އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ ބަލިކޮށް، ފްރާންސް ލިޔޯނުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.
ޕޯޗުގަލްގެ އެސްޓާޑިއޯ ހޯސޭ އަލްވަލޭޑްގައި ރޭ ކުޅުނު ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ސިޓީގެ މައްޗަށް ލިޔޯނުން ކުރި ހޯދާފައިވަނީ 3-1ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި ސިޓީން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް، މެޗުގެ 24 ވަނަ މިނެޓުގައި ލިޔޯނުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ސިޓީގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ލިޔޯންއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އައިވަރީ ކޯސްޓް ފޯވަޑް މެކްސްވެލް ކޯނެޓްއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް ސިޓީއަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އެގޮތުން މެޗުގެ 39 ވަނަ މިނެޓުގައި ސިޓީގެ ކެވިން ޑި ބްރޭނާ ފޮނުވާލި ހިލޭ ޖެހުމެއް ލިޔޯންގެ ކީޕަރު އެންތޮނީ ލޮޕޭޒް މަތަކުރި އިރު، ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ސިޓީގެ ރަހީމް ސްޓާލިން ފޮނުވާލި ހަމަލާ ލިޔޯންގެ ކޯނެޓް ވަނީ ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ލިޔޯން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ސިޓީން ވަނީ އިތުރަށް ކުޅުން ރަނގަޅުކޮށް، މެޗުގެ 69 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ރަހީމް ސްޓާލިން ދިން ބޯޅައަކުން ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރޭނާއެވެ.
ސިޓީން ލީޑު ހޯދުމަށް މަސައްކަތްކުރަނިކޮށް، މެޗުގެ 79 ވަނަ މިނެޓުގައި ލިޔޯނުން ވަނީ ލަނޑެއް ޖަހައި އަލުން ލީޑު ހޯދައިފައެވެ. ހުސެމް އައުވާ ދިން ބޯޅައަކުން ލިޔޯންއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް ފޯވަޑް މޫސާ ޑެމްބެލޭއެވެ.
މެޗުގައި ލިޔޯނުން ޖެހި ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. ލިޔޯންއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޑެމްބެލޭއެވެ.
އެ ނަތީޖާއާއެކު މިސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީގައި ވާދަކުރާނީ ފްރާންސްގެ ދެ ކްލަބަކާއި ޖަރުމަންގެ ދެ ކްލަބެކެވެ. މިމަހުގެ 18 ވަނަ ދުވަހު ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޖަރުމަންގެ ލެއިޕްޒިގް އާއި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އެވެ. އަދި މިމަހުގެ 19 ވަނަ ދުވަހު ކުޅޭ ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޖަރުމަންގެ ބަޔާން މިއުނިކާއި ފްރާންސްގެ ލިޔޯންއެވެ. އެ މެޗުތަކުން މޮޅުވާ ދެ ޓީމު ފައިނަލުގައި ވާދަކުރާނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.
ކޮވިޑާ ގުޅިގެން މެދުކަނޑާލި މުބާރާތްތަކުގެ ތެރޭގައި ޔޫރޮޕާ ލީގު ވެސް ހިމެނެއެވެ. ކޮވިޑުގެ ހާލަތުގެ ކުރިން މުބާރާތުގެ ފޯމެޓުގައިވާ ގޮތުން ފައިނަލާ ހަމައަށް ދެ ލެގު ކުޅުމަށް ހަމަޖެހިފައިވީ ނަމަވެސް، ކުއާޓާ ފައިނަލުން ފެށިގެން ކުޅުމަށް ހަމަޖައްސާފައިވަނީ އެއް ލެގެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު