ޚަބަރު

ޝިޕިން އެޖެންސީ ރަޖިސްޓަރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

އަލީ ޔާމިން

ޝިޕިން އެޖެންސީގެ ހިދުމަތްދޭ ކުންފުނިތައް ރަޖިސްޓަރީ ކުރުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާއި ބެހޭ ގަވައިދު ގެޒެޓް ކުރުމާ ގުޅިގެން ރާއްޖޭގެ ޝިޕިން އެޖެންސީ ހިދުމަތްދޭ ކުންފުނިތައް ރަޖިސްޓަރީ ކުރުމަށް ދީފައިވާ މުއްދަތު 15 ސެޕްޓެމްބަރު 2020ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

މާލެ ވިޔަފާރި ބަނދަރުގައި ހިދުމަތް ދޭ ޝިޕިން އެޖެންޓުން އެކި ނަންނަމުގައި ނަގާ ފީތައް ހުއްޓުވައި ރާއްޖޭގައި ހިދުމަތް ދޭ ހުރިހާ ޝިޕިން އެޖެންސީތަކެއް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީ ކުރުން ވަނީ ލާޒިމްކޮށްފައެވެ.

މި ގަވާއިދު ނެރުމާއެކު ތަފާތު އެކި ނަންނަމުގައި ބޭރުގެ އެޖެންސީތަކުން ފީ ނެގުން ހުއްޓިގެންދާނެ އެވެ. ޝިޕިން އޭޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރާއި ކޮންސައިނީ މުދަލެއް ހަވާލުކޮށް އެ މުދާ އެންމެ ފަހު ބަނދަރަށް ބޭލުމާ ހަމަޔަށް ދައްކަން ޖެހޭ އެންމެހައި ފައިސާ ދައްކަންވާނީ ޝިޕިން އޭޖެންޓް ނުވަތަ ފުރައިޓް ފޯވަޑަރެވެ. ކޮންސައިނީ އަށް ޑެލިވަރީ އޯޑަރު ދޫކުރުމަށް ޝިޕިން އޭޖެންޓް ނުވަތަ ފުރައިޓް ފޯވާޑަރު ސީދާގޮތުންނާއި ނުސީދާގޮތުން ވިޔަސް ކުރިން އެއްބަސްވެފައިވާ ފުރައިޓުގެ އިތުރަށް އެއްވެސް ކަމަކަށް ކޮންސައިނީގެ އަތުން ފީއެއް ނުނެގޭނެ އެވެ. ނަމަވެސް ޝިޕިން ޑޮކިއުމަންޓަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ، އެކަމަށް ކުރިން ކަނޑައަޅައިފައިވާ އަގަކާއި ޑެލިވަރީ އޯޑަރަށް އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަ ވެގެން 500ރ. ގެ ފީއެއް ނެގިދާނެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ މި ގަވައިދާ ހިލާފުވާ ފަރާތްތައް 10،000ރ. އިން ޖޫރިމަނާކޮށް، އެކަން ތަކުރާރު ނުކުރުމަށް ލިޔުމަކުން އަންގާނެ ކަމަށެވެ.