ބޮލީވުޑްގެ މަޝްހޫރު ބަތަލު ސަންޖޭދަތު ނޭވާ ހާސްވެ ބަލިވެގެން މުމްބާއީގެ ލަލަވަތީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިއްޔެ ގެޔަށް ދޫކޮށްލައިފިއެވެ. ނޭވާ ހާސްވެ ބަލިވުމުން ސަންޖޭދަތު ވަނީ ކޯވިޑް ހުރިތޯ ބެލުމަށް ވެސް ޓެސްޓް ކޮށްފައެވެ. ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.

ސަންޖޭދަތު ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ހަވީރެވެ. މީގެ ދެދުވަސް ކުރިން ކުރި ޓުވީޓެއްގައި ސަންޖޭދަތު ވަނީ އޭނާގެ ހާލު ރަނގަޅު ކަމަށާއި ކޯވިޑަށް ޓެސްޓް ކުރުމުން ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް ބުނެފައެވެ.

ލަލަވަތީ ހޮސްޕިޓަލުން ވާހަކަދެއްކި އޮފިޝަލަކު ބުނީ، ސަންޖޭދަތަށް ނޭވާ ލާން އުނދަގޫވީ ހަށިގަނޑުގައި އޮކްސިޖެންގެ ބައި މަދުވެގެން ކަމަށެވެ. ކޯވިޑަށް ސަންޖޭދަތު ނެގެޓިވް ވިނަމަވެސް އޭނާއަށް ވަނީ ދެދުވަސް ވަންދެން އޮބްޒަވޭޝަންގައި ބާއްވައި ފަރުވާ ދީފައެވެ.