ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، ޖަރުމަންގެ އާރްބީ ލެއިޕްޒިގުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ފަހަކަށް އައިސް ބޮޑެތި ކްލަބުތަކަށް އުނދަގޫތަކެއް ކުރިމަތިކުރުވާ ލެއިޕްޒިގުން ސެމީގެ ޖާގައެއް ހޯދީ ޕޯޗުގަލްގެ އެސްޓޭޑިއޯ ހޯސޭ އަލްވަލާޑޭގައި ރޭ ކުޅުނު ކުއާޓާ ފައިނަލުގެ މެޗުގައި 2-1ގެ ނަތީޖާއަކުން އެތުލެޓިކޯ ބަލިކޮށްގެންނެވެ. ކުރިން ލެއިޕްޒިގުން ފެނިގެންދިޔަ ހުނަރުވެރި ފޯވަޑް ޓިމޯ ވާނާ އެޓީމު ދޫކޮށް ޗެލްސީއާ ގުޅުނު ނަމަވެސް، ރޭގެ މެޗުގައި އޭނާ ނެތްތަން ލެއިޕްޒިގުން މާބޮޑަށް ފެނިފައެއް ނުވެއެވެ.
އެ މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔައީ އެތުލެޓިކޯގެ ފަރާތުންނެވެ. ރަނގަޅު ފުރުސަތުތައް ވެސް ތަނަވަސްކޮށްފައިވަނީ އެތުލެޓިކޯ އިންނެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓުގައި އެތުލެޓިކޯގެ ޔެނިކް ކަރެސްކޯއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ލެއިޕްޒިގްގެ ކީޕަރު ޕީޓާ ގުލާޗީއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
އެ މެޗުގެ ދެވަނަ ހާފު ފެށިތާ ފަސް މިނެޓުގެ ތެރޭގައި ލެއިޕްޒިގުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މާސެލް ސެބިޓްޒާ ނަގައިދިން ހުރަހަކުން ލެއިޕްޒިގަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެއިން މިޑްފީލްޑަރު ޑެނީ އޮލްމޯއެވެ.
މެޗުގެ 71 ވަނަ މިނެޓުގައި އެތުލެޓިކޯ އިން ނަތީޖާ ހަމަހަމަކުރީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. އެތުލެޓިކޯއަށް އެ ޕެނަލްޓީ ލިބިގެންދިޔައީ ލެއިޕްޒިގުގެ ޕެނަލްޓީ އޭރިއާ ތެރެއިން އެތުލެޓިކޯގެ ޖޮއާއޯ ފީލިކްސްއަށް ލޫކަސް ކްލޮސްޓާމަން ކުރި ފައުލަކާ ގުޅިގެންނެވެ. އެތުލެޓިކޯއަށް އެ ޕަނަލްޓީ ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް ފޯވަޑް ޖޮއާއޯ ފީލިކްސްއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައިވަނިކޮށް، ލެއިޕްޒިގުން ވަނީ ލަނޑެއް ޖަހައި އަލުން ލީޑު ހޯދައިފައެވެ. އެންޖެލީނޯ ދިން ބޯޅައަކުން ލެއިޕްޒިގަށް ސެމީގެ ޖާގަ ކަށަވަރުވި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އެމެރިކާ މިޑްފީލްޑަރު ޓައިލާ އެޑަމްސްއެވެ.
ކޮވިޑާ ގުޅިގެން މެދުކަނޑާލި މުބާރާތްތަކުގެ ތެރޭގައި ޔޫރޮޕާ ލީގު ވެސް ހިމެނެއެވެ. ކޮވިޑުގެ ހާލަތުގެ ކުރިން މުބާރާތުގެ ފޯމެޓުގައިވާ ގޮތުން ފައިނަލާ ހަމައަށް ދެ ލެގު ކުޅުމަށް ހަމަޖެހިފައިވީ ނަމަވެސް، ކުއާޓާ ފައިނަލުން ފެށިގެން ކުޅުމަށް ހަމަޖައްސާފައިވަނީ އެއް ލެގެވެ.
ލެއިޕްޒިގުގެ އިތުރުން ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އިން ވެސް ވަނީ ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މިމަހުގެ 19ގައި ކުޅޭ ސެމީގެ މެޗުގައި ލެއިޕްޒިގް ނުކުންނަން ޖެހޭނީ ވެސް ޕީއެސްޖީއާ ދެކޮޅަށެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާގެ މެޗެއް މިރޭ ވެސް ކުޅުމަށް ހަމަޖެހިފައިވެއެވެ. ރާއްޖޭގަޑިން މިރޭ 12:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ސްޕެއިންގެ ބާސެލޯނާ އާއި ޖަރުމަން ޗެމްޕިއަން ބަޔާން މިއުނިކެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު