ޕޫލް އަދި ބިލިއާޑް ކުޅުމަށް ދުނިޔޭގެ ފެންވަރުގެ ފެސިލިޓީއެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އާއެކު ދުނިޔޭގެ ފެންވަރުގެ ފެސިލިޓީއެއް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން އެ ފެސިލިޓީގެ މަސައްކަތްތައް ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ފެސިލިޓީއާއެކު ބައިނަލްއަގުވާމީ މުބާރާތްތައް ހޯސްޓް ކުރުމުގެ ގާބިލުކަން ރާއްޖެއަށް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މި ފެސިލިޓީ ނިމުމާއެކު ބިލިއާޑް ވޯލްޑް ޗެމްޕިއަންޝިޕް ބޭއްވުމަށް ވެސް ރާއްޖެއަށް ބިޑު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު މަހުލޫފު ވަނީ މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ބިލިއާޑް އެސޯސިއޭޝަންގެ ރައީސް އަދި އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީން ދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

މިއަދު ކުރެއްވި ޓުވީޓާއެކު މިނިސްޓަރު މަހުލޫފު ވަނީ މި ފެސިލިޓީގެ ކުރެހުންތަކެއްވެސް އާންމުކުރައްވައިފައެވެ.