ކޮވިޑް 19އާ ގުޅިގެން މާލެ ސަރަހައްދަށް ގެނައި ފުރަބަންދާ ގުޅިގެން އަސާސީ ހައްގުތަކުން މަހްރޫމު ވި، 253 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ޖެންޑާ މިިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ބުނީ އޭގެ ތެރޭގައި ހިމެނެނީ 103 ފިރިހެނުންނާއި 144 އަންހެނުން އަދި އެއްމަސް ނުފުރޭ ތުއްތު ކުދިން ކަމަށެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިން މީހުންގެ ތެރެއިން 13 މީހަކު ފިޔަވައި އެހެން ހުރިހާ މީހުން ހޯމް ކަރަންޓީނުވުމަށް އެ މީހުން ނިސްބަތްވާ ރަށެއް ނުވަތަ ދާއިމީ ހިޔާވައްސަށް ބަދަލުވެފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ޖުލައި އެކަކުން ފެށިގެން ފުރަބަންދު ނިމުމަކަށް ގެނެސްފައިވާތީ ވަގުތީ ހިޔާތަކުން ދެމުންގެދިޔަ ހިދުމަތްތަކަށް ނިމުމެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ވަގުތީ ހިޔާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް އާއިލާތައް ތިބުމާއެކު އެ ފަރާތްތައް ނިސްބަތްވާ ރަށަށް ދިއުމަށް އެދޭ ނަމަ އެ ކަންކަން މިނިސްޓްރީން ހަމަޖައްސައިދޭނެ ކަމަށާއި، އެ ނޫން ގޮތެއް ހަމަޖެއްސުމަށް ބޭނުންވާ ނަމަ އެ ނޫން އިންތިޒާމެއް ހަމަޖެއްސުމުގެ ފުރުސަތު މިއަދާ ހަމައަށް ވެސް އެ ފަރާތްތަކަށް ދީފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

މިހާރު ވަގުތީ ހިޔާތަކުގައި ތިބި މީހުންގެ ތެރެއިން ވަޒީފާ ގެއްލިފައިވާ މީހުން އިކޮނޮމިކް މިނިސްޓްރީގެ "ޖޮބް ޕޯޓަލް"ގައި ރަޖިސްޓްރީކޮށް، އެ މިނިސްޓްރީން އެހީތެރިކަން ހޯދުމަށް ލަފާދީފައިވާ ކަމަށާއި ދިގުމުއްދަތެއް ވަންދެން މާލޭގައި ދިރިއުޅުން ބިނާކޮށްފައިވާ އާއިލާތައް އެނބުރި ރަށަށް ދިއުމަށް އުޒުރުވެރި ވާތީ، އެ ފަރާތްތަކަށް ވެދެވޭނެ އެހީތެރިކަމަކާ ގުޅޭގޮތުން ކަމާ ގުޅޭ މުއައްސަސާތަކާ މަޝްވަރާކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

މިނިސްޓްރީން ބުނީ، މިވަގުތު ވަގުތީ ހިޔާގައި ތިބީ އެއްއާއިލާއަކަށް ނިސްބަތްވާ 13 މީހުން ކަމަށެވެ.

އޭގެ ތެރޭގައި ކުޑަ ހަތަރު ކުދިން ހިމެނެއެވެ.