އެމްޑީޕީގައި އުފެދިފައިވާ ބައިބައިވުންތައް ނައްތާލައި، މި ހާލަތުގައި ސަރުކާރަށް އެއްބާރުލުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ގޮވާލައްވައިފިއެވެ.

ޝަރީފް ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް މަސައްކަތްކުރަމުން ދަނިކޮށެވެ. އެ މަސައްކަތާއެކު އެމްޑީޕީގެ ތެރޭގައި ވަނީ ބައިބައިވުންތަކެއް އުފެދިފައެވެ.

އެކަމާ ގުޅޭގޮތުން ޝަރީފް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ސާބިތުކަންމަތީ ރައްކާތެރިކަމާއެކު އޮތްކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"ޕާޓީގެ ބައިބައިވުންތައް ނިމުމަކަށް ގެނެސް، އިގުތިސާދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ގުޅިގެން އެއްބާރުލުން ދޭން ޖެހޭ،" އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒް ވަޒީރުކަމުން ވަކިކުރަން އެމްޑީޕީގެ ތެރެއިން މަސައްކަތް ފަށާފައިވާ އިރު، ރައީސް ނަޝީދު ދާދި ފަހުން އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ތެރޭގައި ފައްޔާޒަށް "ބްރޯ" ހެދިގެން ނޫޅެވޭނެ ކަމަށާއި އޭނާވެސް އުޅުއްވަން ޖެހޭނީ ނިޒާމުގެ ތެރޭގައި ކަމަށެވެ.

މަޖިލީހުގައި ޖުމްލަ 87 މެމްބަރުން ތިއްބަވާ އިރު، އެމްޑީޕީގެ މެންބަރުގެ އަދަދަކީ 65 އެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންވަނީ ދިހަ މެންބަރެއްގެ ސޮޔެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުންވާނީ 44 މެންބަރުންގެ ވޯޓެވެ.