މުނިފޫހިފިލުވުން

ޝެފާލީ ކަޕިލް ޝަރުމާ ޝޯއާ ގުޅެނީތަ؟

އީމާ މުހައްމަދު ވަހީދު

ކަލާސް ޓީވީއިން ގެނެސްދިން ބިގްބޮސްގެ 13 ވަނަ ސީޒަންގެ ބައިވެރިއެއް ކަމަށްވާ ޝެފާލީ ޒަރީވަލާ އިންޑިއާގެ މަޝްހޫރު ކޮމެޑީ ޝޯއެއް ކަމަށްވާ "ދަ ކަޕިލް ޝަރުމާ ޝޯ" އާއި ގުޅެން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

ޝެފާލީ ވަނީ ދާދި ފަހުން ކަޕިލް ޝަރުމާ ޝޯގެ ސެޓްގައި ނަގާފައި ހުރި ފޮޓޯއެއް އިންސްޓަގްރާމުގައި ހިއްސާ ކޮށްފައެވެ. ޝެފާލީ އެ ފޮޓޯ ހިއްސާ ކުރުމުން އޭނާގެ ސަޕޯޓަރުން ވަނީ ޝެފާލީ ކަޕިލް ޝަރުމާ ޝޯ އާއި ގުޅުނީތޯ އަހައި ސުވާލުވެސް ކޮށްފައެވެ.

ކަޕިލް ޝަރުމާ ޝޯގައި ހަރަކާތްތެރިވާ މީހަކު "އީ ޓައިމްސް" އަށް މައުލޫމާތު ދެމުން ޝެފާލީ ބުނީ ކަޕިލް ޝަރުމާ ޝޯގެ އެޕިސޯޑެއް ޝޫޓް ކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް އެ އެޕިސޯޑް އާއްމުންނަށް ފެނިގެން ދާނެ ކަމަށެވެ. ކޯވިޑް 19 ގެ ސަބަބުން 5 ވަރަކަށް މަސް ދުވަހު އިންޑިއާ ލޮކްޑައުން ކުރުމާ ގުޅިގެން ވަނީ ކަޕިލް ޝަރުމާ ޝޯވެސް މެދުކަނޑައިލައިފައެވެ. އެހެންނަމަވެސް މީގެ މަހެއްހާ ދުވަސްކުރިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްފަހު ޝޯގެ ޝޫޓިންތައް ފަށައިފައެވެ.

ޝެފާލީ ބިގްބޮސް 13 އާއި ގުޅުނީ ވައިލްޑް ކާޑު އެންޓްރީންނެވެ. ޝެފާލީ ވެގެން ގޮސްފައިވަނީ ޝޯގައި ތިބި އެންމެ ވަރުގަދަ އަންހެން ބައިވެރިންގެ ތެރެއިން އެކަކަށެވެ. ޝެފާލީ އާއްމުންގެ ތެރޭގައި މަޝްހޫރުވީ އޭނާ ކުޅުނު "ކާންޓާ ލަގާ" ލަވައިންނެވެ.