ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޖަލުގައި ފެތުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން، އިތުރު ޓީވީ ޗެނަލް ފެންނާނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އިދިކޮޅު ކޯލިޝަނުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އަރިހުގައި އެދިއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިފަދައިން އެދިފައިވަނީ ރައީސް ޔާމީނަށް ޖަލުން ލިބޭ ހިދުމަތްތައް އިތުރުކުރުމާ ގުޅޭގޮތުން އެ ކޯލިޝަނުން މިއަދު މެންދުރު މިނިސްޓަރު އިމްރާންއާ ބައްދަލުކުރައްވައިފައެވެ. އެގޮތުން މި ބައްދަލުވުމުގައި މިނިސްޓަރު އިމްރާންގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އަދި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ބައިވެރިވެވަޑައިގެންނެވިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މި ބައްދަލުވުމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ މައިގަނޑު ތިން ކަމެއް ހުށަހަޅައިފައެވެ. އެއީ ރައީސް ޔާމީންގެ ބަލި ހާލަތު ހުންނެވި ގޮތުން ވަކި ހާއްސަ އުސޫލެއްގެ ދަށުން އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމާއި، ރައީސް ޔާމީނަށް ޖަލުގައި ފެތުމުގެ އިންތިޒާމު ހަމަޖައްސައިދިނުން އަދި އެމަނިކުފާނަށް އިތުރު ޓީވީ ޗެނަލް ފެންނާނެ އިންތިޒާމު ހަމަޖައްސައިދިނުމަށެވެ.
މި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ މިނިސްޓަރު އިމްރާންއާ ބައްދަލުކުރެއްވީ ރައީސް ޔާމީނަށް ގާނޫނީ ވަކީލުންނާއި ބައްދަލު ނުކުރެވި ލަސްވަމުންދާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދުމަށް ކަމަށެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ރައީސް ޔާމީނާ މެދު ޖަލުގައި އަމަލުކުރެވެމުންދާ ގޮތާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކޮށް، އެކަމާ މަޝްވަރާކުރެއްވި ކަމަށް އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީން ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ކުރި މަނީލޯންޑަރިންގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ. އެގޮތުން ކޯޓުން ވަނީ އެމަނުފާނު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމުގެ އިތުރުން ރައީސް ޔާމީނަށް ފަސް އަހަަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު