މިނިސްޓަރު ކަމުގެ މަގާމު ގެއްލިދާނެތީ އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް ދައްކާ ބިރުގައި ޖެހިގެން ކަމެއް ކޮށްފާނެކަމަށް ހީވުމަކީ ގޯހެއް ކަމަށް މިނިސްޓާ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަހުލޫފު ގާނޫނާ ހިލާފަށް ކަންކަން ކުރައްވާ ކަމަށް ވިދާޅުވެ ތަކުރާރުކޮށް އަލީ އާޒިމް ދައްކަވަމުންގެންދަވާ ވާހަކަތަކާ ގުޅިގެން ރާއްޖެ ޓީވީގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު މަހްލޫފު ވިދާޅުވީ އަލީ އާޒިމް އެގޮތަށް ވާހަކަ ދައްކަވަނީ ކަމެއް ގޯސްކޮށް ކޮށްގެން ނޫން ކަމަށެވެ.
އެއީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވޯޓު ނަގައި އޭނާ މަގާމުން ބޭރު ކޮށްލެވޭތޯ އަލީ އާޒިމް ދައްކަވާ ވާހަކައެއް ކަމަށާއި އެ ކަމުގައި އެނޫން އިތުރު ކަމެއް ނެތް ކަމަށްވެސް މަހްލޫފު ވިދާޅުވިއެވެ.
މީގެ ކުރިންވެސް މަހްލޫފުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މަޖިލިސް މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް އަލީ އާޒިމް ކުރައްވާފައިވާ ކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ފަހަތުން އައިސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަޅުގަނޑު ބޭރުކޮށްލެވޭތޯ ބެލުން. އިތުރު އެއްވެސް ކަމެއް ނޫން. ހަމަ އެކަމަށް އަލީ އާޒިމް މީގެ ކުރިންވެސް މަސައްކަތް ކުރެއްވި. އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ތާއީދު ހޯދުމުގެގޮތުން އެކަމަށް ސޮއިހޯދަން އެހެންވީމަ މިއުޅެނީ އަޅުގަނޑު ކަމެއް ކޮށްގެނެއް ނޫން،" މަހުލޫފު ވިދާޅުވިއެވެ.
މިނިސްޓަރު މަހްލޫފު ވިދާޅުވީ އޭނާއަކީ މަގާމު ގެއްލިދާނެތީ ބުނިހާ ގޮތެއް ހަދައިގެން ހުންނާނެ މީހެއް ނޫން ކަމަށެވެ.
"އަޅުގަނޑަކީ މިމަގާމު ގެއްލިދާނެތީ ބުނިހާ ގޮތެއް ހަދައިގެން ހުންނާނެ މީހެއް ނޫން. ވަޒީރެއް ވީމަ ދީފަ އޮތް ކާރު ދުއްވާހިތަކުން އެތާ އިންނަ މީހެއް ނޫން. އަޅުގަނޑަކީ އަޅުގަނޑު ކައިރިއަށް ސެކިއުރިޓީ ލައިގެން އުޅޭ މީހެއް ނޫން. އަޅުގަނޑަކީ ވަރަށް އާދައިގެކޮށް ރައްޔިތުންނާއެކީ ބޭރަށް ބޭނުންހާ އިރަކު ގޮސް ކުޅެލައި ކޮފީބޯލައި އުޅޭ މީހެއް،" މަހްލޫފު ވިދާޅުވިއެވެ.
މަހްލޫފް އިތުރަށް ވިދާޅުވީ އޭނާއަކީ ރައީސުލްޖުމްހޫރިްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަގާމަށް އައްޔަން ކުރައްވާފައި ހުންނެވި ބޭފުޅެއް ކަމަށެވެ. އެހެންކަމުން އޭނާ ކުރައްވާނީ ރައީސް އަންގަވާ ކަންތައްތައް ކަމަށާއި އާޒިމް ވިދާޅުވާ ކަންތައްތައް ކުރަން ނުޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މަހްލޫފު ވިދާޅުވީ އަލީ އާޒިމް ބޭނުންވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ބޭރުކޮށްލުން ކަމަށާއި އެކަމުގައި އަލީ އާޒިމް އެކި މަސައްކަތްވެސް ކުރެއްވި ކަމަށެވެ. ނަމަވެސް ސްޕޯޓްސް މިނިސްޓަރުކަމުގެ މަގާމުގައި ހުންނަ މީހަކީ އަބަދު އެކަންތައްތަކާ ތަޅަތަޅާ ހުންނަން ޖެހޭ މީހެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
"ދެން ސްޕޯޓްސް މިނިސްޓަރަކަށް ހުންނަ މީހަކަށް ކިހިނެއްތޯ، އަަބަދު އެފްއޭއެމްއާ ތަޅަތަޅާ ހުންނާނީ، ވަރަށް ފަސޭހަ ދެއްތޯ އެމްޕީއަކަށް ހުރެ އާޒިމަށް އެހެންވިދާޅުވުމަށް. އެކަމަކު މި ގޮނޑީގައި އިށީންދެގެން އިންނަ މީހަކަށް ފަސޭހައެއް ނުވާނެ އަބަދު ފުޓުބޯޅައާ ތަޅާތަޅާ ހުންނާކަށެއް. ވޮލީއާ ތަޅަތަޅާ ހުންނާކަށެއް. ބެޑްމިންޓަންއާ ތަޅާތަޅާ ހުންނާކަށެއް. އަނެއްކާ އަޅުގަނޑުމެން ވެރިކަމަށް އަންނަންވެގެން ސިޔާސީ ކަންކަން ކުޅިވަރުގެ ތެރެއަށް ނުވައްދަން އޮންނާނީ ވައުދުވެފައި. އެހެންވެގެން އެކަމެއް ނުކުރެވޭނެ." މަހްލޫފު ވިދާޅުވިއެވެ.
މަހްލޫފު ވިދާޅުވީ އާޒިމް ވިދާޅުވި ގޮތަށް އެފްއޭއެމްގެ އިންތިހާބުގެ ތެރެއިން ފުލުހުން ގޮވައިގެން ގޮސް އެފްއޭއެމްގައި ތަޅު އެޅުވިނަމަ، ހަމަ އެމީހުންނާ އެފްއޭއެމް ހަވާލު ކުރަންދެން ފީފާއިން ރާއްޖެ ސަސްޕެންޑް ކުރާނެކަންވެސް އަލީ އާޒިމަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
އެހެން އެކަން ކޮށްފިނަމަ ރާއްޖޭގެ ފުޓުބޯޅަ މުޅިން ހަލާކުވެ ކުޅުންތެރިން އެކަމުގެ ޒިންމާ އަޅުވާނީ ރައީސުލްޖުމްހޫރިއާ އާއި އޭނަގެ ބޮލުގައި ކަމަށްވެސް މަހްލޫފު ވިދާޅުވިއެވެ. އަދި އަލީ އާޒިމް އެކަންތައް ކުރައްވަނީވެސް އެމަގުސަދުގައިކަމަށް މަހޭ ވިދާޅުވިއެވެ.
މިނިސްޓަރު އަހުމަދު މަޙުލޫފް
މިނިސްޓަރު އަހުމަދު މަޙުލޫފް
މިނިސްޓަރު އަހުމަދު މަޙުލޫފް