ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި އެންއައިސީގެ މެންބަރުކަމުގެ މަގާމަށް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލީ އެ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމެއް ހުސްވެފައިވާތީއެވެ.

އެންއައިސީގެ މެންބަރުކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖައްސާފައިވަނީ މިމަހު 16، 17 އަދި 18 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. އަދި އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ލިބެން ހުންނާނީ ރައީސް އޮފީހުގެ ރިސެޕްޝަނުގެ އިތުރުން ރައީސް އޮފީހުގެ ވެބްސައިޓް presidency.gov.mv އިން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މިދިޔަ މަހުގެ 12ގައި ވެސް އެންއައިސީގެ މެންބަރު ކަމުގެ މަގާމަށް ކުރިމަތި ލުމަށް ހުޅުވައިލައިފައިވެއެވެ. މީގެ އިތުރުން އެންއައިސީގެ ރައީސް ކަމުގެ މަގާމުން އަހުމަދު ސުލެއިމާނު ވަކިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވަން ރައްޔިތުން މަޖިލީހުން މިދިޔަ ޖުލައި މަހު 21ގައި ވަނީ ފާސްކޮށްފައެވެ.

އެންއައިސީއަކީ ކަސްޓްމްސް އާއި ފުލުހުންނާއި ކަރެކްޝަންސްގެ އިތުރުން އިމިގްރޭޝަންގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ތަހުގީގު ކުރުމަށާއި އެފަދަ ކަމަކަށް ތުހުމަތުކުރެވި މައްސަލައެއް ހުށަހަޅައިފިނަމަ އެކަން ތަހުގީގު ކުރަން އުފައްދާފައިވާ ކޮމިޝަނެކެވެ.