މުހައްމަދު ނިޒާމް (ނިޒާމްބެ) އާއެކު ބުރު ސްޕޯޓްސް ކްލަބުން ވެފައިވާ އެއްބަސްވުން ހަމަވުމާއެކު، ދެފަރާތުން ވާހަކަ ދައްކައި އެއްބަސްވުން އާނުކުރަން ނިންމައިފިއެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ކުޅެ، އެއަށްފަހު ކޯޗެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ނިޒާމްބަކީ ބުރު ސްޕޯޓްސް ކްލަބަށް ފުރަތަމަ ޑިވިޝަނުގައި ކޯޗުކަން ކޮށްދިން ހަމައެކަނި ކޯޗެވެ. 2023 ވަނަ އަހަރު އެ ކްލަބާ ގުޅުނު ނިޒާމްބެއަށް ބުރު ސްޕޯޓްސް ކްލަބާއެކު ދެ ސީޒަނެއް ލިބިފައިވާ އިރު، ފުރަތަމަ ސީޒަން ނިންމާލީ ފަސްވަނައިގައެވެ.
އޭގެފަހުން ފުޓުބޯޅަ މެދުކެނޑުމަކަށްފަހު އެންމެފަހުން ކުޅުނު ސީޒަނުގައި ބުރު ވަނީ ލީގު ތާވަލުގެ ހަތަރު ވަނައިގައި ނިންމާލައިފައެވެ. އަދި ނިމިދިޔަ ސީޒަނުގެ ޕްރެސިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައިވެސް ބުރުން ވާދަކޮށްފައިވެއެވެ. އޭގެ އިތުރުން ބުރާއެކު ނިޒާމްބެއަށް އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ އެފްއޭ ކަޕްގެ ތިންވަނަ ބުރު ސްޕޯޓްސް ކްލަބުން ހޯދުމެވެ.
ނިޒާމްބެ ބުނެފައި ވަނީ ބުރަށް ކޯޗުކޮށްދިނުމަކީ ލިބުނު ފަހުރެއް ކަމަށާއި، އެ ކްލަބުގައި ހޯދުނު ކޮންމެ ކުރިއަރުމަކީ ކެރިއަރުގައި ލިބުނު މުހިއްމު ކުރިއެރުންތަކެއް ކަމަށެވެ. އަދި އެ ކްލަބަށް ކުރިއަށް އޮތް ތަނުގައިވެސް ކާމިޔާބީއަށް އެދޭ ކަމަށް އޭނާ ބުންޏެވެ.
ނިޒާމްބެ އިތުރަށް ބުނީ ބުރުގެ ހުރިހާ ކުޅުންތެރިންނަށާއި މެނޭޖުމަންޓްގެ އިތުރުން ޓެކްނިކަލް ސްޓާފުންނާއި ސަޕޯޓަރުންނަށްވެސް ޝުކުރު އަދާކުރާ ކަމަށާއި، ކެރިއަރުގައި ކުރިއަށް އޮތް މަރުހަލާއަށް ތައްޔާރަށް ހުރި ކަމަށެވެ. އަދިވެސް ފުޓުބޯޅައިގެ ކުރިއެރުމަށް އޮތް ލޯބި އެބައޮތް ކަމަށާއި، އެންމެ އުހުގައި މަސައްކަތް ކުރުމުގެ ޝައުގުވެސް އެބަހުރި ކަމަށް ނިޒާމްބެ ބުންޏެވެ.
ބުރުން ވަނީ ނިޒާމްބެ އެ ކްލަބަށް ކޮށްދިން ހިދުމަތަށް ޝުކުރު އަދާކޮށްފައެވެ. ބުރު ސްޕޯޓްސް ކްލަބަކީ ތިންވަނަ ޑިވިޝަނާއި ދެވަނަ ޑިވިޝަން ކާމިޔާބުކޮށް، ޖެހިޖެހިގެން ދެ ތަށްޓާއެކު ޕްރޮމޯޓްވި ޓީމެކެވެ.
ނިޒާމްބެއަކީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ކޯޗެވެ. ޓީސީ ސްޕޯޓްސް ކްލަބާއެކު ލީގު ހޯދި ނިޒާމްބެ ވަނީ އެ ކްލަބާއެކު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް އިންޓަނޭޝަނަލް ކަޕްވެސް ކާމިޔާބު ކޮށްފައެވެ. އޭގެ އިތުރުން ބަންގްލަދޭޝްގެ ކްލަބެއް ކަމަށްވާ ސައިފް ސްޕޯޓިން ކްލަބަށްވެސް އޭނާ ކޯޗުކަން ކޮށްދީފައިވާ އިރު، ގައުމީ ޒުވާން ޓީމުތަކާއި އަންހެން ޓީމަށްވެސް ކޯޗުކަން ކޮށްދީފައިވެއެވެ. ނިޒާމްބެ އަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށްވެސް ކޯޗުކަން ކޮށްދިން ކޯޗެކެވެ.
މުޙައްމަދު ޝަމްޢޫން
ބުރު ސްޕޯޓްސް ކްލަބް
ބުރު ސްޕޯޓްސް ކްލަބް
ބުރު ސްޕޯޓްސް ކްލަބް
ކޮމެންޓް