އެޗް 78 ގުރޫޕްގެ ފަރާތުން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އަށް 5000 މާސްކު ހަދިޔާކޮށްފިއެވެ.
އެޗް 78 ގްރޫޕްގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ އެކުންފުނީގެ ސީއީއޯ އަފާފް އަބްދުލް މަޖީދެވެ. އަދި އެންބީއޭއެމްގެ ފަރާތުން މިތަކެއްޗާ ހަވާލުވެވަޑައިގެންނެވީ އެޖަމިއްޔާގެ ރައީސް، އަހުމަދު އަފްރާހެވެ.
އެޗް 78 އަކީ 2015 އަހަރުން ފެށިގެން ހުޅުމާލޭގައި ހިންގާ 14 ކޮޓަރީގެ ބީޗްފްރަންޓް ގެސްޓްހައުސްއެކެވެ. އެޗް 78 ގައި ތިން ފަންތިއެއްގެ ކޮޓަރި އާއި ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި ތަފާތު އެކްސްކާޝަންތައް ރާވައި ހިންގައެވެ. އަދި އެތަނުގައި ހިންގާ ދަ ކެޗް 78 ރެސްޓޯރަންޓަކީ ހޮޓަލުގައި ތިބޭ ފަތުރުވެރިންގެ އިތުރުން ވަރަށް ގިނަ ދިވެހިންގެ ވެސް މަގުބޫލު ތަނެކެވެ.
މިއަދު ހަދިޔާކުރި ތަކެއްޗާ ހަވާލުވުމަށްފަހު ނެޝަނަލް އެންބީއޭއެމްގެ ރައީސް އަފްރާހު ވިދާޅުވީ، މިއީ ކޮވިޑުގެ ހާލަތުގެ ތެރޭގައި އަމިއްލަ ފަރާތަކުން އެ ސިނާއަތަށް ވެދިން ވަރަށް ވެސް ބޭނުންތެރި އަދި އެހާމެ މުހިއްމު އެހީއެއް ކަމަށެވެ. އެހެންކަމުން އެންބީއޭއެމްގެ މެންބަރުންގެ ނަމުގައި އަފްރާހު ވަނީ އެޗް 78 ގްރޫޕަށް ޝުކުރު އަދާކުރައްވައިފައެވެ.
މި ހަފުތާގައި އެންބީއޭއެމް އިން ވަނީ ޓޫރިޒަމް މިނިސްޓްރީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ފުލުހުންގެ އެހީތެރިކަމާއެކު ސަފާރީ ބޯޓުތަކުން ފުރާ ފަތުރުވެރިންނަށް ޓެސްޓިން ހަޓެއް ގާއިމުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު