(10 އޯގަސްޓުގެ އަދަދާ ގުޅޭ)

މުސްލިމުންގެ ހިތްވަރުގަދަ ޖަމާޢަތެއް ރުސްތުމުގެ ހަށިފާރަވެރީންގެ ސަފުތައް ފަޅައިލައިފައި އޭނާގެ އަރިހަށް ކައިރިވެލައިފިއެވެ. ހަމައެވަގުތު ދެކުނުފަރާތުން ވަރަށް ވަރުގަދަ ޠޫފާނީ ވައިރޯޅިތަކެއް އަންނާން ފަށައިފިއެވެ. ރުސްތުމުގެ ފޭލިގެއާއި އޭނާގެ ތަޚުތުގެ މަތީގައި ހުންނަ ރަން ސަދުވާ ވަޔާއެކު ގެންގޮސް ކޯރަށް އެއްލައިލައިފިއެވެ. އެވައިގެ ޠޫފާނާމެދު މުސްލިމުން ދުށީ މުސްލިމުންނަށް ލިބުނު ޣައިބުގެ ތާއީދެއް ކަމުގައެވެ. މުސްލިމުން اللّـه أكبــر ގެ ނަޢުރާކުރަމުން ރުސްތުމުގެ ތަޚުތާ ކައިރިކޮށްލިއެވެ. އީރާނުގެ ސިފައިންތައް ހާވިޔާވާން ފަށައިފިއެވެ. ރުސްތުމު ތަޚުތުން ފައިބައިވަޑައިގެން އިރުކޮޅެއްވަންދެން ހަނގުރާމަ ކުރެއްވިއެވެ. އޭނާ ވަރަށްބޮޑަށް ޒަޚަމުވެވަޑައިގަތުމުން ދުވެވަޑައިގެންފައި ފިއްލަވަން ވަޑައިގެންފިއެވެ. އޭނާ މުސްލިމުންގެ ނަޒަރުން ނެއްޓިވަޑައިގެން ވަޑައިގެން ބޮނދައިވަޑައިގަތީ އީރާނުގެ ލަޝްކަރުގެ ޚަޒާނާ އަރުވައިފައިވާ ބަޣަލްތަކުގެ ފަހަތުގައެވެ. އޭނާއަށް ނޭވާފުޅު ހަމަޖައްސައި ނުލެއްވެނީސް މުސްލިމް މުޖާހިދެއް ކަމުގައިވާ بـلال بــن علقمـة އަށް އެދިމާޔަށް ވަޑައިގެންނެވިއްޖެއެވެ. ރުސްތުމަށް އެކަލޭގެފާނު ފެނިވަޑައިގެންނެވުމުން ބަޣަލެއްގެ ބަނޑުދަށަށް ތިރިވެވަޑައިގެންފިއެވެ. بـلال ވަޑައިގެން އެ ބަޣަލުގެ ބުރިކަށިމަތީގައިހުރި ގޯނިތައް ހައްޔަރުކޮށްފައިހުރި ވާތައް ކޮއްޓަވައިލައްވައިފިއެވެ. ބަޣަލުގެ ބުރަކަށިމަތީގައިހުރި ގޯނިތައް ފައިބައިގަތީ ރުސްތުމުގެ ބުރަކަށިފުޅު މައްޗަށެވެ. އޭނާ އެތަނުން ތެދުވެވަޑައިގެން ދުވެވަޑައިގެންފައި ވަޑައިގެން ކޯރަށް ފުންމައިލައްވައިފިއެވެ. بـلال بــن علقمـة އަށް ވަނީ ރުސްތުމު ފާހަގަކުރެއްވިފައެވެ. އެހެންކަމުން އެކަލޭގެފާނުވެސް ރުސްތުމުގެ ފަހަތްޕުޅުން ކޯރަށް ފުންމައިލައްވައިފިއެވެ. ރުސްތުމުގެ ފައިންޕުޅުގައި ހިއްޕަވައި ދަންމަވައި އެއްގަމަށް އެރުއްވުމަށްފަހު ކަނޑިއެތިފަހަރަކުން އޭނާ ޤަތުލުކޮށްލައްވައިފިއެވެ. އެއަށްފަހު ރުސްތުމުގެ ރަން ތަޚުތަށް އަރައިވަޑައިގެން ހަޅޭފުޅުލައްވަވާން ފައްޓަވައިފިއެވެ. "ކަޢުބާގެ ވެރި ރަސްކަލާނގެ ރަސްކަންފުޅު ގަންދެމެވެ. އަހަރެން އީރާނުގެ ކޮމާންޑަރ އިން ޗީފް ޤަތުލުކޮށްފީމެވެ." ޖަވާބުގައި اللّـه أكبــر ގެ ނަޢުރާގެ އަޑު އުފުލޭން ފަށައިފިއެވެ. ބަސްބުނާހައި އިރުކޮޅެއްގެ ތެރޭގައި ރުސްތުމު ޤަތުލުވި ޚަބަރު މައިދާނުގެ އެއްކޮޅުން އަނެއްކޮޅަށް ފެތުރިއްޖެއެވެ. އެއާއެކު އީރާނީ ލަޝްކަރު ފިލަން ދުއްވައިގެންފިއެވެ.

އީރާނު މީހުން ކޯރު ހުރަސްކުރަންވެގެން ދުވެފައިދިޔައީ އެބައިމީހުން ހިއްކި މަގާ ދިމާޔަށެވެ. ނަމަވެސް އެ މަގުއޮތީ ގިރައިލައިފައެވެ. އެހެންކަމުން އެތައްހާސްބަޔަކު ވަނީ އެމީހުންގެ ދަހަނާގެ ބަރާހުރެ ކޯރަށް ޣަރަޤުވެފައެވެ. ފިލަންދިޔަ މީހުން ފަހައި މުސްލިމުން އެތައް އިރެއްވަންދެން އަސް ދުއްވިއެވެ. އީރާނު މީހުންނަށް އެބައިމީހުންގެ ލަޝްކަރު ބަލިވުމުގެ ސަބަބުން ކޮށްފައިވާ އަސަރުގައި އެންމެ މުސްލިމަކަށް އީރާނީންގެ ވިއްސަކަށް މީހުން ބަކަރި އައިނެއް ފަދައިން ލަވަމުން ގެނެވުނެވެ. ރުސްތުމު ޤަތުލުވުމަކީ އީރާނުގެ އެތަކެއްހާސް އަހަރުވީ ޝާނާއި ޝައުކަތު ވެއްޔާ މޮޑެވުމެވެ. އެބައިމީހުންގެ މުޤައްދަސް ދިދަ ދުރުފިޝްކާވިޔާނީ މައިދާނަށް ވެއްޓިފައި އޮއްވައި ނަންގަވައިގެން ގެންނެވީ ضـرار بـن الخطّـاب رضى اللّـه عنــه އެވެ. އިރުކޮޅެއްގެފަހުން އެދިދަ އޮތީ سعـد بـن أبى وقّـاص رضى اللّـه عنــه ގެ ފައިތިލަފުޅު ދަށުގައެވެ.

ހަނގުރާމަ ނިމުމުން މުސްލިމުން އަވަސްވެގަތީ ޒަޚަމުވެފައިތިބި މީހުން މައިދާނުން ނަގައިގެން ގެނައުމަށާއި ޝަހީދުންގެ ޖަނާޒާގެ ކަންތައްތަކަށެވެ. މުޢަސްކަރުގެ ފަހަތުގައިހުރި އަންހެނުންގެ ކޭމްޕުގައި ތިބި އަންހެނުންނާއި ކުޑަކުދީންވެސް ވަނީ އެ މަސައްކަތުގައި ބައިވެރިވާން އައިސްފައެވެ.

+ + + + +

ވައިގެ ޠޫފާން މަޑުވެއްޖެއެވެ. ހިރަފުހުގެ ވިލާތައް ކެހެމުންދަނީއެވެ. މުޖާހިދުން އެބޭބޭކަލުންގެ ގާތްތިމާގެފުޅު ބޭކަލުންނާއި ރަޙުމަތްތެރީން ހޯއްދެވުމަށްޓަކައި މައިދާނުގައި ކޮޅުކޮޅަށް ހިންގަވަނީއެވެ. ކުރީދުވަހުގެ މެންދުރަށްފަހު حسّان އަށް އޭނާގެ ކޮއްކޮގެ ޚަބަރެއް އެނގިވަޑައެއް ނުގަންނަވައެވެ. حسّان ހުންނެވީ ޒަޚަމުވެވަޑައިގެންފައެވެ. އެހެންކަމާއެކުވެސް އޭނާ ފިލައިގެންދާ ދުޝްމަނުންގެ ފަހަތުން އެމީހުން ހައްޔަރުކުރައްވަން ބަކުރުވަންހައިގެ މީހުންނާއެކު އެތައް ހިސާބަކަށް ވަޑައިގެންނެވިއެވެ. އެ މުޖާހިދުން ފަސްސަތޭކަ ޤައިދީން ލަވަމުން އެނބުރި ވަޑައިގެންނެވީ އިރުއޮއްސުމުގެ ކުޑައިރުކޮޅެއްގެ ކުރީންނެވެ. معـنّـى بــن حــارثـــة رضى اللّـه عنــه އަށް حسّان ގެ ދަހަނާކޮޅު ލެއިން ފޯވެފައިވަނިކޮށް ފެނިވަޑައިގެންނެވުމުން ދަހަނާކޮޅު ބާލުއްވައިދެއްވައި އެކަލޭގެފާނުގެ އަތްޕުޅުން حسّان ގެ މުލައްދަނޑިފުޅާއި މޭފުޅުމަތީގައިހުރި ޒަޚަމުތައް ބެންޑޭޖްކޮށްދެއްވިއެވެ. އެއަށްފަހު حسّان ގެންދަވައި ޤުދައިސުގެ މަޙައްލުގެ ކައިރީގައި އެހެނިހެން ޒަޚަމީންގެ ތެރޭގައި ބާއްވަވައިފިއެވެ. معـنّـى ވިދާޅުވިއެވެ. "ކަލާ ހިތްޕުޅު ހަމަޖެހިވަޑައިގެން އަރާމުކުރައްވާށެވެ. އަޅުގަނޑު ކަލާގެ ކޮއްކޮ ހޯދައިފައި ކަލާގެ އަރިހަށް ފޮނުވާނަމެވެ."

"ނޫނެކެވެ. سُهيل ގެ ޚަބަރެއް ނުލިބެނީހެއް އަޅުގަނޑަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އަޅުގަނޑުވެސް ކަލޭގެފާނުގެ އަރިހުގައި ދާނަމެވެ. حسّان އެހެން ވިދާޅުވެފައި ތެދުވެވަޑައިގެންނެވިއެވެ. ނަމަވެސް ވަރުފުޅު ދެރަކަމުގެ ސަބަބުން އޭނާގެ އިސްތަށިފުޅު އަނބުރައިވަޑައިގަންނަވާން ފަށައިފިއެވެ. އޭނާ އޮށޯވެވަޑައިގެންފިއެވެ. އިރުކޮޅެއްގެ ތެރޭގައި އޭނާޔަށް އަވަހާރަފުޅު ލެއްޕެވިއްޖެއެވެ. އޭނާއަށް ހޭފުޅުލެއްވުނުއިރު އިރުއަރައިފިއެވެ. އޭނާއަށް އޮންނެވުނީ ފޭލިގެއެއްގެ ތެރޭގައެވެ. އޭނާގެ ވަށައިގެން ޒަޚަމީންތައް ކުކުރަމުންދެއެވެ. އަންހެނުންތަކަކާއި ކުދީންތަކެއް އެމީހުންނަށް ހޭހަންކުރަމުން ގެންދެއެވެ.

"އަހަރެން މިއޮތީ ކޮންތަނަކުހެއްޔެވެ؟" حسّان ކަންބޮޑުވެވަޑައިގެން އެތާހުރި އަންހެނަކާ ސުވާލުކުރެއްވިއެވެ.

ބޭރަށް އަވިދޭން ފެށުމުން އެބޭކަލުން ކަލާ ފޭލިގޭގެ ތެރެޔަށް ގެންނެވީއެވެ. ލަޝްކަރުގެ ކަނޑިފާރު ބޭސްވެރިޔާ ވަޑައިގެން ކަލާގެ ޒަޚަމު ބެއްލެވިއެވެ. އޭނާ ބުނުއްވީ ކަލާގެ ޒަޚަމު ވަރަށް އަވަހަށް ރަނގަޅުވެދާނެ ކަމުގައެވެ. ނަމާދުން ނިމިވަޑައިގެން معـنّـى އާއި قــعقـاع އާއި عاصم އާ (رضى اللّـه عنــهم) ކަލާގެ ހާލުކޮޅު ބައްލަވަން ވަޑައިގެންނެވިއެވެ. އެބޭކަލުންގެ އަރިހުގައި ލަޝްކަރުގެ ކޮމާންޑަރުންގެ އެހެން ބައެއް ބޭކަލުންވެސް ތިއްބެވިއެވެ. އެބޭކަލުން ވިދާޅުވިގޮތުގައި "ކަލާ ވަނީ އީރާނީންނާ ދެކޮޅަށް ކުރެވުނު އެތައް ހަނގުރާމަތަކެއްގައި ބައިވެރިވެވަޑައިގެންފައެވެ. އަޅުގަނޑު ކަލާއަށް ފަރީއްކޮޅު ގެންނާނަމެވެ."

"އެކަމަކު އަޅުގަނޑުގެ ކޮއްކޮ؟ معـنّـى އޭނާއާ ބެހޭގޮތުން އެއްވެސް އެއްޗެކޭ ވިދާޅެއް ނުވޭހެއްޔެވެ؟"

"މިފަރާތް ބައްލަވާށެވެ." އަންހެންމީހާ حسّان ގެ ފައިންޕުޅާ ދިމާޔަށް އިޝާރަތް ކޮށްލިއެވެ.

حسّان ކަނދުރާފުޅު އުފުލައިލައްވައިފައި ބައްލަވައިލެއްވިއެވެ. سُهيل އޭނާގެ ފައިންޕުޅުގެ ކައިރީގައި ބަންޑުން އޮށޯވެވަޑައިގެން އޮންނެވިއެވެ حسّان ކަކޫފުޅު ޖައްސަވައިފައި ވަޑައިގެން سُهيل ގެ މުލައްދަނޑިފުޅުގައި ހިއްޕަވައިފައި އޭނާ ވިދާޅުވާން ފަށްޓަވައިފިއެވެ.

އަންހެންމީހާ ދެންނެވިއެވެ. "ނޫނެކެވެ! ނޫނެކެވެ! ތިޔަހެން ނަހައްދަވާށެވެ. އޭނާގެ އަރާމަށް ހުރަސް ނާޅުއްވާށެވެ. އޭނާވެސް ހުންނެވީ ވަރަށް ވަރުބަލިފުޅުވެފައެވެ." ނަމަވެސް سُهيل ފުރޮޅިވަޑައިގެންފައި ލޯފުޅު ހުޅުއްވައިލައްވައިފިއެވެ. ތެދުވެވަޑައިގެން އޭނާގެ ބޭބެއާ އޮޅުލައިވަޑައިގެންފިއެވެ.

"سُهيل އެވެ. ކޮއްކޮ ރަނގަޅުފުޅުތޯއެވެ؟ ކޮއްކޮ ޒަޚަމުވެވަޑައެއް ނުގަންނަވާތޯއެވެ؟"

"ބޭބެއެވެ! އަޅުގަނޑު މުޅީން ރަނގަޅެވެ."

"އެކަމަކު ކޮއްކޮވީ ކޮންތަނަކުތޯއެވެ؟"

سُهيل ޖަވާބު ދެއްވިއެވެ. "ކޯރުގެ ކައިރިޔަށް ދެވުނުތަނާ އަޅުގަނޑުގެ އަސް ފުރާނަ ދޫކޮށްލައިފިއެވެ. ބޭބެމެން ކުރިޔަށް ވަޑައިގެންފީމުއެވެ. އަޅުގަނޑު ފެންބޮވައިގަނެގެން ކޯރުގެ އައްސޭރިޔަށް ހިނގައްޖައީމެވެ. އޭރު އެތާ ގަސްތަކުގެ ތެރޭގައި އީރާނުގެ ދެމީހަކު ފިލައި ތިއްބެވެ. އަޅުގަނޑު އެކަކު ޤަތުލުކޮށްލީމެވެ. އަނެކަކު ކޯރަށް ފުންމައިލައިފިއެވެ. އަޅުގަނޑު ފެންބޮއި ނިމިގެން ވަރުބަލިފިލުވައިލުމުގެ ނިޔަތުގައި ޖައްސައިލައިފީމެވެ. ނަމަވެސް ނިދި އަޅުގަނޑުގެ މައްޗަށް ވެރިވެގެންފިއެވެ. އަޅުގަނޑަށް ހޭލެވުނީ ރޭގަނޑުގެ އެއްދަން ހުސްވާން އުޅެނިކޮށެވެ. އަޅުގަނޑު އަވަހަށް އެނބުރި އަންނަނިކޮށް ދިމާވީ معـنّـى بــن حــارثـــة އާއެވެ. ބޭބެގެ އަރިހަށް އަޅުގަނޑު ގެނެސްދެއްވީ އެކަލޭގެފާނެވެ. ފަތިސްވާންދެން އަޅުގަނޑު އިނީ ބޭބެގެ އަރިހުގައެވެ. އަވިގަދަވާން ފެށުމުން ބޭބެގެ ރަޙުމަތްތެރީން ބޭބެ ފޭލިގެތެރެޔަށް ގެންނަވައިފިއެވެ.

+ + + + +

سعـد بـن أبى وقّـاص رضى اللّـه عنــه ޤާދިސިއްޔާގެ ހަނގުރާމަ ނިމުމާއެކު أميـرالمؤمنـين ގެ އަރިހަށް ފަތަޙައިގެ އުފާވެރިކަމުގެ ޚަބަރު ދެއްވުމަށްޓަކައި ޤާސިދަކު ފޮނުއްވިއެވެ. އެބޭކަލަކީ سعد بـن عميـلـة އެވެ. މިއަދަކީ އެކަލޭގެފާނު ޖަމަލެއްގެ މަތީގައި ކުރެއްވި ދިގު ދަތުރުފުޅުގެ އެންމެފަހު ދުވަހެވެ. ހެނދުނުގެ އިރުއެރުމާއެކު އެކަލޭގެފާނަށްވަނީ ޔަޘްރިބުގެ ވާދީގެ ކަދުރު ދަނޑުތަކުގެ މަލަ ފެނިވަޑައިގެންފައެވެ. އެކަލޭގެފާނުގެ ހިތްޕުޅުވަނީ ލިބިވަޑައިގެންނެވި އުފާފުޅުގެ ސަބަބުން ނުއޮބެހެއްޓެވިފައެވެ. އެކަލޭގެފާނުގެ ދަތުރުފުޅު އެ ނިންމައިލައްވަނީ އަންދާޒާކުރެއްވި ވަރަށްވުރެ ދެދުވަސް ކުރީންނެވެ. އެކަލޭގެފާނު އެތައްޔާރުވެވަޑައިގަންނަވަނީ رسـول اللّـه صلّى اللّـه عليه وسلّم އަށް މޭޒުބާނީ އަދާކުރެއްވުމުގެ ޝަރަފު އެ މުޤައްދަސް ރަށެއްގެ އަހުލުވެރީންނަށް ލިބިވަޑައިގެންނެވި ނޫރު ލެއްވިގެންވާ ރަށަށް ވެދެވަޑައިގެންނެވުމަށެވެ. ޤާދިސިއްޔާގެ މަތިވެރި ފަތަޙަޔަށްވުރެ ބޮޑަށް އެކަލޭގެފާނު އުފާފުޅުވަނީ މަޝްރިޤާއި މަޣުރިބުގެ ކިބުރުވެރި ޝަހެންޝާހުންގެ ބޮޑާފުޅުކަން ވެއްޔާ މޮޑެލެއްވި މަތިވެރި އިންސާނާއާ ބައްދަލުކުރެއްވި އެކަލޭގެފާނާ ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު އެންމެ ފުރަތަމަ ފަހަރަށް ލިބިވަޑައިގަންނަވާތީއެވެ. އެކަލޭގެފާނުގެ ހިތްޕުޅުގެ ސްކްރީނުން ފެނިވަޑައިގަންނަވަނީ فـاروق الأعظـم ގެ މަތިވެރި ސޫރައެވެ. އެކަލޭގެފާނުގެ ދަގަތްފާނީ ޝަޚުޞިއްޔަތުގެ އެކިއެކި ތަސްވީރުތަކެވެ. ޚިލާފަތުގެ ދަރުބާރުގެ އަބުއިކަމާއި ޝާނާއި ޝައުކަތުގެ އެކިއެކި ސިފަކުރެއްވުންތަކެވެ. އެކަލޭގެފާނު ދަތުރުފުޅުގެ މަގުމަތީގައި ސިކުނޑިފުޅުގެ ހުރިހައި ޤާބިލިއްޔަތެއް ހޭދަކުރެއްވީ أميـرالمؤمنـين އާ ވާހަކަފުޅު ދައްކަވާއިރު ބޭނުންކުރައްވާނެ އެކަށީގެންވާ ލަފުޒުތަކެއް ހޯއްދަވާށެވެ. މަދީނާގެ މަލަ ފެނިވަޑައިގެންނެވީއްސުރެ ގެންދެވީ އެ ލަފުޒުތައް ހިތްޕުޅުގައި ތަކުރާރު ކުރައްވަމުންނެވެ.

މަދީނާގެ ރަށްބޭރުގައި ރަށަށްއަރާ މަގު ކައިރީގައި ހުރި ތިރި ފަރުބަދަގަނޑެއްގެ މަތީގައި މަގު ބަލަހައްޓައިގެން އެކަނިމާއެކަނިހުރި މީހަކު ފެނިވަޑައިގެންފިއެވެ. އެމީހާ އަތުގެ އިޝާރަތުން سعد بـن عميـلـة ހުއްޓުވާން މަސައްކަތް ކުރިއެވެ. ނަމަވެސް އެންމެ ސިކުންތެއްވެސް ލަސްކުރައްވާކަށެއް سعـد ބޭނުންފުޅެއް ނޫނެވެ.

ފަރުބަދަގަނޑުގެ މަތީގައިހުރި މީހާ ތެޅެމުން ފޮޅެމުން ފަރުބަދަމަތީން ފައިބައިފިއެވެ. އޭނާ ޖަމަލު ސަވާރު ހުއްޓުވަން މަސައްކަތް ކުރިއެވެ. އޭނާ ސުވާލު ކުރިއެވެ. "ކަލޭ ތިޔަ އަންނަނީ ކޮންތަނަކުން ހެއްޔެވެ؟"

سعد بـن عميـلـة ފަރުވާކުޑަ ގޮތަކަށް ޖަވާބު ދެއްވިއެވެ. "ޤާދިސިއްޔާއިންނެވެ." އެހެން ވިދާޅުވެފައި ކުޑަކޮށްވެސް މަޑުކޮށެއް ނުލައްވައެވެ. "ޖަމަލު ދުއްވެވުމަށްޓަކައި ހަންމުށި އަޅުއްވައިފިއެވެ."

އެ ކާކުކަން ނޭނގޭ މީހާ ޖަމަލާ އެއްވަރަށް ދުވަމުން ސުވާލު ކުރިއެވެ. "އޭ މާތް اللّـه ގެ އަޅާއެވެ. ކަލޭގެ އެތަނުން ގެނައީ ކޮން ޚަބަރެއް ހެއްޔެވެ؟"

"މާތް اللّـه ގެ މުޝްރިކުން ބަލިކުރައްވައިފިއެވެ."

"ކަލޭގެ ތިޔައައީ سعـد بـن أبى وقّـاص ފޮނުއްވައިގެން ހެއްޔެވެ؟"

"އާނއެކެވެ."

"މާތް اللّـه ކަލެޔަށް ހެޔޮޖަޒާ ދެއްވާށިއެވެ. ކަލޭގެ އާދޭތޯ އަހަރެން މަގު ބަލާތާ އެތައް ދުވަހެއް ވެއްޖެއެވެ. އަހަންނަށް ހަނގުރާމައިގެ ވާހަކަ ކިޔައިދޭށެވެ!"

ޤާސިދު އޭނާގެ ޖަމަލު ހުއްޓައެއް ނުލެއްވިއެވެ. އެކަމަކު އެންމެފަހުން ސުވާލުކުރާ މީހާއާ ދިމާޔަށް ވިސްނުންތެރިކަމާއެކު ބައްލަވައިލެއްވިއެވެ. އޭނާ ހުރީ ވަރަށް ދޭސީ ހެދުމެއްގައެވެ. އެހެންކަމާއެކުވެސް އޭނާގެ މޫނުމަތީގެ ތޫނުފިލިކަމުގެ ސަބަބުން سعـد ގެ ހިތްޕުޅަށް އަސަރު ނުކޮށެއް ނުދިޔައެވެ. އެކަލޭގެފާނު ކުޑައިކޮށް ޖަމަލުގެ ދުވެލި މަޑުކޮށްލައްވައިފައި ހަނގުރާމައިގެ ވާހަކަ ވިދާޅުވެދެއްވަން ފައްޓަވައިފިއެވެ. ސުވާލުކުރާ މީހާ ހުރީ އުފަލުން ހިތްފުރިއަރައިފައެވެ. އޭނާ މަދީނާގެ ރަށުތެރޭގެ މަގުތަކާ ހަމަޔަށްވެސް ޖަމަލު ސަވާރާއެކު ދުވެފައި ދިޔައެވެ. ހަނގުރާމައިގެ ތަފްސީލުތަކާމެދު އޭނާ ކުރާ ސުވާލުތަކުގެ ބާވަތުންނާއި ގިނަކަމުން سعد بـن عميـلـة ކަންބޮޑުވެ ވަޑައިގަންނަވާން ފަށައިފިއެވެ. އެކަލޭގެފާނުގެ ހިތްޕުޅަށް އަރާން ފަށައިފިއެވެ. މިއީ އަނެއްކާ ކާކުބާވައެވެ؟

މަދީނާގެ މީހުން އެކާކުކަން ނޭނގޭ މީހާއާ ދިމާޔަށް أميـرالمؤمنـين އެވެ ދަންނަވައި މުޚާޠަބުކޮށް ސަލާމްކުރާން ފެށުމުން سعد بـن عميـلـة ހިތާމަފުޅުގެ އިޙުސާސާއެކު ކަންބޮޑުވެވަޑައިގެން ޖަމަލު މަޑުކުރައްވައިފައި ވިދާޅުވިއެވެ. "أميـرالمؤمنـين އަޅުގަނޑަށް މާފުކުރައްވާށެވެ. ކަލޭގެފާނުގެ ނަންފުޅެއް ވިދާޅެއް ނުވަމުއެވެ. އެހެންނޫންނަމަކަ އަޅުގަނޑު މިފަދަ ބޭއަދަބީގޮތަކަށް ކަންތަކެއް ނުކުރީމުހެވެ."

أميـرالمؤمنـين ވިދާޅުވިއެވެ. "އަޚާއެވެ. ތިޔައީ އެއްވެސްކަމެއް ނޫނެވެ. ވާހަކަ ކުރިޔަށް ގެންދާށެވެ. سعـد ޖަމަލުމަތީން ފައިބައިވަޑައިގަންނަވާން އުޅުއްވިއެވެ. ނަމަވެސް أميـرالمؤمنـين އެކަން މަނާކުރައްވައިފައި سعـد ގޮވައިގެން މަސްޖިދުއްނަބަވީއަށް ވަޑައިގެންފިއެވެ. މިސްކިތަށް ވަޑައިގެން سعـد بـن أبى وقّـاص رضى اللّـه عنــه ގެ ސިޓީފުޅު ވިދާޅުވިއެވެ. އެކަލޭގެފާނުގެ އަރިހަށް ޖަމާވަމުންދިޔަ މީހުންނަށް ފަތަޙައިގެ އުފާވެރިކަމުގެ ޚަބަރު ދެއްވިއެވެ. އެއަށްފަހު އެއްވެފައިތިބި މީހުނާ މުޚާޠަބުކުރައްވައި ތަޤުރީރު ކުރެއްވިއެވެ. ވިދާޅުވިއެވެ.

"މުސްލިމުންނޭވެ! ތިޔަބައިމީހުން އަޅުވެތިކުރަން ޚިޔާލުކުރަން އަހަންނަކީ ރަސްކަލެއް ނޫނީމެވެ. އަހަންނަށް ތިޔަބައިމީހުންގެ މަސައްކަތްތައް ރަނގަޅަށް ކޮށްދެވި ތިޔަބައިމީހުންނަށް އަރާމުގައި ނިދައިލެވޭނަމަ އެއީ އަހަރެންގެ ހެޔޮ ނަސީބެވެ. އަހަރެންގެ ގާތަށް (ކަންކަމު ކިޔަން) ތިޔަބައިމީހުން ހާޒިރުކުރުވަން އަހަރެން އެދޭނަމަ އެއީ އަހަރެންގެ ބަދުނަސީބެވެ. އަހަރެން ތިޔަބައިމީހުން ތަރުބިޔަތުކުރަން ބޭނުންވަނީ ބަހަކުން ނޫނެވެ. ޢަމަލުންނެވެ."

(ނުނިމޭ)