ސުޝާންތު ސިންގު ރާޖުޕުތުގެ މަރާއި ގުޅިގެން ބޮލީވުޑްގެ މަޝްހޫރު ގިނަ އާއިލާތަކަށް ނިސްބަތްވާ ތަރިންނަށް އާއްމުން ވަނީ ޓުވީޓާ އަދި ސޯޝަލް މީޑިއާގެ އިތުރު މަންސަތަކުގައި ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އެގޮތުން އާއްމުންގެ ފާޑުކިޔުންތަކާއި ރުޅިވެރިކަން އަމާޒުވި އެއް ތަރިޔަކީ ސޮނާކްޝީ ސިންހާ އެވެ.
އާއްމުންގެ ނަފުރަތަށް ކެތް ނުވެގެން ސޮނާކްޝީ ވަނީ މީގެ ދެމަހެއްހައި ދުވަސް ކުރިން ޓުވީޓާ ޑިއެކްޓިވޭޓް ކޮށް އެއާ މުޅިން ދުރުވެފައެވެ. ހިންދުސްތާނު ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ސޮނާކްޝީ ބުނީ މީހުންގެ ނެގެޓިވް ކޮމެންޓްތަކާއި ނަފުރަތާއި ދުރަށް ދެވުމުން ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަތުވެއްޖެ ކަމަށެވެ.
އެގޮތުން ސޮނާކްޝީ ބުނީ ޓުވީޓާ މިހާރު ބޮޑަށް ވެފައިވަނީ މީހުންގެ ޒާތީ ދިރިއުޅުމާ ބެހި ނަފުރަތު ފަތުރައި މީހުންނަށް އެއްޗެހި ކިޔާ ތަނަކަށް ކަމަށެވެ. ސޮނާކްޝީ ބުނީ އިންސްޓަގްރާމުން ވެސް މީހުންނަށް އޭނާގެ ޕޯސްޓްތަކަށް ކޮމެންޓް ނުކުރެވޭ ގޮތް ހެދުމުން ދިރިއުޅުން ފަސޭހަ ވެފައިވާ ކަމަށެވެ.
ސޮނާކްޝީ އިތުރަށް ބުނީ އެއްވެސް މީހަކަށް އެމީހަކާ ދިމާއަށް މީހުން އެއްޗެހި ކިޔާ އަޑުއަހަން ކެތް ނުވާނެ ކަމަށެވެ. ވަކި އާއިލާއަކަށް އުފަންވެ ފިލްމީ ތަރިއަކަށް ވުމަކީ މީހުން ނަފްރަތު ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. ސޮނާކްޝީ ވަނީ މިއަދު ބޮލީވުޑްގައި މަޝްހޫރު އާއިލާތަކަށް ނިސްބަތްވާ ތަރިންނަށް ވުރެ އެފަދަ އާއިލާއަކަށް ނިސްބަތް ނުވާ ތަރިން މާ ގިނަ ކަމަށް ފާހަގަކޮށްފައެވެ. އަދި ބައެއް މީހުންނަށް އެތަން ނުފެންނަ ކަމަށްވެސް ސޮނާކްޝީ ބުންޏެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން