ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އަދިތިޔާ ރޯއި ކަޕޫރު އަދި އާލިއާ ބަޓް ލީޑްރޯލުން ފެނިގެންދާ ފިލްމު "ސަޅަކް 2" ގެ ޓްރެއިލާއަށް ލައިކްސް ނުލިބި ފުލަށް ވެއްޓިއްޖެއެވެ.

އެގޮތުން ސަޅަކް 2 ގެ ޓްރެއިލާ އަށް އެއްދުވަސް ތެރޭގައި 5 މިލިއަން ޑިސްލައިކް ލިބި، 24 ގަޑިއިރު ތެރޭގައި ޔޫޓިއުބްގައި އެންމެ ގިނަ ބަޔަކު ޑިސްލައިކް ކުރި އެއް ޓްރެއިލާ އަށް ވެއްޖެއެވެ. ބޮލީވުޑްގައި ނެޕްޓިޒަމް މާބޮޑަށް އޮތް ކަމަށްބުނެ ގިނަ އާއްމުން ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން އާލިއާ މެން ފަދަ މަޝްހޫރު ފިލްމީ އާއިލާތަކަށް ނިސްބަތްވާ ތަރިންގެ ފިލްމުތައް ބޮއިކޮޓް ކުރުމަށްވެސް ގިނަ ބަޔަކު ގޮވާލިއެވެ.

ޔޫޓިއުބްގައި އެއްދުވަސްތެރޭގައި އެންމެ ގިނަ ޑިސްލައިކް ލިބުނު އެއް ޓްރެއިލާ އަށް ސަޅަކް 2 ގެ ޓްރެއިލާ ވީނަމަވެސް، ޔޫޓިއުބްގެ ޓްރެންޑިންގް ވީޑިއޯތަކުގެ ލިސްޓުގެ ވަރަށް ކުރިން ސަޅަކް 2 ގެ ޓްރެއިލާ ވަނީ ޖާގަ ހޯދައިފައެވެ. ސަޅަކް 2 އޮންލައިން ޕްލެޓްފޯމްތަކުގައި ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހެވެ.

ސަޅަކް 2 ގެ ލީޑްރޯލުން އާލިއާ އަދި އަދިތިޔާގެ އިތުރުން ސަންޖޭދަތު ވެސް ފެނިގެންދާނެއެވެ. އެހެންނަމަވެސް ފުއްޕާމެޔަށް ކެންސަރު ޖެހުމުގެ ސަބަބުން ސަންޖޭދަތު ވަނީ ސަޅަކް 2 ރިލީޒް ކުރުމުގެ މަސައްކަތްތަކާއި ދުރުވެ، ފިލްމީ ދާއިރާއިން ބްރޭކެއް ނަގައިފައެވެ.