ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އެ ކުންފުނިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ މި ޖަލްސާ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 4:00 ގައި މައިކްރޮސޮފްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށް ކަމަށާއި ޖަލްސާގައި ބައިވެރިވުމަށް ނުވަތަ ޕްރޮކްސީ ހުށަހެޅުމަށް، މި މަހުގެ 29 ވަނަ ދުވަހުގެ ހަވީރު 4:00 ކުރިން އެ ކުންފުނީގެ ވެބްސައިޓްގައި ހޮސްޓް ކޮށްފައިވާ ވެބްޕޭޖް މެދުވެރިކޮށް ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމަށެވެ.
އަހަރީ އާންމު ޖަލްސާގައި 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އަދި 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓްކޮށްފައިވާ ހިސާބުތައް ފާސްކުރުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.
މީގެ އިތުރުން، 2019 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުގެ ހުށަހެޅުމަށް ވޯޓަށް އަހާނެއެވެ. އަދި 2020 ވަނަ އަހަރުގެ އޮޑިޓަރުންގެ ގޮތުގައި ޕްރައިސް ވޯޓާހައުސް ކޫޕާސް އައްޔަންކުރުމަށްވެސް ވޯޓަށް އަހާނެއެވެ.
އެ ކުންފުނިން ބުނީ ކުރިޔަށް އޮތް ދައުރު ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލު ކުރައްވާ ޑިރެކްޓަރުންނަށް އަހަރީ އާންމު ޖަލްސާގައި ބަދަލެއް ނުގެންނަ ކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށާއި އެހެން ކަމުން ޕަބްލިކް ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެއްވި ދެ ފަރާތާ އިންޓަވިއުކުރުމަށް ފަހު އާމިނަތު ރުޝްމާ، ހ. މޮސްކޯގެ އިންތިހާބު ކުރުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ.
މި އަހަރުވެސް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ވޯޓު ނަގާނީ "އެސްޓީއޯ އޭޖީއެމް ޕޯޓަލް" މެދުވެރިކޮށެވެ. މި ސިސްޓަމް ކޭޕީއެމްޖީން ވެލިޑޭޓް ކޮށްފައިވެ އެވެ. މި އަހަރުގެ ޖަލްސާ ބާއްވަން ޖެހޭ ހާލަތަށް ރިއާޔަތްކޮށް، ކުންފުނީގެ ކަންކަމާ މެދު ހިއްސާދާރުން ދޭން ބޭނުންވާ ހިޔާލުތަކާއި ޑިރެކްޓަރުންގެ ބޯޑާ ކުރަން ބޭނުންވާ ސުވާލުތައް، ޖަލްސާގެ ކުރިން ކުންފުންޏަށް ހުށަހަޅަން ޖެހެއެވެ. ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން ޖަލްސާއަށް ރަޖިސްޓަރީ ކުރުމުން، "އެސްޓީއޯ އޭޖީއެމް ޕޯޓަލް" މެދުވެރިކޮށް ސުވާލު ހުށަހެޅޭނެ އެވެ.
އެސްޓީއޯއިން ބުނީ، މިދިޔަ އަހަރަކީ އެކުންފުންޏަށް، މާލީގޮތުން ކާމިޔާބު އަހަރެއް ކަމަށާއި އެގޮތުން ކުންފުނީގެ ޖުމްލަ ފައިދާ އޭގެކުރީ އަހަރާ އަޅާބަލާއިރު 13 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. އަދި ހިންގުމުގެ ފައިދާ 80 އިންސައްތަ އިތުރުވެފައި ވާއިރު ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި 303 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި މުޅި އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 383 މިލިއަން ރުފިޔާ ލިބިފައިވާ ކަމުގައި އެކުންފުނިން ބުނެއެވެ.
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ