ސޯޝަލް މީޑިއާގެ މަޝްހޫރު ޓުވިޓާގައި އެލެކްސް އަހުމަދުގެ ނަމުން މަޝަހޫރުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ބުނެ އެ އެކައުންޓުން މިއަދު ޓުވީޓެއް ކޮށްފި އެވެ.

އެއީ 21،000 އަށް ވުރެ ގިނަ މީހުން ފޮލޯކުރަމުން އަންނަ އެކައުންޓެކެވެ. އެ އެކައުންޓުން އެ އެކައުންޓްގެ ވެރިޔަކީ ރައީސް ނަޝީދު ކަމަށް ބުނެފައިވަނީ އެހެން މީހަކަށް ރައްދު ދެމުންނެވެ.

އެ ޓުވީޓްގައި ބުނެފައިވަނީ "ދެން ކިތައް ފަހަރަށް ބުނެފިން މިއީ ކެނެރީގޭ ނަޝީދުއޭ" ކަމަށެވެ. އެލެކްސް އަހުމަދު އެގޮތަށް އެއްބަސް ވެފައިވަނީ، "މިހިރަ ފިނޑިޔާ. ވެރިފައި ކޮށްފައި އިން އެކައުންޓް އިން ތި ކިޔާ އެއްޗެއް ކިޔާބަލަ!"އޭ ކިޔާފައި، އެހެން މީހަކު ކުރި ޓްވީޓަކަށް ރައްދު ދެމުންނެވެ.

"ދެން ކިތައް ފަހަރު ބުނެފިން މިއީ އަޅުގަނޑު ކެނެރީގޭ ނަޝީދުއޭ. އެލެކްސް އަކީ އަޅުގަނޑުގެ ނުރަސްމީ އެކައުންޓް،" ރައްދު ދެމުން އެލެކްސް ލިޔުނެވެ.

އެލެކްސް އަހުމަދުގެ ނަމުގައި އެކައުންޓް ހުޅުވާފައިވަނީ އެޕްރީލް 2012 ގަ އެވެ. އެތާރީހަކީ، ރައީސްގެ މަގާމުން ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވިތާ ދެ މަސް ވާން އުޅެނިކޮށެވެ.

އެލެކްސް އަހުމަދަކީ މުހައްމަދު ނަޝީދު ކަމަށް، ވަރަށް ގިނަ ބަޔަކު މީގެ ކުރިންވެސް ބުންޏެވެ. ގިނަ ބަޔަކު ގަބޫލުކުރަމުން އައީވެސް އެގޮތަށެވެ. އަދި މީޑިއާތަކުންވެސް ހޯދި ހޯދުންތަކުން ވެސް ބެލެވިފައި އޮތީ އެއީ މުހައްމަދު ނަޝީދު ބޭނުންކުރައްވާ އެކައުންޓެއް ކަމަށެވެ.

އެލެކްސް އަހުމަދުގެ އެކައުންޓުން ކުރި އިތުރު ޓުވީޓެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލައާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކާފައި ވެއެވެ.

އެޓްވީޓުގައި ބުނެފައިވަނީ ވަޒީރު ބޭފުޅުންގެ ތެރޭގައި ވަކި އެއް ބޭފުޅެއް މާ ބޮޑުވުމަށް ޖާގަ ދީފި ނަމަ ޕާޓީއަށާއި ސަރުކާރަށް އަދި ރާއްޖެއަށް ދެރަވާނެ ކަމަށެވެ.

"ރައްޔިތުން ބާރު ގުޅިފައިވާ މަޖިލިސްގެ ބާރުވެރިކަން ވެސް ދާނީ ކުޑަވަމުން. ސަރުކާރު ކުންފުނިތަކުގެ ހިންގުމަށް ހުރަސް އެޅޭނެ،" ފައްޔާޒަށް ނިސްބަތްކޮށް، ކުރި އެލެކެސް އަހުމަދު ޓުވީޓްގައި ބުނެފައި ވެއެވެ.