ރިޕޯޓް

މައިންބަފައިން ދެކެ ލޯބިވާ ވާހަކަ ބުނާށެވެ! އެމީހުން ތިބީ އެވާހަކަ އަހާ ހިތުން ކެތްމަދުވެފައެވެ.

އީމާ މުހައްމަދު ވަހީދު

އަހަރެމެންނާއެކު އެކީގައި އުޅޭ އެކުވެރިންގެ ގާތުގައި އެމީހުން ދެކެ ވާ ލޯތްބާއި އަހަރެމެންގެ ދިރިއުޅުމުގައި އެމީހުންގެ މުހިންމުކަން ބުނެލުމަކީ ގިނަ މީހުންނަށް މާ ބޮޑު ކަމެއް ނޫނެވެ. ވަކި ހާއްސަ މުނާސަބަތަކާއި ނުލައި ތިބާގެ ހަޔާތުގެ ބައިވެރިޔާ ގާތު ލޯބިވާ މިންވަރު ބުނެލުމަކީވެސް ގިނަ މީހުން އާއްމުކޮށް ކުރާ ކަމެކެވެ. އެހެންނަމަވެސް ތިބާ 9 މަހާއި 9 ދުވަސްވަންދެން އެ ހަށިގަނޑު ތެރޭގައި ރައްކާތެރިކަމާއި އެކު ގެންގުޅުނު މައިމީހާ ދެކެ ލޯބިވާ މިންވަރު ބުނެދޭން ފަސްޖެހެނީ ކީއްވެހެއްޔެވެ؟ ތިބާއަށް ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް ޓަކައި އެމީހާގެ މުޅި އުމުރު ދުއްވައިލި ބައްޕަގެ މުހިންމުކަން ކިޔައިދޭން ޖެހުމުން އެކަން ނުކުރެވެނީ ކީއްވެތޯއެވެ؟

ޝައްކެއްވެސްނެތެވެ. އަހަރެމެންގެ ދިރިއުޅުމުގައި އެންމެ މުހިންމު އަދި އެންމެން ހާއްސަ ބަޔަކަށް ވާން ޖެހޭނީ އަހަރެމެންގެ މައިންބަފައިންނެވެ. މަންމައާއި ބައްޕަ ދެކެ ލޯބިވާ ވާހަކަ ބުނެ އެމީހުންނާ އެކު ވަގުތު ހޭދަކުރަން ޖެހޭނީ ވަކި ހާއްސަ ދުވަސް ދުވަހެއްގައި އެކަންޏެއް ނޫނެވެ. ކޮންމެ ދުވަހަކުވެސް މައިންބަފައިންނާ އެކު ވަގުތު ހޭދަކުރަން ޖެހޭނެއެވެ. އެމީހުން ދެކެ ލޯބިވާ މިންވަރު ބުނެދޭން ވާނެއެވެ. ފަހަރެއްގައިވެސް މައިންބަފައިން ގާތު ލޯބިވާ ވާހަކަ ބުނުމަކީ ލަދުގަނެ ފަސްޖެހެން ޖެހޭ ކަމެއް ނޫނެވެ. ތިބާއަށް އުފާވެރި އަދި ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދިނުމަށް އެދެމީހުންގެ ހަޔާތް ގުރުބާން ކުރިއެވެ.

ތިބާއަށްޓަކައި އެމީހުން ނުއުފުލަނީ ކޮން ތަކުލީފެއް ހެއްޔެވެ؟ ނުވަނީ ކޮން ގުރުބާނީއެއް ހެއްޔެވެ؟ ތިބާއަށް ކާންދީފައި ބާކީ އެއްޗެއް ނެތިގެން އެމީހުން ނުކައި ތިބީ ކިތައް ވަގުތު ހެއްޔެވެ؟ ތިބާ ބޮލެއްގައި ރިއްސައިލި ކަމަށްޓަކައި، ތިބާގެ ހަށިގަނޑުގައި ހުމެއް ހުރެގެން، އަދި އެނޫންވެސް ކިތަންމެ ކުޑަ ކުޑަ ބައްޔެއްގެ ވޭން ތިބާގެ ހަށިގަނޑުގައި އެޅިޔަސް، އެކަމާ ފިކުރު ބޮޑުވެ ނުނިދައި، ހޭލައި އެމީހުން ތިބީ ކިތައް ރޭ ހެއްޔެވެ؟ ފައިސާގެ ތަނަވަސްކަން ނެތް އިރުވެސް، ތިބާގެ އުފަލަށް ޓަކައި އަތުގައި އޮތް މަދު ރުފިޔާ ކޮޅު ތިބާގެ ކުޅޭ ސާމާނު ގަންނަން ތިބާގެ ހިތް ރުއްސައި އުފާކޮށްދޭން ހަރަދުކުރިކަން އެނގޭ ހެއްޔެވެ؟

މިއަދު އެމީހުންނަށް ޓަކައި ކުޑަކުޑަ ތަކުލީފެއް ވެސް އުފުލަން ޖެހުމުން ތިހުނަންނަނީ ތުން ދަމައިފައެވެ. މުސްކުޅި މަންމަޔަށް ކާނެ އެއްޗެއް ތި ދެނީ ތިބާ ކައިފައި އެއްޗެއް ހުރި ނަމައެވެ. އެންމެ ފުރަތަމަ މޭޒުމައްޗަށް އަރައި ކަނީ ތިބާއެވެ. މަންމަ ނުވަތަ ބައްޕަ ކައިފިތޯ ބަލައެެއް ނުލެވެ އެވެ. އެތައް ބައްޔެއްގެ ވޭން މައިންބަފައިންގެ ހަށިގަނޑުގައި އަަޅަމުންދާ އިރު، އެކަމާ ތިބާ ފިކުރު ބޮޑުވާ ތަނެއް ނުފެނެ އެވެ. އެމީހުންނަށް ހަރަދެއް ތިޔަ ކުރަނީ ތިބާގެ އަނބި ނުވަތަ ފިރިމީހާއަށް ނުވަތަ ރައްޓެހީންނަށް ހޭދަކޮށްފައި އެއްޗެއް ބާކީ ވެއްޖެ ނަމަ އެވެ.

ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތުން އަހަރެމެން އެންމެންނަށް މައިންބަފައިން ކައިރީ އެމީހުންނާ އެއް ފަސްގަނޑެއްގައި ދިރިނޫޅެވިދާނެއެވެ. އެހެންނަމަވެސް މަންމައާއި ބައްޕައާއި ކިތަންމެ ދުރުގައި ދިރިއުޅެން ޖެހުނަސް، ފަރުވާ ކުޑަނުކޮށް ކޮންމެ ދުވަހަކު އެމީހުންނަށް ގުޅައި އެމީހުންގެ ހާލުއަހުވާލު ބެލުމަކީ ކޮންމެ ދަރިއެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. މައިންބަފައިން މުސްކުޅިވެ ގައިބާރު ދެރަވެފައިވާ ދުވަހު އެމީހުން އެންމެ ބޭނުންވާނެ އެކައްޗަކީ ދަރިންގެ ލޯތްބާއި އަޅައިލުމެވެ. ދަރިން އެމީހުންނާ އެކު ވަގުތު ހޭދަކުރުމަށެވެ. އެމީހުން ދެކެ ލޯބިވާ މިންވަރު ކިޔައިދިނުމަށެވެ.

ފޭސްބުކްގައި ޖަހައިލާ ޕޯސްޓަކުން ނުވަތަ ޓުވީޓަރުގައި ކޮށްލާ ޓުވީޓަކުން މައިންބަފައިން ދެކެ ލޯބިވާވަރު ބުނެލުމަކުން އަދި އެ ނިމުނީ އެއް ނޫނެވެ. އެފަދަ ޕޯސްޓުތައް ވެސް ތިބާ ތިޔަ ޖަހަނީ މީހުންނަށް ދެއްކުމަށް ޓަކައެވެ. ގިނަ ފަހަރަށް ތިބާގެ މަންމައާއި ބައްޕަ ޓުވީޓަރުގައި ނުވަތަ ފޭސްބުކުގައި ނުވެސް އުޅޭނެ އެވެ. އެމީހުން ބޭނުންވާނީ ދަރިފުޅު އަނގައިން އެވާހަކަތައް ބުނާ އަޑު އަހާށެވެ. ވަޒީފާގައި ކިތަންމެ ބުރަވި ނަމަވެސް މައިންބަފައިންނަށް ދޭން ޖެހޭ ވަގުތު ދިނުމަށް ހަނދާން ނައްތައިނުލާށެވެ. ދުރުގައި ތިއްބަސް އެމީހުންނަށް ފޯނުން ގުޅާށެވެ! ލޯބިން ވާހަކަ ދައްކާށެވެ. ލޯބިވާ ވާހަކަ ބުނާށެވެ. އެމީހުން އެ ތިބީ ދަރީންގެ ފުށުން އެފަދަ އޯގާތެރި ބަސްތައް އިވުމަށް އެދި ކެތްމަދުވެފަ އެވެ.