ސުޝާންތު ސިންގު ރާޖުޕުތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޮކަންޑޭގެ ނަމުގައި ހިރި ފްލެޓަކަށް ސުޝާންތު ފައިސާ ދައްކައިދިން ކަމަށް، ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކަރަބޮޓީ ބުނެފިއެވެ.

ރިއާ ޗަކަރަބޮޓީ އެހެން ބުނީ ސުޝާންތުގެ މަރުގެ މައްސަލައާ ގުޅިގެން އެންފޯސްމެންޓް ޑިރެކްޓްރޭޓްގެ އޮފީހުން ބަލަމުން ގެންދާ މަނީ ލޯންޑަރިންގް ގެ މައްސަލައަކާ ގުޅޭ ތަހުގީގަށް އެ އޮފީހަށް ހާޒިރުކުރުމުންނެވެ. ރިއާ ބުނެފައިވާ ގޮތުގައި ސުޝާންތު ވަނީ އަންކިތާގެ ނަމުގައި ހުރި ފްލެޓަކަށް 4.5 ކްރޯޑް ރުޕީސް ހަރަދުކޮށްފައެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ރިއާގެ އެ ވާހަކަތަކާ ގުޅިގެން އީޑީ އިން އަންކިތާ އާ ވެސް ސުވާލުކުރުމަށް ވަނީ ނިންމައިފައެވެ. ރިއާ އެހެން ބުނެފައި ވީނަމަވެސް އަންކިތާ ވަނީ ސުޝާންތު ފައިސާ ދައްކައިދިން ކަމަށް ބުނާ ފްލެޓަށް އަންކިތާގެ އެކައުންޓުން ފައިސާ ކަނޑައިފައި ހުރި ބޭންކް ރިސިޕްޓް އިންސްޓަގްރާމުގައި ހިއްސާ ކޮށްފައެވެ.

ސުޝާންތުގެ މަރުގެ މައްސަލައާ ގުޅިގެން އަންކިތާ އަށް މީހުން ކުރި އެކި ތުހުމަތު ތަކަށް އޭނާ ވަނީ މިހާތަނަށް ވަރަށް ފާޅުގައި ކެރިގެން ޖަވާބު ދީފައެވެ.