ދުނިޔޭގެ އެންމެ އުސް ރާވާ އިމާރާތުގެ މަސައްކަތް ސިންގަޕޫރުގައި ފަށައިފިއެވެ.

192 މީޓަރު އުސް މި ދެ ޓަވަރު ތައްޔާރުކޮށް އުފައްދަނީ މެލޭޝިއާގައި ކަމަށް ޕްރޮޖެކްޓް ހިންގާ ފާމުން ބުނެފައި ވެއެވެ.

އެވެނިއު ސައުތު ރެޒިޑެންސް ގައި 988 އެޕާޓްމަންޓް ހުންނާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. ތަފާތު ގޮތަކަށް އިމާރާތްކުރާ މި ދެ ޓަވަރުގެ ބައިތައް ވަކި ވަކިން ތައްޔާރުކޮށް އިމާރާތްކުރާ ސަރަހައްދުގައި އެތުރުމަށް ވަނީ ނިންމައިފައެވެ.

ސިންގަޕޫރުގައި އިމާރާތްކުރާ މިދެޓަވަރު ޑިޒައިން ކުރާ އޭޑީޑީޕީ އާކިޓެކްޓްސް އިން ވަނީ މިޓަވަރުތައް އިމާރާތް ކުރުމުގައި ބޭނުންކުރަން ޖެހޭ ލޭބަރުންގެ އަދަދު މަދުވާނެ ކަމަށާއި އެހެން ކަމުން އިމާރާތްކުރާ ސައިޓުގެ އަޑުގަދަކަމުގެ އުނދަގޫ އުފުލަން ނުޖެހޭނެ ކަމަށް ބުނެފައެވެ.

ޓަވަރުތަކުގެ ވަކި ވަކި މޮޑެލްތައް ތައްޔާރުކުރުމުގެ ހަމަޖެހިފައިވަނީ މެލޭޝިއާގެ ސެނާއީ ކުންފުނިންނެވެ. ސިންގަޕޫރުގައި ހުންނަ ސައިޓަށް ޔުނިޓްތައް ބަދަލުކޮށް އިމާރާތް ރޭވުމަށް ވަނީ ނިންމައިފައެވެ.

އޭޑީޑީޕީ އާކިޓެކްޓްސް އިން ވަނީ ޔުނިޓްތަކެއް ބޭނުންކޮށްގެން ރާވާ މިފަދަ އިމާރާތްތަކުގެ ސަބަބުން އިމާރާތްކުރާ އިންޑަސްޓްރީ އަށް ބޮޑު އިންގިލާބެއް އަންނާނެކަން ފާހަގަކޮށްފައެވެ.

މި އިމާރާތް ނިމުމުން މިތަން ވެގެން ދާނީ ސިންގަޕޫރުގެ އެންމެ އުސް އިމާރާތަށެވެ.