ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރުގައި އެމަނިކުފާނުގެ މާލީ ވަޒީރުން ރާއްޖެ ޗައިނާގެ އަޅުވެތިކަމުގެ ދަންތުރާގައި ޖައްސާފައިވާ ކަމަށް ވިދާޅުވެ ރައީސް ޔާމީންގެ ފިނޭންސް މިނިސްޓަރުން ކަމަށް ވާ އަހުމަދު މުނައްވަރާއި އަބުދުﷲ ޖިހާދުގެ މައްޗަށް ޖިނާއީ ދައުވާކުރަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރުކަން ކުރައްވާ އީވާ އަބުދުﷲ އެ މައްސަލަ ހުށަހެޅުއްވީ، ދައުލަތުގެ ދަރަންޏާ ބެހޭގޮތުން އޮޅުން ފިލުވަން ޖެހޭ ކަންކަން އޮޅުން ފިލުއްވުމަށް، އެ ދެ ވަޒީރުންނާއި މިހާރުގެ މާލީ ވަޒީރު އިބްރާހިމް އަމީރު ހާޒިރު ކޮށްގެން، މިހާރު ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ، މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

ކުރީގެ ފިނޭންސް މިނިސްޓަރުންނާއި މިހާރު ހުންނެވި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސަރުކާރުގެ ދަރަނި ރަނގަޅަށް ބަލަހައްޓަވަމުން ނުގެންދަވާތީ، ދައުލަތުގެ ދަރަނި ސާފު ނުވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލަ ދިރާސާ ކުރާ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ 2013 އިން 2018 އަށް ކުރިއަށްދިޔަ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގައި ޗައިނާގެ ބޭންކުތަކުން ނަގާފައިވާ ލޯނާއި ދީފައިވާ ގެރެންޓީގެ ޖުމްލަ 1.4 ބިލިޔަން ޑޮލަރަށް އަރާ ކަމަށެވެ.

"57 މިލިޔަން ޑޮލަރު އެކްސްޕޯޓް އިންޕޯޓް ބޭންކް އޮފް ޗައިނާއިން، 154 މިލިޔަން ޑޮލަރު ޗައިނާގެ އެގްޒިމް ބޭންކުން، 373 މިލިޔަން ޑޮލަރު ޗައިނާ އެގްޒިމް ބޭންކުން، 75 މިލިޔަން ޑޮލަރު އެކްސްޕޯޓް އިންޕޯޓް ބޭންކް އޮފް ޗައިނާއިން، 368 މިލިޔަން ޑޮލަރު އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާއިން، 159 މިލިޔަން ޑޮލަރު ޗައިނާ ޑިވެލޮޕްމެންޓް ބޭންކުން، 30 މިލިޔަން ޑޮލަރު އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާއިން، 127 މިލިޔަން ޑޮލަރު އެކްސްޕޯޓް އިންޕޯޓް ބޭންކް އޮފް ޗައިނާއަށް، 47 މިލިޔަން ޑޮލަރު ޗައިނާ ޑިވެލޮޕްމެންޓް ބޭންކުން، 19 މިލިޔަން ބޭންކް އޮފް ޗައިނާ ލިމިޓެޑް ލަންޑަން ބްރާންޗަށް،" އެ މުއްދަތުގައި ސަރުކާރުން ދީފައިވާ ސޮވްރިން ގެރެންޓީ އާއި ނަގާފައިވާ ލޯނުތަކުގެ ތަފްސީލު ވިދާޅުވެދެއްވަމުން މެންބަރު އީވާ ވިދާޅުވިއެވެ.

ދަރަނި ދައްކާނެ ގޮތެއް ނެތި ރަހުނު ކުރާނެ އެއްޗެއް ނުދައްކައި ފަރުވާލެއްނެތި ރާއްޖޭގެ ރައުސުލްމާލު ޗައިނާއަށް ވިއްކާލަން ޖެހުނީ ކީއްވެތޯ، އީވާ ސުވާލު ކުރެއްވިއެވެ.

އެ ދަރަނި ނުދައްކައިފިނަމަ ޗައިނާއިން އައިސް ރާއްޖޭގެ ރައުސްމާލާ ހަވާލު ވާނެ ކަމަށް އީވާ ވިދާޅުވިއެވެ.

ދެން ހެދެން އޮތް އޮތަކީ ރައީސް ރާމީންގެ ސަރުކާރުގައި ތިއްބެވި ފިނޭންސް މިނސްޓަރުން ކަމުގައިވާ އަބުދުﷲ ޖިހާދާއި އަހުމަދު މުނައްވަރަށް ޖިނާއީ ދައުވާ ކުރުން ކަމަށާއި އެކަން ހުށަހަޅުއްވާ ކަމަށްވެސް އީވާ ވިދާޅުވިއެވެ.