(08 އޯގަސްޓު ގެ އަދަދާ ގުޅޭ)

عَمرو بن معـدى كـرب رضى اللّـه عنــه އަސްމަތީން ފުންމައިލައްވައިފައި އީރާނުގެ އެތަކަށް ޙަމަލަ ދެއްވައިފިއެވެ. އީރާނުގެ ސިފައިންގެ އޮޅިޔެއް އެކަލޭގެފާނާ ދިމާޔަށް އަރައިގަތެވެ. ހަމަ އެނޭވާގައި މުސްލިމުންގެ ގެމައެއް ފާރީސް ތަޅައި ރޯނާކޮށް އެބައިމީހުންގެ ގޮނި ފޫވައްޓައިލުމަށްފަހު عَمرو ގެ އަރިހަށް އެއްވެއްޖެއެވެ. އޭރު عَمرو ގެ ގައިކޮޅުގައިވަނީ އެތައް ޒަޚަމެއް އުފެދިފައެވެ. ނަމަވެސް އެކަލޭގެފާނުގެ ހިތްވަރުފުޅާއި ފަންވަރުފުޅާއި ފޯރިއާއި ޖޯޝަކަށް ކުޑަވެސް ފަރަގެއް ނާދެއެވެ. އެކަލޭގެފާނު އީރާނުގެ އެތައްބަޔަކު ޤަތުލުކުރައްވަމުން ވަޑައިގެންނެވީ ކުރިޔަށެވެ. އީރާނުގެ ސަވާރުންގެ ސަފުތަކާ ހަމަޔަށް ވަޑައިގެންނެވުމުން އެމީހުންވެސް އެކަލޭގެފާނު ވަށައިލަން މަސައްކަތް ކުރިއެވެ. ނަމަވެސް އެކަލޭގެފާނާއި އެކަލޭގެފާނުގެ ބައިވެރީން ކުރިމަތިލައްވާ ކޮންމެ ދިމާޔަކުން މައިދާން ދަނީ ހުސްވަމުންނެވެ. އީރާނުގެ ސަވާރެއް ކުއްލިޔަކަށް އެކަލޭގެފާނާ އެއްހަމަޔަކަށް އަތުވެއްޖެއެވެ. عَمرو އަވަސްއަވަހަށް އެ އަސްވާރުގެ އަހުގެ ނިގުލުގައި ހިފަހައްޓަވައި އަސް މަޑުކޮށްލައްވައިފިއެވެ. އީރާނުގެ އަސްވާރު އެތައްފަހަރަކު އަހުގައި ހަންމުށިއަޅައި އަސް ކުރިޔަށް ގެންދެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެ އަހަކަށް ގުޑައެއް ނުލެވުނެވެ. އީރާނީ ސަވާރު ގަތްބިރުން އަސްމަތީން ފުންމައިލައިގެން ފިލައި ރައްކައުވެއްޖެއެވެ. عَمرو އެއަހަށް ސަވާރުވެވަޑައިގެންފިއެވެ. ފާރިސީންނާއެކު މަރާބާޑި ކުޅުއްވަމުން ވަޑައިގެން އިސްލާމީ ލަޝްކަރާ ގުޅިވަޑައިގެންފިއެވެ.

ފާރިސީންގެ އެތްތަކާއި ފައިމަތީގައި ހަނގުރާމަކުރާ ސިފައިންނާ އެކުގައި ކުރިއަރާން މަސައްކަތް ކުރުމުން ނަތީޖާ ރަނގަޅު ނޫންކަމުގައި ރުސްތުމަށް ފެނިވަޑައިގެންނެވުމުން އެތްތައް ވަކީން ކުރިއަރަން އަމުރުކުރައްވައިފިއެވެ. ފައިމަތީގައި ހަނގުރާމަކުރާ ސިފައިން ފަހަތަށްޖެހިފައި އެތްތައް މިނިވަންކަމާއެކު ކުރިޔަށް ފޮނުވައިފިއެވެ.

އެހައިތަނުން މުސްލިމުންނަށް ކުރިމަތިލާންޖެހުނީ މިހަނގުރާމައިގެ އެންމެ ފުރަތަމަ ދުވަހުވެސް ކުރިމަތިލާންޖެހުނު ޙާލަތާއެވެ. މުސްލިމުންގެ ތީރުތަކާއި ލޮންސިތަކުން ވަރަށްގިނަ އެތްތައް ޒަޚަމުކޮށްލިއެވެ. ނަމަވެސް އެ ހެލިފެލިވާ ފަރުބަދަތައް ފަހަތަށް މޫނު އަނބުރައިލުމުގައި މުސްލިމުންނަކަށް ކާމިޔާބެއް ނުވެއެވެ. ފައިމަތީގައި ހަނގުރާމަކުރާ ސިފައިން ފަހަތަށް ޖެހިލުމަށްފަހު އީރާނީން ވަނީ އެބައިމީހުންގެ ވަރަށް ޚާއްޞަ ދެ އެތެއްވެސް ކުރިޔަށް ނެރެފައެވެ. އޭގެތެރެއިން އެއް އެތަކީ ހުދު އެތެކެވެ. އަނެއް އެތަކީ ކިރުޅި އެތެކެވެ. އެދެ އެތްވަނީ ވެދިޔަތާނގައި އެތައް ހަނގުރާމަތަކެއްގައި ބައިވެރިވެފައެވެ. އެ ދެ އެތުގައި ވަނީ ދަގަނޑު ޗޭނާއެކު ރަނުގެ ޗޭނުވެސް އަޅުވައިފައެވެ. އެތްތަކުގެ މުޅި ފާޖު ތަބާވަނީ އެ ދެ އެތާއެވެ. سعـد بـن أبى وقّـاص رضى اللّـه عنــه އިންނެވީ ޤުދައިސުގެ މަޙައްލުން އެހިތާމަވެރި މަންޒަރު ބައްލަވާށެވެ. سعـد ގެފާނު އަސަދުވަންހައާއި ތަމީމުވަންހައިގެ ފަހުލަވާނުންނަށް ޚަބަރު ފޮނުއްވިއެވެ. ތިޔަބައިމީހުން މި ދެ އެތް މައިދާނުން ނެރޭން މަސައްކަތް ކުރާށެވެ.

އެހެންކަމުން ބަނޫތަމީމުގެ ލަޝްކަރުން عاصم بــن عمـرو އާއި قــعقـاع بــن عَمرو (رضى اللّـه عنــهما) ކުރިޔަށް ނުކުމެވަޑައިގެންފިއެވެ. އަސްމަތީން ފުންމައިލެއްވުމަށްފަހު ލޮންސިކޮޅު ހިއްޕަވައިގެން ހުދުކުލައިގެ އެތައް ޙަމަލަ ދެއްވައިފިއެވެ. ދެބޭކަލުންގެ ދެ ލޮންސިކޮޅު އެއްފަހަރާ އެތުގެ ދެލޮލަށް ކޮށްޕައިލައްވައިފިއެވެ. އެތް ރުޅިއައިސްގެން އެތްގޮވިކަލޭގެ ބުރަކަށިމަތީން ވައްޓައިލައި ފައިދޮށުލައި ޗިސްކޮށްލުމަށްފަހު ބާރަށް ހޭރެމުން ހޮނޑު އަނބުރަމުން ކޮޅުކޮޅަށް ދުވާންފަށައިފިއެވެ. قــعقـاع بــن عَمرو اللّـه أكبــر ގެ ނަޢުރާ ކުރައްވަމުން ކުރިޔަށް އަރައިވަޑައިގެން އެތުގެ ނޭފަތްމަތީން އެސޮރުގެ ހޮނޑު ބުރިކޮށްލައްވައިފިއެވެ. ކިރުޅި އެތައް ޙަމަލަދެއްވީ އަސަދުވަންހައިގެ ޒުވާން ދެ ފަހުލަވާނުންނެވެ. صحـال އާއި زبيــل އާ ދެބޭކަލުންނެވެ. އެދެބޭކަލުންވެސް އެ އެތުގެ ދެލޯ ފަޅުއްވައިލައްވައި ހޮނޑު ބުރިކޮށްލައްވައި އެސޮރު ފަހަތަށް މޫނު އަނބުރައިލައްވައިފިއެވެ. އެ ދެއެތްވެސް އެސޮރުމެންގެ އެތްގޮވީންގެ ކިބައިން މިނިވަންވެގެން މައިދާނުގެ ތެރޭގައި ބާރުބާރަށް ދެކޮޅަށް ދުވާންފަށައިފިއެވެ. ހުރިހައި އެތްތައް އެސޮރުމެންނަށް ތަބާވެއެވެ.

އެތްތައް ބައެއްފަހަރަށް ފާރިސީންގެ ލަޝްކަރު ތެރެއަށް ވަދެއެވެ. ބައެއްފަހަރަށް މުސްލިމުންގެ ލަޝްކަރުގެ ތެރެޔަށް ވަދެއެވެ. ސަފުތައް މުގުރައެވެ. އިރުކޮޅެއްގެފަހުން ކިރުޅި އެތް އެނބުރިލައިފައި އީރާނުގެ ސަފުތައް މުގުރަމުން ކޯރާ ދިމާއަށް ދުވެފައިގޮސް ކޯރަށް ފުންމައިލައިގެން އަނެއްފަރާތަށް އަރައިފިއެވެ. އެހެން އެތްތައްވެސް އީރާނީ ލަޝްކަރުގެ ސަފުތައް ސުންނާފަތި ކުރަމުންގޮސް ކޯރަށް ފުންމައިލައިގެން އަނެއްފަރާތަށް ހިނގައްޖެއެވެ. އީރާނީން އެތްތައް އަނބުރައި ގެންނާންކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. އެތްތަކުގެ މުސީބާތުން ސަލާމަތްވުމާއެކު މުސްލިމު އަސްވާރުން މައިދާނުގައި ކޮޅުކޮޅުމައްޗަށް އުދުހޭން ފަށައިފިއެވެ. ހުރިހައި ދިމާޔަކުންވެސް ނުހަނު ޖޯޝާއި ފޯރިޔާއެކު ޙަމަލަދޭން ފަށައިފިއެވެ.

މުސްލިމުންގެ މެދުކެނޑުމެއްނެތް ޙަމަލަތަކުގެ ސަބަބުން އީރާނުގެ ކުރީސަފުތައްވަނީ ރޫޅިފައެވެ. ނަމަވެސް އެބައިމީހުންނަށް އެހީވާން މަދާއިނުންވަނީ އައު ސިފައިން އައިސްފައެވެ. ރުސްތުމު ގެންދެވީ އެ ސިފައިން ބޭނުންކުރައްވައިގެން ލަޝްކަރުގެ ހުސްތަން ފުރައިލައްވަމުންނެވެ. ފާރިސީން އަލުން ފައިތިލަ ސާބިތުކޮށްގެން ހަނގުރާމަކުރަން ފަށައިފައެވެ.

ހުއްޓައިނުލައި ތިންދުވަސް ވަންދެން އަރާމެއްނެތި ހަނގުރާމަކުރުމުގެ ސަބަބުން ދެފަރާތުގެ ސިފައިންގެވެސް އަތްތައް ވަނީ ވާޅުވެފައެވެ. ސިފައިން ތިބީ ވަރުބަލިވެފައެވެ. ބުންވަރު އެލިފައެވެ. އެބައިމީހުންގެ އަސްތައްވެސް ވަނީ ވަރުބަލިވެފައެވެ. އެހެންކަމާއެކުވެސް ހަނގުރާމަ ނިންމުން މާދަމަޔަށް ލަސްކޮށްލާކަށެއް ދެބައިމީހުންކުރެ އެއްބަޔަކުވެސް ބޭނުމެއް ނުވެއެވެ.

އީރާނުގެ ލަޝްކަރުގެ ދެފަރާތުގެ އަރިމައްޗާއި މެދުތެރޭގެ ސަފުތައް ރޫޅި ހާވިޔާވާން ފަށައިފިއެވެ. ނަމަވެސް އެބައިމީހުންގެ ލަޝްކަރުގެ މެދުތެރެ އޮތީ މުސްލިމުންގެ ޙަމަލަތަކުން ސަލާމަތްވެފައެވެ. މެދުތެރޭގައި ރުސްތުމުގެ ތަޚުތުގެ ދެފަރާތުގައި ސަފުހަދައިގެން ތިރީސްހާސް ސިފައިން ތިއްބެވެ. އެއީ އީރާނުގެ ބިޔަ ލަޝްކަރުގެ ތެރެއިން ހޮވައިލެވިފައިވާ ތިރީސްހާސް ސިފައިންނެވެ. މުސްލިމުންގެ ޠޫފާނީ ޙަމަލައިގެ ރާޅުތައް އެހިސާބަށް ފޯރާއިރު ހިނދި ހިމޭންވެދެއެވެ.

ދުވާލުގެ އިރު ހިރަފުހުގެ ވިލާތަކުގެ ތެރެއިން ބޯދީބަލަމުން ހުޅަނގުފަރާތަށްގޮސް އުދަރެހާ ނިވާވެއްޖެއެވެ. ރޭގަނޑުގެ އަނދިރިކަން ފިޔަދަމައިލައިފިއެވެ. ދެފަރާތުގެ ލަޝްކަރު އެއްބަޔަކު އަނެއްބަޔަކާ ވަކިވެ ފަހަތަށްޖެހޭން ފަށައިފިއެވެ. ޤާދިސިއްޔާގެ މައިދާން މަޑުމަޑުން ހިމޭންވެއްޖެއެވެ. ނަމަވެސް އެއީ ވަގުތީ ހިމޭންކަމެކެވެ. އެއީ އަންނަންއުޅޭ ޠޫފާނީ ވިލާގަނޑެއްގެ ބަނޑަށްދެމުމެވެ. ދެފަރާތުގެ ވަރުބަލިވެފައިތިބި ސިފައިންނަށްވެސް ކުރީ ދުވަސްދުވަހަށްވުރެ މާދަމާގެ ހަނގުރާމަ ވަރުގަދަވާނެކަން އިޙުސާސްވެއެވެ. ކޮންމެބަޔަކުވެސް އެބައެއްގެ ސަފުތައް އަލުން ރުކުރުވައިލައިފިއެވެ. މައިދާނުން ފަހަތަކަށް ނުޖެހުނެވެ. އީރާނީންގެ އެދުމަކީ މުސްލިމުން އެންމެފުރަތަމަ މުޢަސްކަރަށް އެނބުރި ދިޔުމެވެ. މުސްލިމުން އިންތިޒާރުކުރީ އީރާނީން އެނބުރި މުޢަސްކަރަށް ދާނެ ވަގުތަކަށެވެ.

ނަމަވެސް ފަތަޙައާއި ނަޞްރުގެ ވެރި މާތް اللّـه سبحانه وتعالى ވަނީ މުސްލިމުންނަށް އެކަލާނގެ ރަޙުމަތްވަންތަކަމުގެ ދޮރުކޮޅު ހުޅުއްވައިދެއްވައިފައެވެ. މުސްލިމުންނަށްޓަކައި ޤުރުބާންވެވަޑައިގަންނަވާ ބައެއް ޣާޒީންގެ އަވަސްއަރައި ވަޑައިގެންނެވުމުގެ ސަބަބުން ދެފަރާތުގެ ލަޝްކަރު އާފޯރިޔަކާއި ޖޯޝަކާއެކު އަލުން ކަނޑިޔާއި ކަނޑިއަޅަން ޙާލަތު ލާޒިމުކޮށްފިއެވެ.

ފާރިސީންނަށް އެހީވާން މެދުކެނޑުމެއްނެތި މަދާއިނުން ސިފައިން އަންނަމުންދާކަން سعـد بـن أبى وقّـاص رضى اللّـه عنــه އަށް ވަނީ އެނގިވަޑައިގެންފައެވެ. އެހެންކަމުން އެކަލޭގެފާނުވަނީ އެރޭގެ ނާޒުކުކަމަށް ވިސްނައިވަޑައިގެން އިސްލާމީ ލަޝްކަރުގެ ފުރަގަސް ޙިމާޔަތްކުރައްވަން ފިޔަވަޅު އަޅުއްވައިފިއެވެ. عَمرو بن معـدى كـرب އާއި طليحة بـن خـويـلد (رضى اللّـه عنــهما) ގެ ވެރިކަމުގެ ދަށުގައި ލަޝްކަރުގެ ދެ ގެމަ ވަނީ މުޢަސްކަރާ ދުރަށް ކޯރުގެ އައްސޭރިޔަށް ފޮނުއްވައިފައެވެ. އެއީ ދުޝްމިނުންނަށް ކޯރު ހުރަސްކޮށް އިސްލާމީ ލަޝްކަރުގެ ފަހަތުން ޙަމަލަދެވޭންއޮތް ދިމާއެވެ. އިސްލާމީ ލަޝްކަރުގެ ބާކީތިބި ސިފައިންނަށް އަންގަވައިފައިވަނީ އެކަލޭގެފާނު ތިންވަނަ ތަކުބީރު ވިދާޅުވަންދެން އިންތިޒާރު ކުރުމަށެވެ.

طليحة އާއި عَمرو އާ ދެބޭކަލުން ކޯރުގެ އައްސޭރިޔަށް ވަޑައިގެންނެވިއިރު އެއިން އެއްވެސް ހިސާބެއްގައި ފާރިސީންގެ ހިލަމެއް ނެތެވެ. ލަޝްކަރުގެ އަމީރު އަންގަވައިފައިއޮތީ އެރޭ އިރުއެރުމާ ހަމަޔަށް ކޯރުގެ ކޮލުގެ ފޯރިޔަށް ތިއްބެވުމަށެވެ. ނަމަވެސް طليحة ގެ ޣީރަތާއި ކެރިވަޑައިގަތުން ހުރިހާ މަޞްލަޙަތުތަކެއްގެ މައްޗަށް ވެރިވެގެންފިއެވެ. އެކަލޭގެފާނުގެ ފަހުލަވާނުންނާއިގެން ކޯރު ހުރަސްކުރައްވައިފައި އީރާނުގެ މުޢަސްކަރުގެ ފަހަތަށް ވަޑައިގެންފިއެވެ. ރުސްތުމުގެ ރިޒާވް ލަޝްކަރަށް ޙަމަލަދެއްވައިފިއެވެ. عَمرو بن معـدى كـرب އަށް އެކަލޭގެފާނުގެ އެކުވެރީންގެ ތަކުބީރުގެ އަޑު އިވިވަޑައިގެންނެވުމާއެކު އެކަލޭގެފާނުވެސް އީރާނީ ސިފައިންނާ ޙަމަލަދެއްވައިފިއެވެ. އެމީހުން ތިބީ ކޯރުގެ ކޮލާ ތަންކޮޅެއް ދުރުގައި ވަރުބަލިފިލުވައިލަން މަޑުކޮށްގެންނެވެ. ނަތީޖާއެއްގެގޮތުން ކޯރުގެ ދެފަރާތުގައިވެސް އީރާނީ ލަޝްކަރު ހަރަކާތްތެރިވާން ފަށައިފިއެވެ. އީރާނީ ލަޝްކަރުގެ ކުރީސަފުން ހަޅޭފަޅޭކުގެ އަޑާއެކު އެބައިމީހުންގެ ފަހަތުން اللّـه أكبــر ގެ ނަޢުރާގެ އަޑު އިވިވަޑައިގަތުމުން قــعقـاع بــن عَمرو رضى اللّـه عنــه އަށް ހީފުޅުވީ ދުޝްމިނުން طليحة އާއި عَمرو އާ ދެބޭކަލުންގެ ދެލަޝްކަރު ވަށައިލި ކަމުގައެވެ. އެކަލޭގެފާނު ލަޝްކަރުގެ އަމީރުގެ ތަކުބީރު އަޑުއިވިވަޑައިގަންނަވާތޯ އިރުކޮޅަކު އިންތިޒާރު ކުރެއްވިއެވެ. ނަމަވެސް އީރާނު ސިފައިންގެ ދުނީގެ ވާރޭ އަންނާން ފެށުމުން ތަމީމުވަންހައިގެ ފަހުލަވާނުންނަށް ކުރިޔަށްއަރާން އަމުރު ކުރައްވައިފިއެވެ. އެތަންފެނުމާއެކު އިސްލާމީ މުޅި ލަޝްކަރު ހަރަކާތްތެރި ވެއްޖެއެވެ.

سعـد بـن أبى وقّـاص رضى اللّـه عنــه އަށް ކަންވީގޮތް އެނގިވަޑައިގެންނެވުމާއެކު ވަގުތުން ވަޑައިގެންނެވީ ސަޖިދަޔަށެވެ. އެކަލޭގެފާނު ދުޢާކުރެއްވިއެވެ. "يـا اللّـه އެވެ! قــعقـاع އަށް އަފޫކުރައްވާނދޭވެ! އޭނާޔަށް ނަޞްރު ދެއްވާނދޭވެ!"

ޤަދީސިއްޔާގެ މައިދާނުން ހިރަފުހާއި އަނދިރިކަމުގެ ބޯފަރުދާގެ ތެރެއިން އިވެމުންދިޔައީ އަސްތައް ކަޑަބޮއްޖަހާ އަޑާއި ކަނޑިތައް ކޭއްތޭ އަޑާއި ތީރުތައް ވައިކަފާ އަޑެވެ. ފަހުލަވާނުންގެ ނަޢުރާގެ އަޑާއި ޒަޚަމީންގެ ރުއިމުގެ އަޑެވެ. މުސްލިމް ޣާޒީން ހިނދުންހިނދަށް ގެންދެވީ ހަނގުރާމަ އިތުރަށް ވަރުގަދަކުރައްވަމުންނެވެ. އިތުރު ޖޯޝާއި ފޯރިޔާއެކު ކުރިޔަށް އަރައިވަޑައިގަންނަވަމުންނެވެ. ކިސްރާގެ ތާޖާއި ތަޚުތުގެ ފާރަވެރީންގެ ހިތްތަކުގައި އާލާވަމުންއައީ ހަނގުރާމައިން ބަލިވަމުންދާކަމުގެ އިޙުސާސާއި މަރުދެކެ ގަންނަ ބިރެވެ. އެބައިމީހުން އައީ ދާއިރާ ހަނިކުރަމުން ރުސްތުމުގެ ވަށައިގެން ލައިފައިވާ އިންސާނީ ފާރު ހައްތާ ބޯކުރަމުންނެވެ.

މުސްލިމުންގެ ކުޅަދާނަ އަސްވާރުން ބައެއްފަހަރު ކަނާތްފަރާތުން އަނެއްބައިފަހަރު ވާތްފަރާތުން އެފާރަށް ޙަމަލަދެމުން ގެންދިޔައެވެ. ނަމަވެސް އެއިންސާނީ ޙިޞާރު ފޫދުއްވައިލެއްވުމުގައި ކާމިޔާބެއް ނުހޯދެއެވެ. މުސްލިމުން އަސްމަތީން ފުންމައިލައި ދުޝްމިނުންގެ ސަފުތަކުގެ ތެރެޔަށް ވަދެ ދުޝްމިނުންނާ ސީދާ ކުރިމަތިލައިގެން ހަނގުރާމަކުރާން ފަށައިފިއެވެ.

سعـد بـن أبى وقّـاص رضى اللّـه عنــه އަށް ރޭގަނޑުގެ ކަނު އަނދިރިކަމުގެ ތެރޭގައި ހިރަފުހުގެ ބޯވިލާތަކުގެ ބިއްދޮށުގައި ހިނގަމުންދާ ކަންތައްތަކެއް އެނގިވަޑައެއް ނުގަންނަވައެވެ. އެކަލޭގެފާނު އޮންނެވީ ފަތަޙައާއި ނަޞްރުގެ ވެރި اللّـه سبحانه وتعالى ގެ ޙަޟުރަތަށް ސަޖިދައިގައެވެ. އެކަލޭގެފާނުގެ ދޫފުޅުން ތަކުރާރުކުރައްވަމުން ގެންދެވީ އިސްލާމީ ލަޝްކަރަށް ފަތަޙަ ދެއްވުން އެދިވަޑައިގެން އަރަހުށި މާތް اللّـه ގެ ޙަޟުރަތަށް ކުރައްވާ ދުޢާފުޅެވެ.

ޤާދިސިއްޔާގެ މައިދާނަށް ހެނދުނުގެ އަލިކަން ފެތުރޭން ފެށިތަނާ އެކަލޭގެފާނަށް އިވިވަޑައިގެންނެވީ قــعقـاع بــن عَمرو رضى اللّـه عنــه އިސްލާމީ ލަޝްކަރަށް ގޮވައިލެއްވި އަޑެވެ. "މުޖާހިދުންނޭވެ! ފަތަޙައާއި ނަޞްރުގެ ޙައްޤުވެރީން ކަމުގައިވާނީ އެންމެ ފަހުވަގުތާ ހަމައަށްވެސް ސާބިތުކަންމަތީގައި ދެމިތިބި ބަޔެކެވެ. ތިޔަބައިމީހުންގެ ސަފުތައް ރަނގަޅުކޮށް ސީދާކޮށްލާށެވެ. ޙަމަލަޔަށް ތައްޔާރުވާށެވެ!"

سعـد بـن أبى وقّـاص رضى اللّـه عنــه ސަޖިދައިން އިސްތަށިފުޅު އުފުއްލައިލައްވައި މައިދާނާ ދިމާޔަށް ބައްލަވައިލައްވައިފިއެވެ. ރޭގަނޑުގެ ހުރިހައި މަރައިބާޑީއެއްވަނީ ނިމިފައެވެ. ހިރަފުސްވަނީ އޮބިފައެވެ. އިސްލާމީ ޣާޒީން އައު ޙަމަލަޔަކަށް ތައްޔާރުވަނީއެވެ. އަލުން ސަފުތައް ރުކުރުވަނީއެވެ. ލަޝްކަރުގެ ޖަނަރަލުން ބާރުހުރި ތަޤްރީރުތަކާއި ހިތްތައް ކައްކުވައިލާފަދަ ޅެންތަކުން އެބޭކަލުންގެ ގެމަތަކަށް ހިތްވަރާއި ފޯރި ދެއްވަނީއެވެ. އިސްލާމީ ތާރީޚުގައި ލައިލަތުއްހަރީރުގެ1 ނަމުން ނަންދީފައިވާ ނާމާންރޭވަނީ ފަތިހަކަށް އަލިވިލިފައެވެ. ލައިލަތުލްހަރީރާ ބެހޭގޮތުން بشـر بـن ربيـعـة ގެ މަޝްހޫރު ޅެންތަކުގެ ތެރެއިން ބައިތެއްގެ މަފްހޫމުގައިވެއެވެ. "اللّـه ތިބާއަށް ހެޔޮކަން ދެއްވާށިއެވެ. ޤުދައިސުގެ ދޮރުމަތީގައި އަހަރެމެންގެ ކަނޑީގެ ތޫނުކަން ހަނދާންކުރާށެވެ. އެއީ ދުޝްމިނުންގެ ބައިބޯކަމުގެ ސަބަބުން އަހަރެމެންނަށް އެނބުރިލެވޭންވެސް ނެތް ރެއެވެ. އެރެޔަކީ ދޫނިތަކުގެ ވަރަ އަނބުރައި ދައްކަން ލިބޭނެނަމަ އަހަރެމެން އުދުހެން އެދޭނެ ރެއެކެވެ."

ފަތިހުގެ އަލިކަންވަނީ ފާޅުވެފައެވެ. އެފަތިހުގެ އަލިކަމަކީ އެއަލިކަމުގެ ތެރޭގައި މުސްލިމުންގެ ލަޝްކަރަށް މާތް اللّـه ގެ ނަޞްރު ބާވައިލެއްވުމުގެ މުޢުޖިޒާ ދެއްކެވުން މިންވަރުކުރެއްވިގެންވާ ފަތިހެވެ.

އިރުއަރައި އެއްގަޑިއިރުވީތަނާ އަލުން ހަނގުރާމަ ފެށިއްޖެއެވެ. އިސްލާމީ ލަޝްކަރުވަނީ އީރާނުގެ ލަޝްކަރުގެ ކަނާތްފަރާތާއި ވާތްފަރާތުގެ ސަފުތަކާއި އިސްލަޝްކަރުގެ ސަފުތައް ރޫޅައިލުމަށްފަހު މެދުތެރެޔަށް ވާސިލުވެފައެވެ. އީރާނުގެ ލަޝްކަރުގެ މެދުތެރޭގައި ބޮލުން ފެށިގެން ނީވާބޮނޑިޔާ ހަމަޔަށް ދަގަނޑުން ފޮރުވިގެންތިބި ތިރީސްހާސް ސިފައިންނަކީ އީރާނީން އެބައިމީހުންގެ ފަތަޙައިގެ އެންމެފަހުގެ ޖާމިނުންކަމުގައި ދެކޭ މީހުންނެވެ. މުސްލިމުން އެބައިމީހުނާ ހަމަދޭވިގެންތިބެ ސީދާސީދާ ޙަމަލަ ބަދަލުކުރަން ފަށައިފިއެވެ.

ރުސްތުމު އިންނެވީ ކޯރުގެ އައްސޭރީގައި އޭނާގެ ތަޚުތުގައެވެ. އޭނާ އޭނާގެ ކޮމާންޑަރުންނަށް އިރުޝާދު ދެއްވަމުން ގެންދަވަނީއެވެ.

قــعقـاع بــن عَمرو رضى اللّـه عنــه ބާރު އަޑުފުޅުން އިސްލާމީ ސިފައިންނަށް ގޮވައިލެއްވިއެވެ. "މުޖާހިދުންނޭވެ! ރުސްތުމާ ޙަމަލަދޭށެވެ." ކޮންމެ ގެމައެއްގެ ވެރިޔެއް އެބޭކަލެއްގެ ގެމަޔަށް އެ އަމުރު ރައްދުކުރައްވައިފިއެވެ. ރުސްތުމު އިންނެވި ދިމާޔަށް މުސްލިމުން ހުޖޫމުކޮށްފިއެވެ. ނަތީޖާއެއްގެގޮތުން އީރާނުގެ ސަފުތައް ދޯހަޅިވާން ފަށައިފިއެވެ.

މުސްލިމުންގެ ހިތްވަރުގަދަ ޖަމާޢަތެއް ރުސްތުމުގެ ހަށިފާރަވެރީންގެ ސަފުތައް ފަޅައިލައިފައި އޭނާގެ އަރިހަށް ކައިރިވެލައިފިއެވެ. ހަމައެވަގުތު ދެކުނުފަރާތުން ވަރަށް ވަރުގަދަ ޠޫފާނީ ވައިރޯޅިތަކެއް އަންނާން ފަށައިފިއެވެ. ރުސްތުމުގެ ފޭލިގެއާއި އޭނާގެ ތަޚުތުގެ މަތީގައި ހުންނަ ރަން ސަދުވާ ވަޔާއެކު ގެންގޮސް ކޯރަށް އެއްލައިލައިފިއެވެ. އެވައިގެ ޠޫފާނާމެދު މުސްލިމުން ދުށީ މުސްލިމުންނަށް ލިބުނު ޣައިބުގެ ތާއީދެއް ކަމުގައެވެ. މުސްލިމުން اللّـه أكبــر ގެ ނަޢުރާކުރަމުން ރުސްތުމުގެ ތަޚުތާ ކައިރިކޮށްލިއެވެ. އީރާނުގެ ސިފައިންތައް ހާވިޔާވާން ފަށައިފިއެވެ. ރުސްތުމު ތަޚުތުން ފައިބައިވަޑައިގެން އިރުކޮޅެއްވަންދެން ހަނގުރާމަ ކުރެއްވިއެވެ. އޭނާ ވަރަށްބޮޑަށް ޒަޚަމުވެވަޑައިގަތުމުން ދުވެވަޑައިގެންފައި ފިއްލަވަން ވަޑައިގެންފިއެވެ. އޭނާ މުސްލިމުންގެ ނަޒަރުން ނެއްޓިވަޑައިގެން ވަޑައިގެން ބޮނދައިވަޑައިގަތީ އީރާނުގެ ލަޝްކަރުގެ ޚަޒާނާ އަރުވައިފައިވާ ބަޣަލްތަކުގެ ފަހަތުގައެވެ. އޭނާއަށް ނޭވާފުޅު ހަމަޖައްސައި ނުލެއްވެނީސް މުސްލިމް މުޖާހިދެއް ކަމުގައިވާ بـلال بــن علقمـة އަށް އެދިމާޔަށް ވަޑައިގެންނެވިއްޖެއެވެ. ރުސްތުމަށް އެކަލޭގެފާނު ފެނިވަޑައިގެންނެވުމުން ބަޣަލެއްގެ ބަނޑުދަށަށް ތިރިވެވަޑައިގެންފިއެވެ. بـلال ވަޑައިގެން އެ ބަޣަލުގެ ބުރިކަށިމަތީގައިހުރި ގޯނިތައް ހައްޔަރުކޮށްފައިހުރި ވާތައް ކޮއްޓަވައިލައްވައިފިއެވެ. ބަޣަލުގެ ބުރަކަށިމަތީގައިހުރި ގޯނިތައް ފައިބައިގަތީ ރުސްތުމުގެ ބުރަކަށިފުޅު މައްޗަށެވެ. އޭނާ އެތަނުން ތެދުވެވަޑައިގެން ދުވެވަޑައިގެންފައި ވަޑައިގެން ކޯރަށް ފުންމައިލައްވައިފިއެވެ. بـلال بــن علقمـة އަށް ވަނީ ރުސްތުމު ފާހަގަކުރެއްވިފައެވެ. އެހެންކަމުން އެކަލޭގެފާނުވެސް ރުސްތުމުގެ ފަހަތްޕުޅުން ކޯރަށް ފުންމައިލައްވައިފިއެވެ. ރުސްތުމުގެ ފައިންޕުޅުގައި ހިއްޕަވައި ދަންމަވައި އެއްގަމަށް އެރުއްވުމަށްފަހު ކަނޑިއެތިފަހަރަކުން އޭނާ ޤަތުލުކޮށްލައްވައިފިއެވެ. އެއަށްފަހު ރުސްތުމުގެ ރަން ތަޚުތަށް އަރައިވަޑައިގެން ހަޅޭފުޅުލައްވަވާން ފައްޓަވައިފިއެވެ. "ކަޢުބާގެ ވެރި ރަސްކަލާނގެ ރަސްކަންފުޅު ގަންދެމެވެ. އަހަރެން އީރާނުގެ ކޮމާންޑަރ އިން ޗީފް ޤަތުލުކޮށްފީމެވެ." ޖަވާބުގައި اللّـه أكبــر ގެ ނަޢުރާގެ އަޑު އުފުލޭން ފަށައިފިއެވެ. ބަސްބުނާހައި އިރުކޮޅެއްގެ ތެރޭގައި ރުސްތުމު ޤަތުލުވި ޚަބަރު މައިދާނުގެ އެއްކޮޅުން އަނެއްކޮޅަށް ފެތުރިއްޖެއެވެ. އެއާއެކު އީރާނީ ލަޝްކަރު ފިލަން ދުއްވައިގެންފިއެވެ.

(ނުނިމޭ)