަސައްކަތް ކަމުން އަނބިމީހާ ބަލި އެނދުގައި އޮއްވައިވެސް އިބޫއަށް ވަޒީފާގެ މަސައްކަތަށް ނިކުންނަން ޖެހުނެވެ. މަޖުބޫރީ ހާލަތުގައެވެ. އޭގެ ގާތްގަނޑަކަށް ތިންމަސް ފަހުން ލީނާ މި ދުނިޔެއާ ވަކިވިއެވެ. إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎,

ކައިވެނީގެ ފޮނި މީރުކަން މުޅިން ނުކެނޑި އޮއްވައި އަނބިމީހާ ދުނިޔެ ދޫކުރުމުން އިބޫއަށް ހަދާނެ ގޮތް ހުސްވިއެވެ. ދެރަވެ މާޔޫސް ވިއެވެ. ނަމަވެސް އެމީހުންގެ ލޯބީގެ ނިޝާނެއްގެ ގޮތުން އިބޫއާ ހަވާލު ކުރި ކުޑަކުޑަ ނުހާ އަކީ އިބޫއަށް ލިބުނު އުއްމީދެކެވެ. ހިތްވަރެކެވެ.

ނުހާ އާމެދު އިބޫއަށް ވުރެ ބޮޑަށް ވިސްނީ ލީނާގެ އާއިލާއިންނެވެ. އެ އާއިލާ ބޭނުން ވީ ނުހާ އެމީހުންގެ ބެލުމުގެ ދަށުގައި ބަހައްޓާށެވެ. ނަމަވެސް އެކަމާ އިބޫއަކަށް އެއްބަހެއް ނުވެވުނެވެ. އިބޫ ބޭނުންވީ، ނުހާވެސް ގޮވައިގެން އެނބުރި ރާއްޖެއަށް އައުމަށެވެ. ނަމަވެސް ލީނާގެ އާއިލާގެ އުންމީދުތަކުގައި ކޮޅުފައިން ޖަހާކަށްވެސް އިބޫއަކަށް ނުކެރުނުނެވެ. އެހެންކަމުން ހަދާނެ ގޮތް ހުސްވެފައި ވަނިކޮށް، އެ މައްސަލައަށް ހައްލެއް ހޯދައިދިނީ ލީނާގެ އާއިލާއިންނެވެ. ލީނާގެ އާއިލާއިން އެދުނީ އެމީހުންގެ އާދަކާދައާ އެއްގޮތަށް އިބޫ، ލީނާގެ ކޮއްކޮ، މިޔާއާ ކައިވެނިކުރުމަށެވެ. އެކަމާ އިބޫ ގަބޫލު ވީ އޭނާގެ ދަރިފުޅަށް މައެއްގެ ލޯބި ދެވޭނެ ދެވަނަ މީހަކީ އެދަރިފުޅުގެ ބޮޑުދައިތަ މިޔާ ކަމަށް ވާތީއެވެ.

މިޔާ، އިބޫ އާ ކައިވެނި ކުރީ މިޔާގެ އުމުރުން އެންމެ 18 އަހަރުގައި އިންޑޮނޭޝިއާގައެވެ. ކުޑައިރުއްސުރެ މަޅިފަތި ޖަހައިގެން އިންތިޒާރުގައި ތިބި ނޫކަށިފުރައިގެ އެތައް ޒުވާނުންނަކަށް ނޫނެކޭ ބުނުމަށް ފަހު، މިޔާ އޭނާގެ އުފާތައް ގުރުބާން ކޮށްލީ، އާއިލާއަށް އިހްތިރާމުކުރުމުގެ ގޮތުންނެވެ. ލޯބިވާ ދައްތަ ދުނިޔޭގައި ނެތަސް އެ ދައްތަގެ ދަރިފުޅު ނުހާއަށް ދެރައެއް ވާން ނޭދޭތީއެވެ. މައެއްގެ ލޯބިން އެ ތުއްތު ނުހާ މަހުރޫމް ކުރުމަށް ބޭނުން ނުވާތީއެވެ.

އެތައް އުންމީދެއް ގުރުބާންކޮށްލުމަށްފަހު، އިބޫއާ އިނދެގެން މިޔާ އައީ އޭދަފުށްޓަށެވެ. ނުވެސް ދަންނަ ބީރަށްޓެހި މާހައުލަކަށެވެ. އާދަކާދަ އާއި ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅި އުޑާ ބިމާހާ ތަފާތު މާހައުލަކަށެވެ. އެކަން މިޔާއަށް ވީ އުނދަގޫ ކަމަކަށެވެ.

"އެންމެ އުނދަގޫވީ، ވާހަކަ ދައްކައި އުޅުމަށް. ދިވެހި ބަހާ އިނގިރޭސި ބަސްވެސް އެއިރު އަހަންނަކަށް ނޭނގެ. އެހެންވެ ޖެހުނީ އިޝާރާތުން ވާހަކަ ދައްކަން. ދެން އެންމެ އުނދަގޫވީ އެކޮޅުގައި ކައިބޮއި އުޅުނު އެއްޗެހި މިކޮޅުން ނުލިބުން. ފިހާރަތަކުގައި ވިއްކަންވެސް ނުހުރޭ. އެހެންވެ، ފުރަތަމަ ދުވަސްކޮޅު ގިނައިން ކައި އުޅުނީ ނޫޑުލީހާއި ތަރުކާރީއާއި ބިސްގަނޑު ދެން ރަތްމަސް ލޮނު އަޅާފަ އަވީގައި ބެހެއްޓުމަށް ފަހު ރަނގަޅަށް ސީރާ ވުމުން ތެލުލައިގެން ސަންބޯލް ހަދައިގެން. އޭގެ ފަހުން ބަނބުކޭލު ތޮއްޓާއި ތޮޅި، އަދި ބައެއް ވައްތަރުގެ ފަތްޕިލާވެލިން ސޫޕް ހަދައިގެންވެސް ބޮއި އުޅުނިން" ފުރަތަމަ ދުވަސްކޮޅު އުޅެން ޖެހުނު ހާލު މިޔާ "ވަން"އަށް ކިޔައިދިނެވެ.

މިޔާގެ ދަތިތަކަށް ހައްލެއް ހޯދައިދިނީ އިބޫގެ ތިމާގެ މީހުންނާއި ބައެއް އަވަށްޓެރިންނެވެ. ދިވެހި ބަހުން ވާހަކަ ދައްކަން ދަސްކޮށްދިނެވެ. އެކި ބާވަތްތަކުގެ ކާއެއްޗެހި މިޔާއަށް ގެނެސްދިނެވެ. ނަމަވެސް އޭދަފުށީގެ ބީރަށްޓެހި މާހައުލަށް މިޔާގެ ހިތްޖެހޭ ގޮތެއް ނުވިއެވެ. މިޔާ ބޭނުންވަނީ އިބޫ އާއި ނުހާ ގޮވައިގެން އޭނާގެ އުފަން ވަޒަނުގައި ދިރިއުޅޭށެވެ. ނަމަވެސް އެއީ ހަރަދު ބޮޑު ގޮތަކަށްވެފައި އެކަމާ އިބޫވެސް ގަބޫލު ނުވުމުން އޭދަފުށީގައި އުޅުމަށް މިޔާ ނިންމިއެވެ.

މިޔާ އާއި އިބޫގެ ކައިވެންޏަށް އަހަރެއް ނުވަނީސް އެމީހުންގެ ފުރަތަމަ ދަރިފުޅު އުފަން ވިއެވެ. އެއީ ނިޝާއެވެ. ދަރިޔަކު ލިބުނުއިރު މިޔާވެސް މަޑުމަޑުން ދިވެހި އާދަތަކަށް ހޭނެން ފެށިއެވެ. ދިވެހި ކެއުންތައް ކަމުދާން ފެށިއެވެ. މިޔާ ބުނި ގޮތުގައި އޭނާއަށް އަދިވެސް އެންމެ ކަމުދަނީ މައިދައިތަ ހަވާދު ފުނޑައިގެން ކައްކާ މަސް ރިހައެވެ.

މިޔާއަކީ ގެވެހި ދިރިއުޅުމެއް ދަސްވެފައިވާ މީހެއް ކަމުން އޭނާއަށް މީރުކޮށް ކައްކަން އެނގެއެވެ. މިޔާ ބޭނުންވީ، އިންޑޮނޭޝިއާގެ މީރު ރަހަތަކުގެ ކާއެއްޗެހި އިބޫ އާއި އާއިލާއަށް ކައްކައިދޭށެވެ. އެހެންކަމުން އިންޑޮނޭޝިއާގެ މަޝްހޫރު ނާސި ގޮރޭން އާއި ބާމިގޮރޭންއާއި ފާޑުފާޑުގެ ބަތް ގަނޑާއި އިންޑޮނޭޝިއަން ސްޓައިލް ބިރިޔާނީ އޭދަފުއްޓަށް މިޔާ ތައާރަފު ކުރިއެވެ. ފުރަތަމަ ގޭ މީހުންގެ ސުފުރާ މައްޗަށް ތައާރަފުކުރި ނަމަވެސް އެމީހުންނަށް މީރުވެގެން ވިޔަފާރީގެ ގޮތުގައިވެސް އެކަން ކުރަން ފެށިއެވެ.

މިޔާ ބުނީ، އެގޮތަށް އޯޑަރަށް ކައްކައިދީގެން ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށެވެ. އޭގެން ލިބޭ ފައިސާއިން މިޔާ އޭނާގެ މައިންބަފައިންނަށްވެސް ހަރަދު ކުރެއެވެ. ނަމަވެސް ދެވަނަ ދަރިފުޅު ލިބުމާއި ދައްތަގެ ދަރިފުޅާއެކު ތިން ދަރިން ބަލަން ޖެހުމުން އެކަން ހުއްޓާލަން ޖެހުނީއެވެ.

މިޔާއަކީ މުރާލި އަންހެނެކެވެ. އޭނާ ގަބޫލު ކުރާ އުސޫލުގައި ދިރިއުޅުމަކީ ހުރިހާ ކަމެއްގައިވެސް ދެމަފިރިން އެއްވަރަށް ހިއްސާވާން ޖެހޭނެ އެވެ. އެހެންވެ އާމްދަނީ ހޯދުން ހަމައެކަނި ފިރިމީހާގެ ބޮލަށް ކަނޑާލުމަކީ އިންސާފު ނޫން ކަމަށް މިޔާ ދެކެއެވެ. އެހެންކަމުން މިޔާގެ މުޅި ދުވަސް ހޭދަކުރަނީ ކޮންމެވެސް މަސައްކަތެއް ކުރުމުގައެވެ. ރަށު ފެންވަރުގައި ކުރާ އިޖުތިމާއީ ހަރަކާތްތަކުގައިވެސް މިޔާ ބައިވެރިވަނީ އުފަލާއެކުގައެވެ.

އުފަން ވަޒަން ދޫކޮށް އޭދަފުށްޓަށް މިޔާ ހިޖުރަކުރިތާ މިހާރު 21 އަހަރު ވީއެވެ. މިޔާއަށް ތިން ދަރިން ލިބުނު އިރު، ފުރަތަމަ ދަރިފުޅު ނިޝާގެ އުމުރުން 19 އަހަރު ވެއްޖެ އެވެ. ލިބުނު ދެވަނަ ދަރުފުޅު ނާއިޝްގެ އުމުރަކީ 16 އެވެ. ދެން ހުރީ 11 އަހަރުގެ ނާއިލްއެވެ. އެންމެ ދޮށީ ދަރިފުޅު، ނުހާ (މިޔާގެ ދައްތަގެ ދަރިފުޅު) އުމުރަކީ 21 އަހަރެވެ.

ދިވެއްސެއް ނޫންނަމަވެސް، މިޔާއާ ދިވެއްސަކާ މާބޮޑު ތަފާތެއް މިހާރަކު ނެތެވެ. ފަރިތަކޮށް ދިވެހި ބަހުން ވާހަކަ ދައްކަން އެނގެއެވެ. ދިވެހި ކެއުންތައް ތައްޔާރުކުރެއެވެ. ދިވެހިންގެ ސަގާފަތަށް މިޔާ އިހުތިރާމު ކުރެއެވެ. މިޔާ ބުނި ގޮތުގައި މިހާރު އޭނާ ބޭނުންވަނީ އުމުރުގެ ބާކީ ދުވަސްތައް ރާއްޖޭގައި ހޭދަކުރުމަށެވެ. އެނބުރި އިންޑޮނޭޝިއާއަށް ދާ ހިތެއްވެސް މިހާރަކު ނުވެއެވެ.

"މި ހިތްފަސޭހަ މާހައުލު ދޫކޮށް އެނބުރި ގައުމަށްދާން ބޭނުމެއް ނުވޭ. އަހަންނަށް ދުނިޔެ ފެނުނީ މިތަނުން. ލޯތްބާއި އިހުތިރާމް ތިބުނީ މިތަނުން. އުފަން ވަޒަން ނޫނަސް އަހަރެން މިތަން ދެކެނީ އަހަރެންގެ އަމިއްލަ ރަށުގެ ގޮތުގައި"އުމުރުން 41 އަހަރުގެ މިޔާ ސާފު ދިވެހި ބަހުން ބުންޏެވެ.

މިޔާގެ ދަރިން ބޮޑެތިވަމުން އައި ނަމަވެސް، މިހާރުވެސް މިޔާއަކީ "ބިޒީ" އަންހެނެކެވެ. އޭނާއަކީ އާމްދަނީ ހޯދުމަށް ބުރަކޮށް މަސައްކަތް ކުރާ ފިސާރި ކަނބަލެކެވެ. މައިގަނޑު ގޮތެއްގައި މިޔާ މިހާރު ކުރަމުން އަންނަ މަސައްކަަތީ މިޔާގެ ރަށްޓެއްްސެއްގެ ގަސް ކާނާ ވިއްކާ ފިހާރަ ހިންގުމެވެ.