ސްޓާ ޕްލަސް އިން ގެނެސްދޭ ކާމިޔާބު ސީރީޒް "ކަސޯޓީ ޒިންދަގީ ކޭ 2" ގެ ބަތަލުގެ ރޯލުން ފެނިގެންދާ ޕާތު ސަމްތާނު ކަސޯޓީ ދޫކޮށްލަން ނިންމައިފިއެވެ.

މީގެ މަހެއްހާ ދުވަސްކުރިން ކޮވިޑް 19 އަށް ޕޮޒިޓިވް ވުމުން، ކަސޯޓީގެ ޝޫޓިންތަކާއި ދުރުގައި އުޅުމަށްފަހު، ކޮވިޑް ރަނގަޅުވުމުން މީގެ ހަފުތާއެއްހާ ދުވަސްކުރިން ޕާތު ވަނީ ޝޫޓިންތަކާ އަލުން ގުޅިފައެވެ. ކަސޯޓީގެ އަނޫރާގު ބާސޫގެ ރޯލު އަދާކުރާ ޕާތު އެ ސީރީޒް ދޫކޮށްލަން ނިންމީ، އޭނާގެ ސިއްހަތަށް ބެލުމަށާއި ކުރިއަށް ހުރި އެހެން ޕްރޮޖެކްޓްތަކަށް ވަގުތު ދިނުމަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކަސޯޓީ ޒިންދަގީކޭ ގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރު ވަނީ ޕާތުގެ ނިންމުން ބަދަލުކުރެވޭތޯ ވަރަށް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ޕާތު ވަނީ ޝޯ ދޫކޮށްލުމަށް ނިންމައިފައެވެ. ކަސޯޓީގެ ޕްރޮޑަކްޝަން ޓީމުން އަންނަނީ އަނޫރާގުގެ ރޯލު އަދާކުރުމަށް ގާބިލު މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް އަދި ވަނީ ކާމިޔާބު ވާ ގޮތް ނުވެފައެވެ.

ކޮވިޑް 19 ގެ ސަބަބުން 4 ވަރަކަށް މަސް ދުވަހަށް ސީރީޒްގެ ޝޫޓިންތައް މެދުކަނޑައިލުމަށް ފަހު އަލުން ފެށީވެސް ބަދަލަކާ އެކުގައެވެ. އެގޮތުން މިސްޓަ ބަޖާޖުގެ ރޯލުން ކުރިން ފެނިގެން ދިޔަ ކަރަން ސިންގު ގްރޯވަރުގެ ބަދަލުގައި މިހާރު ފެންނާނީ ކަރަން ޕަޓޭލްއެވެ.