ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓް ބޮލީވުޑްގައި މަސައްކަތް ކުރާތާ 36 އަހަރު ވެއްޖެއެވެ. މަދޫރީ ވަނީ އިއްޔެ އޭނާ ބޮލީވުޑްގައި މަސައްކަތް ކުރާތާ 36 އަހަރު ވުމާ ގުޅިގެން އެކަން ފާހަގަވެސް ކޮށްފައެވެ.

އެތައް ބައެއްގެ ހިތްތަކުގައި މިއަދުވެސް ރަނިކަން ކުރަމުން އަންނަ މަދޫރީ ބޮލީވުޑަށް ތައާރަފުވީ، 1984 ވަނަ އަހަރު ފިލްމު "އަބޮދު" އިންނެވެ. އޭނާގެ ފުރަތަމަ ފިލްމުގައި މަދޫރީ އަދާކުރީ އަލަތު ކައިވެނި ކޮށްގެން އުޅޭ އަންހެން ކުއްޖެއް ކަމަށްވާ ގޯރީގެ ރޯލެވެ.

މަދޫރީ ބުނީ، އޭނާގެ މުޅި ފިލްމީ ކެރިއަރުގައިވެސް ދުވަހަކުވެސް ހަނދާން ނުނެތޭނެ ވަގުތުކޮޅަކީ އޭނާގެ ފުރަތަމަ ފިލްމު ކަމަށްވާ އަބޮދުގެ ފުރަތަމަ މަންޒަރު ކުޅުނު ވަގުތު ކަމަށެވެ. މަދޫރީ އިތުރަށް ބުނީ އަބޮދު ކުޅުމަށްފަހު މިއަދު އޭނާ އެހުރި މަގާމު ހާސިލުވެވޭނެ ކަމަށް ހީނުކުރާ ކަމަށެވެ.

މަދޫރީ ކުޅުނު ލަވަ ތަކުގެ ތެރެއިން އެންމެ ކަމުދަނީ ކޮން ލަވައެއްތޯ ސަޕޯޓަރަކު ސުވާލުކުރުމުން ޖަވާބު ދެމުން މަދޫރީ ބުނީ، އޭނާއަށް ކުޅެވުނު އެންމެ ކަމުދާ ލަވައަކީ ފިލްމު "ތޭޒާބު"ގެ "އޭކް ދޯ ތީން" ކަމަށެވެ.

މަދޫރީ އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ އަހަރު ރިލީޒުކުރި " ޓޯޓަލް ދަމާލް" އިންނެވެ. އެ ފިލްމުގެ ލީޑް ރޯލުން ވަނީ މަދޫރީގެ އިތުރުން އަޖޭ ދޭވްގަން އަދި އަނިލް ކަޕޫރުވެސް ފެނިގެން ގޮސްފައެވެ.