ޚަބަރު

ރޯވެ، އަޑިއަށްދިޔަ ދޯނީގެ ބައިތައް އޮޔާދާތީ ސަމާލުވާން އެދިއްޖެ

އަލީ އަފާފް ރަމީޒު

ލ. ގަމު ތުނޑީގައި ކައިރީގައި އޮއްވައި ރޯވެ އަޑިއަށްދިޔަ ދޯނީގެ ބައިތައް އޮޔާދާތީވެ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތައް ސަމާލުވާން އަންގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ގަމުގެ ހުޅަނގުން ތިން ނޯޓިކަލް މޭލު ބޭރުން 10 މީހުންނާއެކު ދަތުރުކުރި "ވިންދު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެ ފެތިގެން، ދޯނީގައި ހުރި ބައެއް މުދާ އޮޔާ ދާތީވެ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

އޮޔާ ދާ ތަކެތީގެ ތެރޭގައި ތާނގީ އާއި ލަކުޑި ފަދަ ތަކެތި ހިމެނޭ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ރޯވެ އަޑިއަށް ގޮސްފައިވަނީ "ވިންދު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ. އަދި ދޯނީގައި އަލިފާން ރޯވި އިރު، އޭގައި ދިވެއްސަކާއި ނުވަ ބިދޭސީއަކު ތިއްބެވެ.

އޭގައި ތިބި ބިދޭސީންގެ ތެރެއިން އެކަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ އެ ސަރަހައްދުން ކަނޑުގެ 46 މީޓަރު އަޑީގައި އޮއްވައެވެ. ޑައިވަރުން އޭނާ ނަގައިގެން ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރު އޭނާ އޮތީ މަރުވެފައެވެ.

އެމްއެންޑީއެފުން ވަނީ ދޯނީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައެވެ. އަލިފާން ރޯވުމުގެ ސަބަބުން ދޯންޏަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.