(ނަވާރަވަނަ ބައި)

""ޒިހާން؟

"ހުމް؟"

"އަހަންނާއި އިންނަންވީއެއްނު؟"

ޔުނާ ބުނެލި ވާހަކައިން ފޯނުގައި ޓައިޕްކުރަން އިން ޒިހާންގެ ޙަރަކާތްތަކަށް ކުއްލި ހުއްޓުމެއްއައެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނައަށް ޔުނާއާ ދިމާލަށް ބަލައިލެވުނެވެ.

ހިނދުކޮޅެއް ވަންދެން ހިމޭންކަމުގެ ސުކޫތެއް ވޭތުވިއެވެ. ޒިހާނާއި ޔުނާ އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބިއިރު، އެހެން ބަޔަކަށް ނޭނގޭނެ ފަދައަކުން އެދެމެދުގައި ވާހަކައެއް ދެކެވެމުން ދިޔަ ފަދައެވެ. ޔުނާގެ އެއްވެސް އަސަރެއް ނެތް މޫނަށް ބަލަން އިން ޒިހާންގެ މޫނުމަތިން ކަންބޮޑުވުމެއް ފާޅުވަމުން ދިޔައެވެ.

"ކީއްވެ؟" އެ ހިމޭންކަމުގެ ވަގުތުކޮޅަށް ފަހު ޒިހާނަށް އަހައިލެވުނީ އެހެންނެވެ. ޒިހާންގެ އެ ސުވާލު އިވިފައި ޔުނާ ލުއި ގޮތަކަށް ހީލިއެވެ. އެހެނަސް އެ ލޯމަތިން ފެންނަމުން ދިޔަ ވަރުބަލިކަން ޒިހާނަށް ސިއްރެއްނުވިއެވެ.

"ޒިހާނަށް އެހާ ކަމުދާ އަންހެން ކުއްޖާ އިންނަން އެދުނީމަ ކުރަންވީ ކަހަލަ ސުވާލެއް ނޫން ކަންނޭނގެދޯ ތިއީ؟" ޔުނާ ރާގަކަށް ބުނެލިއެވެ.

"އެކަމަކު ކީއްވެ މާ ކުއްލި ގޮތަކަށް ތިކަމަށް ތި އެދުނީ؟ ޔުނާ ރުހިގެންތަ އަހަންނާއި އިންނަން ތި ނިންމީ؟ އަނެއްކާ މީހަކު އެއްޗެކޭ ކިޔުނީތަ؟" ޒިހާނަށް އެ ސުވާލުތައް ކޮށްލެވުނީ އަވަސްއަވަހަށެވެ. ގޭގެތެރެއިން މީހެއްގެ ފަރާތުން ޔުނާގެ ކަންފަތާއި ހަމައަށް އެ ވާހަކަ ފޯރީތޯ ޒިހާންގެ ހިތް ސުވާލުކުރި ހިނދު އޭނަގެ މެއަށް ފިނިވިއެވެ.

"މީހަކު އެއްޗެކޭ ނުކިޔާ ޒިހާން.... ނުރުހެންވީ ސަބަބެއްވެސް ނެތް ދޯ ޒިހާނާއިމެދު. ޒިހާނަކީ އަހަރެންދެކެ ލޯބިވާ، ރީތި އަދި ހަރުދަނާ ޒުވާނެއް. ކޮން އަންހެން ކުއްޖަކު ޒިހާނަށް ނޫނެކޭ ބުނާނީ؟" ޔުނާ އެހެން ބުނެލީ ވެސް ހިނިތުންވުމެއްގައި ކަމަށްވިޔަސް، އެ ހިނިތުންވުން ޔުނާގެ ރީތި ލޮލާއި ހަމައަށް ނުފޯރި ގޮތުން ޒިހާންގެ ހިތަށް އުދަގޫވިއެވެ.

"އެކަމަކު ޔުނާ ބުނީމެއްނު މިވަގުތު ޔުނާގެ މެންޓަލް ސްޓޭޓް ހުރި ގޮތުން މެރީ ކުރާކަށް ބޭނުމެއްނުވެއޭ؟ މެރީކޮށްގެން އުފަލެއް ލިބޭނެހެން ހިއެއްނުވެއޭ؟" ޒިހާން ޔުނާގެ ބަސްތައް ހަނދާންކުރަމުން ބުނެލިއެވެ.

"އާނ އެކަމަކު އެހެން ބުނި ދުވަހުވެސް ބުނިންދޯ ދޮންބެ އެދޭހާ ގޮތަކަށް އަހަރެން ކަންތައް ކުރަން ބޭނުންވާ ވާހަކަވެސް؟" ޔުނާ އެހެން ބުނުމާއެކު ޒިހާން ހުއްޓުން އަރާ ގޮތްވިއެވެ.

"ޔުނާ...."

"ޒިހާން.... ދޮންބެގެ މި އެދުން ފުރިހަމަ ކޮށްދޭން އަހަންނަށް އެހީވެދީ. އަހަރެންގެ ސަބަބުން ދޮންބެ ވަނީ މުޅި ޢުމުރު ދުވަހުވެސް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާފަ. ދޮންބެ ވަނީ އަހަންނަށްޓަކައި ވަރަށް ގިނަ ޤުރުބާނީތަކެއް ވެސް ވެފަ. އޭގެ ބަދަލުގަ އަހަރެން...... އަހަރެން ދޮންބެ މި ދުނިޔެ ދޫކުރި ދުވަހުވެސް ދޮންބެ ދެރަކޮށްލީ. ދޮންބެއާ އެންމެ ފަހުން ވާހަކަވެސް ދައްކާފަ ހުރީ ރުޅިވެރިކަމާއެކީ. ދޮންބެ ނިޔާވީމަ އަހަންނަށް ދޮންބެގެ މޫނުވެސް ނުފެންނާނެހެން އަވަހަށް ވަޅުލަން ދޮންބެ އެންގީވެސް އަހަންނަށްޓަކައި ވި ނުރުހުމެއްގެ ސަބަބުން ކަންނޭގެ...." ޔުނާގެ އެ ވާހަކައިގެ މެދުތެރެއިން އޭނަގެ ލޮލަށް ކަރުނަތައް ޖަމާވިއިރު އެ ވާހަކަ ނިމިގެން ދިޔައީ ގިސްލުމެއްގެ ތެރެއަށެވެ.

"އެހެންނެއް ނޫނޭ ޔުނާ.... ޔުނާގެ ދޮން...." ޒިހާން އަވަސްއަވަހަށް ޔުނާގެ ހިތްހަމަޖައްސަން ޙަޤީޤަތް ފާޅުކުރަން އުޅުމުން އެ ވާހަކަ ވެސް މެދުކެނޑިގެން ދިޔައެވެ.

"ޒިހާން ޕްލީޒް..... ޒިހާނަށް އަހަރެންގެ މި ޙާލަތު ފަހުމްވާނެ ކަމަށް އުއްމީދުކުރަން. ފަހަރެއްގަ އަހަންނަށް ޒިހާންދެކެ ލޯބި ނުވެވިދާނެ. އެކަމަކު އަންބެއްގެ ޙައިސިއްޔަތުން އަދާކުރަންޖެހޭ ހުރިހާ ޒިންމާއެއް އަދާކުރާނަން. ޒިހާންގެ ހުރިހާ އެދުމެއް ފުރިހަމަ ކޮށްދޭނަން..." ޔުނާ ބުންޏެވެ. ޒިހާން ދެންވެސް އެއްޗެކޭ ބުނަން އުޅުމުން ޔުނާ ހުއްޓުމެއްނެތި ވާހަކަ ދެއްކިއެވެ. އޭނަގެ ނިންމުން ބަދަލުކުރަން ޚުދު ޒިހާނަށް ވެސް ފުރުޞަތެއް ދޭން ބޭނުންނުވި ފަދައެވެ.

"ޒިހާންގެ މަންމަގާތު މި ވާހަކަ ބުނެދެއްޗޭ. އަހަރެން އިންތިޒާރު ކުރާނަން ޒިހާންގެ މަންމަ އަހަންނާއި މި ވާހަކަ ދައްކާނެ އިރަކަށް...." ޔުނާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލިއެވެ.

"އެކަމަކު ޔުނާ....." މިފަހަރު ޒިހާންގެ ވާހަކަ މެދުކެނޑިގެން ދިޔައީ ދުރުން ދުވެފައި އައި މަންހަލް ތިއްތިބޭއޭ ކިޔައި ގޮވާލުމުންނެވެ. މަންހަލް އައިސް އޭނަ އެއްކުރި ބޮލިތައް ނުހަނު ޖޯޝާއެކީ ޒިހާނަށާއި ޔުނާއަށް ދައްކަން ފެށުމުން އެ ދެމީހުން ދައްކަން ތިބި ވާހަކައަށް ނިމުމެއް އައެވެ. އެކަމާއިމެދު ޒިހާން ހިތްހަމަނުޖެހުނު އިރު ޔުނާ އޭނަގެ ކަރުނަތައް ފޮހެމުން ހިނިތުންވުމެއް ދައްކައި މަންހަލާއި ވާހަކަ ދައްކަން ފެށިއެވެ.

**

ފިކުރު ބޮޑުވެފައިވުމުގެ ސަބަބުން ޒިހާނަށް އެރޭ މެންދަންވީ ވަގުތު ވެސް ނިދޭ ގޮތެއް ނުވިއެވެ. މަންހަލް އެނދުގައި ނިދިފައި އޮތް އިރު ޒިހާން އާދައިގެ މަތިން އޮތީ ކޮޓަރީގެ އެއްފަރާތެއްގައި އެޅިފައި އޮތް ގޮދަޑީގައެވެ. ޒިހާން އެ ކޮޓަރީގައި ނިދަނީ މަންހަލްގެ އެދުމުގެ މަތިންނެވެ. މަންހަލް ވަކިން ކޮޓަރިއަކަށް ބަދަލުކުރުމުން ވެސް ޒިހާން ރަށަށް އައިސްފިނަމަ މަންހަލް ނިދަން ބޭނުންވާނީ ޒިހާންއާ އެކީގައެވެ. ނިދުމުގެ ކުރިން މަންހަލްއާއެކީ ޒިހާން ކުޅޭނެތީވެއެވެ. އަދި މަންހަލްގެ މަންމަހެން އޭނަގެ ބޮޑުބޭބެ، ނިދުމުގެ ކުރިން ކިޔާ ޒިކުރުތައް ދިގުކޮށް ނުކިޔުއްވާނެތީވެއެވެ. މަންހަލް ނިދުމަށްފަހު ވެސް ޒިހާން ޢާއްމު ގޮތެއްގައި އޮންނަނީ އެ ކޮޓަރީގައެވެ. މަންހަލް ހޭލުމާއެކުހެން ދެކެން ބޭނުން ވާނީ އޭނައަށްވީމައެވެ.

އެރޭ މަންހަލްއާއެކީ ކުޅެމުން ދިޔަ ވަގުތު ވެސް ޒިހާނަށް އެކަމަށް މާ ބޮޑު ސަމާލުކަމެއް ދެވޭ ގޮތެއް ނުވިއެވެ. ޕިކްނިކަށް ދިޔުމުގެ ސަބަބުން މަންހަލް އެރޭ ވަރުބަލިވެފައިވުމަކީ ޒިހާންގެ ނަސީބެވެ. މަންހަލް ނިދުމުން އޭނައަށް ވެސް އަރާމު ނިންޖަކުން ނިދާލެވޭނެކަމަށް ޒިހާން ހީކުރިއެވެ. އެހެނަސް އެރޭ ނިދި އޭނަގެ ލޮލުން މަޙްރޫމްވެފައިވިއެވެ.

ސީލިންގްއަށް ނަޒަރު ހުއްޓައިގެން ހިމޭނުން އޮތްއިރު ޒިހާންގެ ސިކުނޑީގައި ތަކުރާރުކޮށް ދައުރުވަމުން ދިޔައީ މިއަދު އޭނައާއި ޔުނާއާ ދެމެދު ދެކެވުނު ވާހަކައެވެ. ޔުނާ ގާތު ޔަޒްދާންގެ ވަޞިއްޔަތުގެ ވާހަކަ ބުނެފައިވާނީ ކާކުތޯ އެ ވަގުތުކޮޅަށްފަހު ވެސް ޒިހާންގެ ހިތަށް އަރަމުން ދިޔައެވެ. ގެއަށް ދިޔުމަށްފަހު ނުސީދާ ގޮތަކަށް މަންމައާއި ދޮންތަ ކައިރީގައި ސުވާލު ވެސް ކޮށްލެވުނެވެ. އެހެނަސް އެ ދެމީހުން ވެސް ޔުނާ ގާތު ނުބުނާކަން ޒިހާނަށް ޔަޤީންވި ވަގުތަކީ އޭނަގެ ކޮއްކޮ ލޫލޫ އޭނައަށް ވަކިން ގޮވާލި ވަގުތެވެ.

"ތިއްތިބޭ..... ލޫލޫއަށް ހީވަނީ ލޫލޫއާ ހެދިހެން އެ ދައްތިއަށް އެކަން އެނގުނީ. އިއްޔެ ރޭ ދައްތި ލެޕްޓޮޕެއް ބޭނުންވާ ވާހަކަ ބުނީމަ ލޫލޫ ދިނީ ތިއްތިބެ މި ދިޔަ ސެޕްޓެމްބާ ގަ ލޫލޫއަށް ދިން ލެޕްޓޮޕް. އެއީ އަނެއްކާ އެ ދައްތިގެ ދޮންބެގެ ލެޕްޓޮޕްތަ؟"

ލޫލޫގެ ކޮޓަރިއަށް އޭނަ ގެންގޮސް ލޫލޫ ބުނެލި ވާހަކައިން ޒިހާންގެ ދެލޯ ބޮޑުވިއެވެ. ޔުނާއަށް ޔަޒްދާންގެ އެ ފަހު އެދުން އެނގިފައިވާނީ އެ ލެޕްޓޮޕުން ކަން ވެސް އެ ވަގުތު ޔަޤީންކުރެވުނެވެ. ޔަޒްދާން އޭނަގެ އަތަށް އެ ލެޕްޓޮޕް ދިން ދުވަހުވެސް ޔަޒްދާން އަމިއްލައަށް ޑިޒައިންކޮށްފައިވި ކައިވެނީގެ ދަޢުވަތު ކާޑު އޭނައަށް ދައްކާފައިވާތީވެއެވެ.

ޒިހާންގެ ޤަޞްދުން ބޭރުގައިވެސް ޔުނާއަށް އެކަން އެނގުމުން އުފާކުރަންވީ ކަމެއް ނޫނީ ދެރަވާންވީކަމެއް ޒިހާނަށް ޔަޤީނެއް ނުކުރެވުނެވެ. ޙަޤީޤަތުގައި މި ދުވަސް ވާންޖެހޭނީ އޭނަގެ ޙަޔާތުގައި ވެސް އައި އެންމެ އުފާވެރި ދުވަހަށެވެ. އަހަރުތަކެއް ވަންދެން އޭނަ ލޯބިވީ އަންހެން ކުއްޖާ އަމިއްލައަށް އެ ވަނީ އޭނައާ އިންނަން އެދިފައެވެ. އެހެނަސް ޒިހާންގެ ހިތުގައި ވިކަމުން ދިޔައީ އެ އެދުން އެދުނު ވަގުތު ވެސް ޔުނާގެ މޫނުމަތިން ފެނުނު ހިތާމަވެރިކަމެވެ. އޭނަ ޔުނާއާ ކައިވެނިކޮށްފިނަމަ އޭނަގެ ލޯބިން ޔުނާގެ އެ ހިތާމައަށް ލުއެއް ލިބިދާނެތޯ އަމިއްލަ ޒަމީރާއި ސުވާލުކުރެވެމުން ދިޔައެވެ. އެރޭ ކުރެވުނު ނަމާދުތަކަށްފަހު ކުރި ދުޢާތަކެއްގެ ތެރެއިން ވެސް ޔުނާއަށް އެންމެ ރަނގަޅު ގޮތް މެދުވެރި ކުރެއްވުމަށް އެދި ތަކުރާރުކޮށް ދެންނެވުނެވެ. ޔުނާ އޭނައާ އިނަސް އަދި ނުއިނަސް ޔުނާ އުފަލުގައި ވުމަކީ އޭނަގެ އުއްމީދު ކަމަށްވާތީވެއެވެ.

ޚިޔާލުތަކެއްގައި އޮވެފައި ޒިހާން އެންމެ ފަހުން ފުން ނޭވައެއް ދޫކޮށްލީ އޭނަ ވަކީލުކުރާނީ ﷲ އަށް ކަމަށް ހިތާހިތުން ކިޔަމުންނެވެ. އޭނަ މި ވަގުތަށް މަންމަމެން ގާތުގައި ކައިވެނީގެ ވާހަކަ ނުބުނަން ނިންމިއެވެ. ޔުނާއަށް އަދިވެސް ވިސްނަން ވަގުތު ދިނުމަށެވެ. އެ ނިންމުމާއިމެދު ހިތްހަމަޖައްސަމުން ޒިހާން ދެލޯ މަރައިލަމުން ނިދޭތޯ މަސައްކަތް ކުރީ އަނެއްދުވަހުގެ ފަތިސް ނަމާދަށް ހޭލުމަށެވެ. ޒިހާނަށް ނޭނގުނު ކަމަކީ އެ ފަތިހަށްފަހު އަލިވިލޭނެ ދުވަހުގައި ކަންތައް ވާނީ އޭނަ ހީވެސް ނުކުރާ ފަދައަކުން ކަމެވެ.

**

އޭގެ އަނެއްދުވަހުގެ ހެނދުނެވެ. ފަތިސް ނަމާދަށްފަހު ހޭލާ އުޅުނު ޔުނާގެ ބޮލުގައި ރިހުމެއްވިއެވެ. އޭގެ ފަހަތުގައިވި އެންމެ ބޮޑު ސަބަބަކަށްވީ އިއްޔެ ހަވީރު ޒުހާގެ ފަރާތުން އައި ފޯނުކޯލެވެ. ޖިނާހު އޭނައަށް ބޭނުންވާ ވާހަކަ ހަނދާންވަމުން ދިޔަދިޔަހެން އޭނަގެ މޭނުބައި ކުރާ ގޮތްވެސް ވަމުން ދިޔައެވެ. ޖިނާހު މަތިން ހަނދާން ނައްތާލުމުގެ މަގުމަތީގައި ވަނިކޮށް އަނެއްކާ އެ ހިތުގެ ހަމަޖެހުން ގެއްލޭ ފަދަ ޚިޔާލުތަކަށް އަނބުރާ ދާންވުމުންނެވެ.

ޔުނާ ކިތަންމެ ބޭނުމެއްނުވިޔަސް ރޭ އެ ހަނދާންތައް އާވެފައި ޖިނާހާއި މެދު ވިސްނުމުން އޭނައަށް ރޮވޭ ގޮތްވިއެވެ. އޭގެ ސަބަބުން ބޮލުގެ ރިހުމާއެކީ ފަތިސް ވީއިރު ވެސް އޭނަގެ ލޯ ދުޅަވެފައިވިއެވެ. އޭނަ ކޮޓަރިން ބޭރަށް ދިޔުމުން އެކަން ޒިހާންމެންގެ މީހުންނަށް ފާހަގަނުވާނެ ގޮތެއް ހެއްދެވުމަށް އެދި ޔުނާއަށް ހިތާހިތުން ދުޢާކުރެވުނެވެ. އެއީ ނާދިރުކަމެއްކަން އެނގުނަސް އެކަމަށް އުއްމީދު ކުރެވުނެވެ.

އެނދުމަތީގައި އިނދެއިނދެފައި ޔުނާ ކޮޓަރިން ނިކުންނަން ޚިޔާލުކުރީ ބޭރުން ޒައިނާއާ މަންހަލްގެ އަޑު އިވެން ފެށުމުންނެވެ. ކޮޓަރިން ނިކުމެ ބަލައިލި އިރު އެ ދެމީހުން ނުފެނުނެއްކަމަކު ބަދިގެއާ ދިމާލުން އެ ދެމައިންގެ އަޑު އިވެމުން ދިޔައެވެ. ޔުނާ ގޮސް ބަދިގެއަށް ވަންއިރު ޒައިނާ މަންހަލްއަށް ސައި ހެދުމުގައި އުޅުނުއިރު ޒިހާންގެ މަންމަ ހުރީ ފުށް މޮޑޭށެވެ.

އިއްޔެ ހެނދުނު ވެސް ޒިހާންގެ މަންމަ އޭނަ ގާތު 'ޝަކީލައްތަ'ގެ ނަމުން މުޚާތަބު ކުރުމަށް ބުނެފައިވެއެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އަދިވެސް ޔުނާއަށް ޝަކީލައްތަ ފެންނަމުން ދިޔައީ ދައްތައަކަށްވުރެ ބޮޑަށް ޒިހާންގެ މަންމަގެ ގޮތުގައެވެ.

ބަދިގެއަށް ވަންނަން އުޅެފައިވެސް ޔުނާއަށް މަޑުކޮށްލެވުނީ އިއްޔެ އޭނަ ޒިހާންގާތު ދެއްކި ވާހަކަތައް ހަނދާންވެފައެވެ. މިހާއިރުވީއިރު ޒިހާން އެ ވާހަކަ އޭނަގެ ޢާއިލާއަށް އަންގާފައިވާނެތޯ ހިތަށްއެރި ވަގުތަކީ ޝަކީލައްތަ އޭނައަށް ބަލައިލި ވަގުތެވެ.

"އަނހަ! ޔުނާ ހޭލީދޯ؟" ޝަކީލައްތަ ހިތްހެޔޮ ހިނިތުންވުމަކާއެކީ ބުނެލިއެވެ. ޖަވާބުގައި ޔުނާއަށް ހިނިތުންވުމަކާއެކީ ބޯޖަހާލެވުނީ ޝައްކެއްގެ ތެރޭގައި ހުރެއެވެ. ޝަކީލައްތަ އިއްޔެ ވެސް ހެނދުނު އޭނަ ފެނުމާއެކު މުޚާތަބުކުރީ އެފަދަ ގޮތަކަށް ކަމަށްވުމުން އިއްޔެ ވީ ކަމެއް އެ ދައްތައަށް އެނގިފައިވާކަން ދެނެގަންނަން ޔުނާއަށް ދަތިވިއެވެ.

ޝަކީލައްތައަށް ފަހު ޒައިނާ ވެސް ވަކި އިތުރު އެއްޗެކޭ ނުބުނެ އިއްޔެ ފަދައިން އޭނައާ އެކުވެރި ގޮތަކަށް ވާހަކަ ދައްކަން ފެށުމުން ޔުނާ އޮޅުން އަރާ ގޮތްވިއެވެ. ޔުނާ ހުރީ ރޭއްސުރެ ޝަކީލައްތަ އެހެން ނޫނީ ޒައިނާ އަމިއްލައަށް ވެސް އައިސް ވާހަކަ ދައްކާނެ އިރެއްގެ އިންތިޒާރުގައެވެ. ރޭ މާ ދަންވުމުން މިއަދު އެގޮތަށް ކަންތައް ވާނެ ކަމަށް ޔުނާ އުއްމީދު ކުރިއެވެ. އެހެނަސް އެ ދެމީހުންގެ ޙަރަކާތްތައް ހުރި ގޮތުން ޒިހާން އޭނަގެ އެދުމުގެ ވާހަކަ އެމީހުންނާއި ހަމައަށް ނުގެންދަނީކަން ޔުނާއަށް ޔަޤީންވިއެވެ.

އެކަން އެނގުންވި ވަގުތު ޒިހާން އެހެން ހެދުމުގެ ފަހަތުގައި ވާނެ ސަބަބު ވެސް ޔުނާއަށް ދޭހަކުރެވުނެވެ. ޒިހާން އެހެން ހަދާނީ އޭނަގެ އުފަލާއި މެދު ވިސްނާފައިކަން އެނގުންވިއެއްކަމަކު ހިސާބަކަށް ދެރަވެސް ވާ ގޮތްވިއެވެ. އޭނައަށް ކަންތައް ކުރެވުނު ގޮތުން އޭނައަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަން ޒިހާން ޖެހިލުންވެފައިވިކަން އެނގުންވުމުންނެވެ. ހަމަ އެއާއެކު އެކަން ޙައްލުކުރަން ޔުނާ ކަމެއް ކުރަން ބޭނުންވިއެވެ.

"ޝަކީލައްތާ.... ޒިހާން ވާހަކައެއް ބުނިތަ ޝަކީލައްތަ ކައިރި؟" އެ ދައްތައާއެކީ ރޮށި ފިހަން ހުރެފައި ޔުނާ ހިމޭންކަމުގެ ތެރެއިން ސުވާލުކުރިއެވެ.

"ކޮން ވާހަކައެއް؟" ޔުނާ ހީކުރި ގޮތާއި ޚިލާފަށް ޝަކީލައްތައާއެކީ ދުރުގައި ހުރި ޒައިނާވެސް ކުއްލި ގޮތަކަށް އެ ސުވާލުކޮށްލީ ކަމަކަށް އުއްމީދު ކުރާ ފަދައަކުންނެވެ. ޔުނާ އެ ދެމީހުންނަށް ވަކިވަކިން ބަލައިލިއިރު އެ ދެމީހުން ވެސް ތިބީ އެމީހުންގެ ހުރިހާ ސަމާލުކަމެއް އޭނައަށް ދީގެންނެވެ.

**

ފަތިސް ނަމާދަށްފަހު ގެއަށް ދިޔުމުގެ ކުރިން ޒިހާން ދިޔައީ އޭނައަށްޓަކައި މަސައްކަތް ކޮށްދޭ ކުދިންގެ ތެރެއިން ބަލިވެ އުޅޭ ކުއްޖެއްގެ ގެއަށެވެ. މީގެ އަހަރުތަކެއް ކުރިން ޒިހާން އުފެއްދި ކޮންސްޓްރަކްޝަން ކުންފުންޏަކީ މުޅި އަތޮޅުގައި ވެސް ހުރި އެންމެ އިތުބާރު ހިފޭ އެ ޒާތުގެ ކުންފުންޏެވެ. އެ ކުންފުނި އެހެން ކުންފުނިތަކާއި ތަފާތުވާ އެއްސަބަބަކީ އެ ކުންފުންޏަށްޓަކައި މަސައްކަތް ކޮށްދެނީ ދިވެހި ޒުވާން ކުދިން ކަމަށްވުމެވެ.

މަސްތުވާތަކެތީގެ ވަބާއިން އަރައިގަންނަން މަސައްކަތް ކުރާ ޒުވާން ކުދިންނަށް އެހީވުމަކީ ޒިހާން ލޯބިކުރާ ކަމެކެވެ. އޭނައަށްޓަކައި މަސައްކަތް ކޮށްދޭ ގިނަ ކުދިންނަކީ މަސްތުވާތަކެތިން ސަލާމަތް ވުމަށްފަހު ވަޒީފާގެ ފުރުޞަތެއް ނުލިބިފައި ތިބޭ ކުދިންނެވެ. ޒިހާންގެ ހިތްހެޔޮކަމުގެ ސަބަބުން އެހުރިހާ އެންމެންވެސް އޭނައަށްޓަކައި މަސައްކަތް ކޮށްދެނީ އިޚްލާޞްތެރިކަމާއި އެކީގައެވެ. އެ ކުންފުނިން ކޮޅަށް ނަގާ ޢިމާރާތްތަކުގެ ފެންވަރު ހުންނަ އެއް ސަބަބަކީ އެއީއެވެ.

ޒިޔާރަތް ކުރަން ދިޔަ ކުއްޖާގެ ގެއާއި ހަމައަށް ދެވުމާއިއެކު ޒިހާން ސަލާމް ގޮވައި އިޒުނަ ހޯދުމަށްފަހު ގެއަށް ވަނެވެ. ޢާއިލާ މީހުން ކައިރިން ވެސް ނަވީންގެ ޙާލު އަހުވާލު ބެލުމަށްފަހު ޒިހާން އެމީހުންގެ ހުއްދައާއެކީ ނަވީންގެ ކޮޓަރިއަށް ދިޔައެވެ. ހުން އިހުނަށްވުރެ ރަނގަޅުވަމުންދާ ވާހަކަ ނަވީން ބުނުމުން ޒިހާން އެކަމާއިމެދު އުފާ ފާޅުކުރިއެވެ. އަދި ނަވީންއަށް ދޭން ގަނެގެން އައި މޭވާތަކެއް ނަވީންގެ އަތަށް ލައިދިނެވެ. އޭނަގެ އެ ޙަރަކާތާއި އެކީ ނަވީން ބުނެލި ވާހަކައިން ޒިހާންގެ ޙަރަކާތްތައް ލަސްވާ ގޮތްވިއެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ ޒިހާންބެ އަޅުގަނޑުމެންނަށްޓަކައި ތި ކޮށްދޭ ކަންތަކަށްޓަކައި. ބައެއްފަހަރު ޤަބޫލުކުރަން ވެސް ދަތިވޭ ޒިހާންބެ ތިއީ އަހަރުމެންގެ ތެރެއިން ގިނަ ބައެއްގެ ޙަޔާތް ބަރުބާދުކުރި މީހާގެ ދަރިއެއްކަން. އަޅުގަނޑުމެން މަސްތުވާތަކެތީގެ ތެރެއަށް ވެއްދީ އޭނަ. އެކަމަކު އަޅުގަނޑުމެންނަށް އަލުން ދިރިއުޅުމެއް ހޯދައިދިނީ ޒިހާންބެ...." ނަވީން ބުނެލި އެ ވާހަކައިން ޒިހާނަށް އެއްދިމާލަކަށް ނަޒަރު ހުއްޓައިލެވުނީ ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ ހިތްދަތި މާޒީ ލޮލަށް ސިފަވެގެން ދިޔަހެން ހީވުމުންނެވެ. ހަރު އަޑުންނާއި ހުތުރު ބަހުން ވާހަކަ ދެކެވޭ އަޑުތަކާއި އެއްޗެހި އުކައި ތެޅޭ އަޑާއި މަންމައާއި ދޮންތަގެ ރުއިމުގެ އަޑު އެ ހިނދު ވެސް ކަންފަތުގައި ގުގުމާލިހެން ހީވުމުން ޒިހާންގެ ހިތް ރޫރޫއެޅިއެވެ.

"ހިތަށްއަރާ މިހާރު ކޮބައިބާއޭ އޭނަ.... އޭނަގެ އެ ވިޔަފާރި ފުޅާކުރަން ބޭރަށް ދިޔަކަން އެއީ ހަމަ ނަސީބު. އެކަމަކު އަދިވެސް ރާއްޖެއަށް އެ އެއްޗެހި އެތެރެ ކުރެވޭތޯ އޭނަ މަސައްކަތްކުރާ ވާހަކަ އަޑުއެހިން. ޒިހާންބެ އޭނަގެ އެ ރޭވުން ކޮންމެހެން ވެސް ހުއްޓުވައްޗޭ...." ނަވީން އާދޭހުގެ ރާގަކަށް އެދުނެވެ. ޒިހާން ނަވީންއަށް ބަލައިލަމުން ހިނިތުންވުމަކާއެކީ ހޫންލައްވާލިއެވެ. އެ ހިނދު ޒިހާންގެ ދެލޯ ކަރުނައިން ވިދަމުން ދިޔައެވެ.

ނަވީނާއި ބައްދަލުކުރުމަށްފަހު ގެއަށް ދިޔަ މަގުމަތީގައި ޒިހާނަށް އެހެން ކަމަކާއިމެދު ވިސްނޭ ގޮތެއްނުވިއެވެ. ޚިޔާލުތައް ފުރިބާރު ވެފައިވީ އޭނަގެ ބައްޕަގެ ހަނދާނުންނެވެ. ލޯ މަތިން ސިފަވަމުން ދިޔަ އެ ސޫރައަށް ބައްޕަގެ ލަޤަބު ދޭންވެސް އޭނަގެ ހިތް ދެކޮޅު ހެދިއެވެ. އެހެނަސް ޙަޤީޤަތެއް ބަދަލެއް ނުކުރެވޭނެއެވެ. އެ ނުލަފާ އިންސާނާއަކީ ހަމަ އޭނަގެ ބައްޕައެވެ. ކުޑައިރު އުފާވެރިވާން ޖެހޭ ދުވަސްތައް ބިރުވެރި ދުވަސްތަކަށް ބަދަލުކޮށްލި ބައްޕައެވެ. އެއީ ޒިހާން ހަނދާންވެސް ކުރަން ބޭނުންވާ ދުވަސްތަކެއް ނޫނެވެ.

ޚިޔާލުތަކެއްގެ ތެރޭގައި ހުރެ ޒިހާން ގެއާއި ހަމައަށް ގޮސް ގޭގެ މައިދޮރުން ވަދެގެން ދިޔައެވެ. ވަކި ވިސްނުމެއްނެތި ގޮސް ސިޓިންގް ރޫމުގެ ދޮރުން ވަންނަން ދިމާކުރި ވަގުތު ކުއްލިއަކަށް ހެވިފައިހުރި ޒައިނާ އޭނަގެ ކުރިމައްޗަށް އެރުމުން ޒިހާން ހުއްޓުން އެރިއެވެ.

"ކޮން އިރަކު އަހަރުމެން ކައިރި ބުނަން ރާވައިގެން ހުރީ؟ އަނެއްކާ ނުބުނެތަ ހުރިހާ ކަމެއް ނިންމާލަން އުޅުނީ؟" ޒައިނާ ލާނެތް ހިނިތުންވުމަކާއެކީ ދެއަތް މެއާއި ދިމާލުން ހުރަސްކޮށްލަމުން އެހިއެވެ.

"ކޮން ކަމެއް؟" ޒިހާން އޮޅުން އަރާ ގޮތްވިއެވެ.

"ނޭނގޭ ކަމަށް ހެދެން ވެސް ދަނެއޭދޯ މިހާރު؟" އެތެރެއިން މަންމަގެ އަޑު އިވުމުން ޒިހާނަށް ދެބުމަ ކައިރިކޮށްލެވުނެވެ. އެއަށްފަހު ޒައިނާ ކުޑަކޮށް ކޮއްޕާލަމުން ސިޓިންގް ރޫމަށް ވަނެއެވެ.

"ކޮން ކަމެއް ނޭނގޭ ކަމަކަށް ހަދަނީ މަންމާ؟" ޒިހާން ވާނުވާއެއް ނޭނގި ސޯފާގައި ފޮތެއް ކިޔަން އިން މަންމަ ކައިރިއަށް ދިޔައެވެ. އެވަގުތު ސިޓިންގް ރޫމުގެ މެދުގައި އެޅިފައިވި ކުޑަކުދިންގެ ކާރޕެޓް މަތީގައި ޔުނާ މަންހަލްއާއެކީ އެކި ކުޅޭ އެއްޗެހިން ކުޅެން އިނެވެ. ޒިހާން އެ ސުވާލުކޮށްލިއިރު ޔުނާ ނޫންކަމަށް ހަދާފައި އޭނައަށް ނަޒަރެއް ދިނެވެ.

"ހޫނ ދެން ޑްރާމާ ކުރިއަށް ގެންދޭ! ލަދުގަތަސް ތިއީ ތަންކޮޅެއް ބޮޑުވަރު. ދެން ކީއްކުރާނީ ދޯ މަންމާ؟ މި ދެމީހުން އަހަރުމެންނަށް ނާންގާ ހަނީމޫނަށް ވެސް ގޮސްދާނެތާ އެމްސްޓާރޑަމްއަށް...." ޒައިނާ ބޯހޫރުވައި ފުން ނޭވައެއް ދޫކުރަމުން ބުނެލި ވާހަކައިން ކަމެއް އެނގުންވުމުން ޒިހާންގެ ދެލޯ ބޮޑުވިއެވެ. އޭނަ ކުއްލި ގޮތަކަށް ޔުނާއަށް ބަލަން އުޅުނު ވަގުތު ސިޓިންގް ރޫމުގެ އެތެރެ ފަރާތު ދޮރު ހުޅުވާފައި ލޫލޫ މުށި ކުލައިގެ ކުޑަ ފޮތަކާއިއެކީ އަންނަން ފެށިއެވެ.

"ފުރަތަމަ އެމްސްޓާރޑަމްއެއް ނޫނޭ ދޮންތާ! މީގަ މިއޮތީއެއްނު؟ ލޯބިވާ ޔުނާ..... އަހަރުމެންގެ ކައިވެނި ކުރެވިގެން ގޮސްފިނަމަ އެންމެ ފުރަތަމަ ޔުނޫއާއެކީ ދާނީ ޢުމްރާއަށެވެ. ކަޢުބަތު ﷲ ގެފުޅު ފެނުމުން ހިތަށް ހަމަޖެހުން ލިބޭ ވާހަކަ ޔުނާގެ ދޮންބެވެސް ބުނެފައިވާނެކަން ޔަޤީނެވެ. ޔުނާ އެންމެ ރީތި ޤައުމު ކަމަށް ބުނާ އެމްސްޓާރޑަމްއަށް ދާނީ އެއަށްފް.... ހަހަހަހަ!" ލޫލޫ އެ ފޮތް ކިޔަން ފެށި ތަނާހެން ޒިހާން ގަތް ލަދާއިއެކީ ދިގު ފިޔަވަޅުތަކެއްގައި ލޫލޫއާ ދިމާލަށް ދާންފެށިއެވެ. ލޫލޫ ޚުޝިޔާރުކަމާއެކީ ޒިހާންގެ އަތުގައި ނުޖެހި ފޮތް ކިޔަމުން ހިނގަން ފެށިއެވެ. ސޯފާތަކުގެ މަތިން ވެސް ހިނގަމުން ލޫލޫއަށް ޒިހާންގެ އަތުން ރެކެވުނީ ވަކި ހިސާބަކަށެވެ. އެންމެ ފަހުން ޒިހާން އެ ފޮތް ޖަހައިގަތް ގޮތުން އެންމެންނަށް އެކުއެކީގައި ހެވުނެވެ.

"ހެހެހެ..... ކޮބާ އެހެންވީމަ އެ ދަތުރުތަކުގަ ދާން ތައްޔާރުވާންވީއެއްނު ޒިހާންވެސް ޗުއްޓީގަ ހުރި ދުވަސްވަރު ދޯ ޔުނާ؟" މަންމަ ހިނިތުންވުމަކާއި ޔުނާއަށް ބަލަން އިނދެ ބުނެލި ވާހަކައިން ޒިހާނަށް ޔުނާއާ ދިމާލަށް ބަލައިލެވުނެވެ. އެ ހިނދު ޔުނާ އާދައިގެ މަތިން ގަދަކަމުން ވެރިކުރުވިފައިވި ހިނިތުންވުމަކާއިއެކީ ބޯޖަހާލިއެވެ.

"ޔުނާ ބުނީތަ މަންމަމެން ކައިރިވެސް؟!" ޒިހާން ޤަބޫލުކުރަން ދަތިވެފައި ސުވާލުކުރިއެވެ. ޔުނާ އާދައިގެ ގޮތަކަށް ހޫންލައްވާލިއެވެ. އެއީ އެކަން ވާންޖެހޭ ގޮތްނޫންތޯ ބުނާފަދަ ރާގަކަށެވެ. ހަމަ އެއާއެކު ޒައިނާ އަނެއްކާވެސް ޔުނާ ނުބުނިނަމަ ތިމަންނަމެންނަށް އެނގުމެއްނެތި ހުރިހާ ކަމެއް ނިމުނީހޭ ބުނެ ސަމާސާ ކުރިއަށް ގެންދިޔައެވެ. އެހެނަސް ޔުނާއަށް ނަޒަރު ހުއްޓައިގެން ހުރި ޒިހާނަށް ހެވޭގޮތެއް ނުވިއެވެ. ޒިހާންގެ ސީރިއަސް ނަޒަރު އޭނައަށް އަމާޒުވެފައިވި ގޮތުން ޔުނާއަށް ހިނިތުންވާން އުޅެފައިވެސް ނުވެވުނެވެ. އެންމެފަހުން އިސްޖަހައިލެވުނީ ޒިހާންގެ އެ ނަޒަރުން އުދަގޫވުމުންނެވެ. ޒިހާން އެ މަންޒަރު ބަލަން ހުރެހުރެފައި އެތަނުން ދާން ހިނގައިގަތެވެ. އެއާއެކު ދެންމެ ޔުނާއާއި އޭނައާއި ދެމެދު ބަދަލުވި ނަޒަރުތައް ފާހަގަވި ޝަކީލާ ވެސް ޒިހާންގެ ފަހަތުން ދިޔައެވެ.

ޒިހާން ގޮސް މަންހަލްގެ ކޮޓަރިއަށް ވަދެ ފުން ނޭވައެއް ދޫކޮށްލީ ހަމައަކަށް އެޅުމަށެވެ. އޭނަ އެ ކޮޓަރީގެ މެދާއި ހިސާބުގައި ހުއްޓުނުތާ މާ ގިނައިރެއްނުވެ ފަހަތުން ކޮޓަރީގެ ހުޅުވިފައިވި ދޮރުގައި ޓަކި ދެވުނު އަޑު އިވުނެވެ. ޒިހާން ފަސްއެނބުރި ބަލައިލިއިރު އެތަނުން މަންމަ ފެނުމުން އޭނަ ހުއްޓުން އެރިއެވެ.

"ކިހިނެއްވީތަ ޒިހާން؟" ޝަކީލާ ލަސް ހިނގުމެއްގައި ޒިހާންގެ ކައިރިއަށް ދަމުން ސުވާލުކުރިއެވެ.

"މަންމައަށް ހިއެއްނުވޭތަ މާ އަވަހަށްހެން އަހަރުމެންގެ ކައިވެނި މި ހަމަޖެހެނީ؟" ޒިހާންވެސް ކޮށްލީ ސުވާލެކެވެ.

"ތިބުނީ ވެސް އަހަރުމެންނޭއެއްނު؟ މާނައަކީ ޒިހާން ޔުނާއާއެކީ ވާން ބޭނުންވެއޭ. އެހެންވީމަ ކޮން އަވަހެއް؟" ޝަކީލާ ބުންޏެވެ.

"އެކަމަކު ޔުނާ ބޭނުމެއްނުވެއޭ މަންމާ.... ޔުނާގެ ދޮންބެ މިކަމަށް އެދޭތީ ޔުނާ އަހަންނާއި އިންނަން އެއުޅެނީ. އެހެން އެއްވެސް ސަބަބަކާއި ލައިގެނެއްނޫން. މަންމައަށް އެބަ ފެނެއެއްނު ގަދަކަމުން އުފާވާކަމަށް ހެދިގެން ޔުނާ އެ އިންނަގޮތް. އަހަރެން ބޭނުމީ ޔުނާ އުފަލުގަ ބަހައްޓަން މަންމާ...." ޒިހާން ބުނެލިއެވެ. ޝަކީލާ އެ ވާހަކަ އަޑު އެހުމަށްފަހު ފުން ނޭވައެއް ދޫކޮށްލިއެވެ.

"ދެން ޒިހާނަށް ހީވަނީ ޒިހާން ޔުނާ ދޫކޮށްލީމަ ޔުނާއަށް އުފަލެއް ލިބޭނެހެންތަ؟ އެކުއްޖާގެ ހިތުގަ އެއޮތީ ވަރަށް ބޮޑު އެދުމެއް އެކުއްޖާގެ ދޮންބެގެ ވަޞިއްޔަތާއި އެއްގޮތަށް ކަންތައް ކުރަން. އެގޮތަށް ކަންތައް ނުކުރެވުނިއްޔާ އެކުއްޖާއަށް ހަމަޖެހުމެއް ލިބޭނެހެން ހީވޭތަ؟" ޝަކީލާ އެހިއެވެ. އެއާއެކު ޒިހާނަށް ވިސްނައިލެވުނެވެ. މަންމަ އެ ދެއްކީވެސް ރަނގަޅު ވާހަކައެއްކަން ނަގައިގަނެވުނެވެ. އެފަދަ މިޞްރާބަކުން އޭނައަށް މި ޙާލަތާއިމެދު ވިސްނިފައި ނެތީއެވެ.

ޒިހާން އެއްޗެކޭ ނުބުނުމުން ޝަކީލާ އިތުރަށް ވާހަކަ ދެއްކިއެވެ.

"މަންމައަށް ފެންނަނީ ތި ދެކުދިން ވެސް މި ގުޅުމަށް ފުރުޞަތެއް ދޭން. ތަޤްދީރުގައި ތި ދެކުދިން އެއްތަނެއްގައި ލައްވާފައިވާނީ ވެސް ސަބަބަކާއި އެކީ. ތި ދެކުދިން ވެސް އިސްތިޚާރާ ކުރުމަށްފަހު މިހާ ހިސާބަށް ވެސް ތިއައީ. ކައިވެނިންގެ ގުޅޭ ދެމީހުންގެ ދެމެދުގައި ލޯބި ލައްވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ. އެހެންވީމަ މަންމައަށް ފެންނަނީ ޒިހާން ޔުނާގެ އެ އެދުން ޤަބޫލުކުރަން.... ޒިހާން މަންމަ ކައިރި ބުނީމެއްނު ބައްޕަ ގެއިން ދިޔަ ދުވަހު ދެން ދުވަހަކުވެސް މަންމަގެ ލޮލުން ކަރުނައެއް އޮހޮރޭނެ ފަދަ ފުރުޞަތެއް ނުދޭނަމޭ؟ ޔުނާއާ ދުރުގައި ހުރެގެން ޒިހާނަށް ލިބުނު ކެކުޅުމާއެކީ މަންމަވެސް ހާދަ ދެރަވިއޭ..... އަމިއްލަ އުފާވެރިކަމާއި ދިމާލަށް ފިޔަވަޅެއް އަޅައިގެން މަންމަ އުފާކޮށްދީ ޒިހާން. މި ކައިވެންޏަށް އެއްބަސްވެލާ. މަންމައަށްޓަކައި. ޔުނާއަށްޓަކައި..." ޝަކީލާ ފެންކަޅިވެގެން ދިޔަ ދެލޮލާއި އެކީ އެދުނެވެ. މަންމަ ބުނެލި ބަސްތައް އިވި މަންމަގެ މޫނުމަތި މިލައިގެން ދިޔަ ގޮތުން ހިތަށް ކުރި އަސަރާއި އެކީ ޒިހާނަށް މަންމަގެ ގައިގައި ބައްދާލެވުނެވެ.

"އެންމެ ރަނގަޅު، މަންމާ...." ޒިހާން މަންމަގެ ކޮނޑުމަތީގައި ދަތްދޮޅިޖައްސައިގެން ހުރެ ބުނެލި ވާހަކައިން ޝަކީލާއަށް ހިނިތުންވެލެވުނެވެ.

(ނުނިމޭ)