ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)ގެ ޗެއާމަނަކަށް މުހައްމަދު ޖައިޝް އިބްރާހިމް އައްޔަނުކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސުން މިރޭ ކުރި ޓުވީޓެއްގައި ބުނީ، ޖައިޝް އެމަގާމަށް އައްޔަނުކުރަން ޕްރައިވަޓައިޒޭޝަން ބޯޑުން ނިންމުމުން މިއަދު އޭނާ އެމަގާމަށް އައްޔަންކޮށްފައިވާ ކަމަށެވެ.

އެޗްޑީސީގެ ޗެއާމަންގެ މަގާމުގައި އެންމެ ފަހުން ހުންނެވި މުހައްމަދު ޝާހިދު މަގާމުން ވަކިކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވުމުން 2018 ގައެވެ. އޭގެ ފަހުން މި ސަރުކާރުން މިއަދާ ހަމައަށް އެ ބޯޑަށް ޗެއާމަނަކު އައްޔަނެއް ނުކުރެއެވެ.

އެޗްޑީސީގެ އާ ޗެއާމަން ޖައިޝް އަކީ އާކިޓެކްޗާ އާއި ޕްރޮޖެކްޓް މެނޭޖުމަންޓުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ ބިޒްނަސް މެނޭޖުމެންޓުގެ ދާއިރާ އިންވެސް މާސްޓާސް ހައްދަވައިފައެވެ.

މީގެ ކުރިން ޖައިޝް ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގައި ވެސް ހަރަކާތްތެރިވެވަޑައިގެންފައެވެ. މިހާރު ވެސް އޭނާ އަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ބޯޑު މެންބަރެކެވެ.

އެޗްޑީީސީގެ މެނޭޖިން ޑިރެކްޓަރަކީ ސުހައިލް އަހުމަދެވެ. އެ ކުންފުނީގެ ބޯޑުގައި މިހާރު ތިއްބަވާނީ ޖައިޝް އާއި ސުހައިލްގެ އިތުރުން އިބްރާހިމް އަފްރާތާއި އަބްދުﷲ ރަމީޒާއި އަހުމަދު އާތިފް އަދި ހަސަން މުނީރެވެ.