ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" މިރޭ ރަސްމީކޮށް އިފްތިހާހުކޮށްފިއެވެ.
މި ފޮތް އިފްތިތާހުކޮށްފައި ވަނީ ދޮންމަނިކު ސްކައިވިއު ރެސްޓޯރަންޓުގައި ބޭއްވި ހާއްސަ ހަފުލާއެއްގައެވެ. އެ ހަފުލާގައި ފޮތް ނެރެދެއްވީ ރައީސް ނަޝީދުގެ ބޮޑުދައިތަ، ގަލޮޅު ކެނެރީގޭ ޒުހައިރާ އުމަރެވެ.
މި ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 250 ރުފިޔާއަށެވެ. އެ ފޮތުގައި ޖުމްލަ ފަސް ކުރުވާހަކަ ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ "ގައުމީ މަޝްރޫއު"، "މޫސަބަރު"، "ޗާލާ ޒަމާނާ"، "ރީތި ހަދިޔާ" އަދި "ހިތާއި ހިތުގެ ގުޅުން" އެވެ.
ފޮތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ ފޮތުގައިވާ ވާހަކަތައް އެމަނިކުފާނު ލިޔުއްވީ 1980ގެ އަހަރުތަކުގެ ފަހުކޮޅާއި 1990ގެ ކުރީކޮޅު ކަމަށެވެ. އަދި ފޮތުގައި "80 ގެ ކުރީކޮޅު" ޖަހާފައިވަނީ ދެވަނަ ދެލިކޮޕީން އައި ބަދަލެއްގެ ގޮތުގައި ކަމަށާއި މި ވާހަކަތައް އެކުލަވާލެއްވީ 1994 ވަނަ އަހަރު ޖަލުން ގެއަށް ބަދަލުކުރި ދުވަސްވަރު ކަމަށެވެ.
ހަމައެއާއެކު، 1989 އިން ފެށިގެން 2008 އާ ހަމައަށް އެމަނިކުފާނުގެ ހަޔާތުގެ މައްޗަށް ބިނާކޮށް އިނގިރޭސި ބަހުން ފޮތެއް ލިޔުއްވާފައިވާ ކަމަށްވެސް ނަޝީދު މިރޭ ހާމަކުރެއްވި އެވެ. އެ ފޮތް މިހާރު އޮތީ ޝާއިއުކުރުމަށްޓަކައި ޕަބްލިޝަރަކަށް ފޮނުވާފައި ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދަކީ ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތުމުގެ ކުރިން ނޫސްވެރިކަން ކުރައްވައި، އަދަބީ އަދި ތާރީހީ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ސިޔާސީ މަސައްކަތުގައި އުޅުއްވަމުން ވެސް "އެއްބަސްވެވޭ އިންގިލާބު"، "ދެ ރަދުން"، "ކިއްލާ މާލެ" އަދި "ދަގަނޑު ދަހަނާ" ފަދަ ފާހަގަކޮށްލެވޭ ފޮތްތައް އެމަނިކުފާނު ވަނީ ލިޔުއްވާފައިވެއެވެ.
އަލީ ޔާމިން
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ކޮމެންޓް