ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ކުޅިވަރު ހަރަކާތްތައް ހިންގުން މަނާކުރުމުން ކުޅުންތެރިންނާއި އޮފިޝަލުން އުޅެނީ ހާލުގައި ކަމަށާއި އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދޭ ކަމަށް ރާއްޖޭގެ ކާމިޔާބު ފުޓުބޯޅަ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ޖިމްތައް ހުޅުވުމަށް ހުއްދަ ދީފައިވާ އިރު، ކުޅިވަރު ހަރަކާތްތައް ހިންގުން މަނާކޮށްފައިވަނީ ކޮން ގޮތަކަށް ބަލާފައިތޯ މިދިޔަ ހޯމަ ދުވަހު ބޭއްވި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން" އިން ސުވާލުކުރުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ޖިމްތައް ހިންގުމަށް ހުއްދަ ދީފައިވަނީ އެއީ ވިޔަފާރިއަކަށް ވާތީ ކަމަށާއި ފިޔަވަޅުތައް އަޅާފައިވަނީ ވިޔަފާރިތަކަށް ގެއްލުން ނުވާނެ ގޮތަކަށް ބަލައިގެން ކަމަށެވެ.

ކަންބޮޑުވުން ފާޅުކުރުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗު ނިޒާމްބެ ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ ގިނަ ކުޅުންތެރިންނާއި އޮފިޝަލުން ޓީމް ކުޅިވަރުތަކުން އާމްދަނީ ހޯދާކަން އެޗްޕީއޭއަށް ކޮންމެވެސް މީހަކު ސާފުކޮށްދޭން ޖެހޭ ކަމަށާއި ކުޅުންތެރިންނާއި އޮފިޝަލުންނަށް ސަރުކާރުގެ ރިލީފް ފަންޑު ނުވަތަ ކޮވިޑާ ގުޅިގެން ދޫކުރާ ލޯނަށް އެދެވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ.

ނައިބު ރައީސް ފައިސަލް ނަސީމާއި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމާއި ސްޕޯޓްސް ކައުންސިލްގެ ރައީސް އިބްރާހިމް އިސްމާއިލް ޓެގްކޮށް ނިޒާމްބެ ބުނީ ކޮވިޑާ ގުޅިގެން އެ އުނދަގޫ ހާލަތާ ކުރިމަތިލަމުންދާ 1000 އަށްވުރެ ގިނަ އެތުލީޓުންނާއި އޮފިޝަލުންގެ ހައްގުގައި ކޮންމެވެސް ބޭފުޅަކު އިސްނަންގަވައިގެން ހައްލެއް ހޯދުމަށް މަސައްކަތްކޮށްދެއްވުމަށް އެދޭ ކަމަށެވެ. އަދި އެންމެންނަށް ފައިސާ ނުދިން ކަމުގައިވިޔަސް، އާ އާންމު ހާލަތުގައި އަލުން ކުޅިވަރު ހަރަކާތްތައް ފެށޭނެ ފަދަ ގައިޑްލައިނެއް ނެރެދިނުމަށް އެދޭ ކަމަށް ވެސް ނިޒާމްބެ ބުންޏެވެ.

ކޮވިޑާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކުރުމާއެކު ކުޅިވަރު ހަރަކާތްތައް ހުއްޓާލުމަށްފަހު ކުޅިވަރު ހަރަކާތްތައް ހިންގުމުގެ ހުއްދަ މިދިޔަ މަހުގެ އެއްވަނަ ދުވަހު ދީފައިވެއެވެ. ނަމަވެސް ޕޮޒިޓިވް ކޭސްތައް އިތުރުވަމުން ދިއުމާ ގުޅިގެން މިމަހުގެ ހަތަރުވަނަ ދުވަހު އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ކުޅިވަރު ހަރަކާތްތައް ހިންގުން މަނާކުރުން ވެސް ހިމެނެއެވެ.