ރާއްޖޭގެ ރައްޔިތުން، ވެރިކަން ކުރާ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑީގެ ސުޕަ މެޖޯރިޓީއެއް ދިނީ އިދިކޮޅު ޕާޓީ ހެދިގެން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޖެއްސުން ކުރަން ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ބައެއް މެންބަރުން ސަރުކާރުގެ އެމްޑީޕީ ސްލޮޓްގައި ތިއްބެވި ބައެއް މިނިސްޓަރުންނާ ދެކޮޅަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ސަރުކާރަށް އުނދަގޫވާ ގޮތަށް މަޖިލީހުން ކުރާ ބައެއް ކަންތައްތަކަށް އިޝާރާތް ކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގައި ރޮޒެއިނާ ވިދާޅުވީ ރައްޔިތުން އެމްޑީޕީއަށް ވެރިކަން ދިނުމަށްފަހު ސީދާ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީއަށް މަޖިލީހުން 65 ގޮނޑި ދިނީ އުނދަކުލަކާނުލައި މެނިފެސްޓޯގައިވާ ކަންކަން ތަންފީޒު ކުރުމަށް ކަމަށެވެ.

ނަމަވެސް އިދިކޮޅުޕާޓީ ހެދިގެން މަޖިލިސް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާއަށް ޖެއްސުން ކުރަމުންދާކަމަށް ރޮޒެއިނާ ފާހަގަ ކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މުގައްރިރު ރޮޒެއިނާ ވިދާޅުވީ، އެއީ މިހާރުދެން ބޮޑުވަރު ކަމަށެވެ.

"ރައްޔިތުން އެމްޑީޕީއަށް ވެރިކަން ދިނުމަށްފަހު ސީދާ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިސްބަތްވެވަޑައިގަންނަވާ ޕާޓީއަށް މަޖިލީހުން 65 ގޮނޑި ދިނީ އުނދަކުލަކާނުލައި މެނިފެސްޓޯގައިވާ ކަންކަން ތަންފީޒު ކުރުމަށް. އިދިކޮޅު ޕާޓީ ހެދިގެން މަޖިލިސް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާއަށް ޖެއްސުން ކުރާކަށް ނޫން. މިހާރުދެން ބޮޑުވަރު،" ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ މިހެން ވިދާޅުވެފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުއި ހިމެނިވަޑައިގަންނަވާ އެންމެ ހަރަކާތްތެރި، އަދި އެންމެ ބާރުގަދަ އެއް މިނިސްޓަރު ކަމުގައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އެމްޑީޕީ މެންބަރުންތަކެއް މަޖިލީހަށް ހުށަހަޅަން ދަނީ ތައްޔާރުވަނުންނެވެ.

ފައްޔާޒުގެ އިތުިބާރު ނެތްކަމަށް ހުށަހެޅުމުގެ ޕެޓިޝަންގައި ރައްޔތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ސޮއި ކުރައްވައިފައިވާކަމަށް ވަނީ އަޑު ފެތުރިފައެވެ.

މީގެ އިތުރުން ބައެއް މިނިސްޓަރުންގެ އިތުބާރު ނެތްކަމަށް ވޯޓު ނެގުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ކުރަމުންގެންދާ މަސައްކަތާ ގުޅިގެން، އެކަމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ހަލާކު ކޮށްލަށް އެ މީހުންކުރާ ކަމެއް ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ރޭ ވަނީ ވިދާޅުވެފައެވެ.