މީގެ ހަފްތާއެއްހާ ދުވަސްކުރިން ނެޓްފްލިކްސްގައި ރިލީޒް ކުރި ދިޔަ "ގުންޖަން ސަކްސޭނާ: ދަ ކާގިލް ގާލް" ފިލްމަށް ވަނީ ސޯޝަލް މީޑިއާގައި އެތައް ބައެއްގެ ފާޑުކިޔުންތަކާ ކުރިމަތި ލާން ޖެހިފައެވެ. އެ ފިލްމަކީ އިންޑިއާގައި ހަނގުރާމައެއްގައި ފުރަތަމަ ފަހަރަށް ކޮމްބެޓެއް އުދުއްސި އަންހެން އާމީ އޮފިސަރު ލިއުޓެނަންޓް ގުންޖަން ސަކްސޭނާގެ ދިރިއުޅުމުގެ މައްޗަށް ބިނާ ކޮށް ކުޅެފައިވާ ފިލްމެކެވެ.

އެ ފިލްމުގައި ގުންޖަންގެ ރޯލު ކުޅެފައިވަނީ މަޝްހޫރު ބަތަލާ ޖާންވީ ކަޕޫރެވެ. އެ ފިލްމުގައި ކިޔައިދެނީ އިންޑިއަން އެއާފޯސްގައި އެދުވަސްވަރު އަންހެން އޮފިސަރުންނާއި ފިރިހެން އޮފިސަރުންގެ މެދުގައި ގެންގުޅޭ ތަފާތު ކުރުންތަކެވެ. އަމިއްލަ ހިތްވަރުން 1999 ވަނަ އަހަރު އޮތް ކާގިލް ހަނގުރާމައިގައި ގުންޖަން ދެއްކި ހިތްވަރު އެ ފިލްމުގައި ކިޔައިދެއެވެ.

އެހެންނަމަވެސް ފިލްމު ރިލީޒް ވުމާ ގުޅިގެން ސޯޝަލް މީޑިއާގައި އާއްމުން ވަނީ އެ ފިލްމަށް ވަރަށް ބޮޑަށް ފާޑުކިޔަން ފަށައިފައެވެ. ބައެއް މީހުން ވަނީ އެއީ ކޮމެޑީ ފިލްމެއްގެ ގޮތުގައިވެސް ސިފަކޮށްފައެވެ. މީގެ އިތުރުން އިންޑިއަން އެއާފޯސްއިން ވަނީ އެ ފިލްމުން ވަރަށް ބޮޑަށް ނެގެޓިވް ލިބޭ ކަމަށް ބުނެ ސެންސަރު ބޯޑަށް ސިޓީއެއްވެސް ފޮނުވައިފައެވެ.

ސޯޝަލް މީޑިއާގައި އެ ފިލްމަށް ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެމުން ކުރީގެ އާމީ އޮފިސަރެއް ކަމަށްވާ ޝްވެތާ މިސްރާ ވަނީ 1994 ވަނަ އަހަރު އިންޑިއަން އެއާފޯސް އަންހެން އޮފިސަރުންނަށް ތައްޔާރު ނޫން ކަމަށްބުނެ އޭނާއަށް ފުރުސަތު ނުދިން ސިޓީއެއް ޓުވީޓާގައި ހިއްސާކޮށްފައެވެ.