ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އައިޝަތު ސާމިޔާ ހަމަޖައްސައިފި އެވެ.
ސާމިޔާ އަކީ 2017 ވަނަ އަހަރު ކެނެޑާގެ ޑަލްހައުސީ ޔުނިވަސިޓީން މާސްޓާ އޮފް ހެލްތު ސާވިސަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވައިފައިވާ އަދި ފަހުން އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީން ބެޗްލާސް އޮފް ހެލްތު އިންފޮމޭޝަން މެނޭޖްމަންޓް ފުރިހަމަކުރައްވައިފައިވާ ބޭފުޅެއް ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.
ސިއްހީ ދާއިރާގެ ކަންކަމުގައި 21 އަހަރު އުޅުއްވާފައިވާ ސާމިޔާ މި ދާއިރާގައި އެންމެ ފުރަތަމަ އޭނާ އަދާކުރެއްވީ އައިޖީއެމްއެޗުގެ ޕަބްލިކް ރިލޭޝަންސް އޮފިސަރުގެ މަގާމެވެ.
އެއަށްފަހު އައިޖީއެމްއެޗާއި ހެލްތު މިނިސްޓްރީގެ އެކި ޑިޕާޓްމަންޓްތަކުގެ ސީނިއާ މަގާމުތައް ފުރުއްވާފައިވެ އެވެ. އެގޮތުން ހެލްތު މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސްގެ އެސިސްޓެންޓް ޑިރެކްޓަރު ކަމާއި 2010 ވަނަ އަހަރުން ފެށިގެން ނެޝަނަލް ހެލްތު ރިސާޗް ކޮމިޓީ އަދި ނެޝަނަލް ހެލްތު ކައުންސިލުގެ މެންބަރެއްގެ މަސްއޫލިއްޔަތުތައް ވެސް އަދާކުރައްވައިފައި ވެއެވެ.
ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އައްޔަންކުރުމާ ހަމައަށް ސާމިޔާ ހުންނެވީ އެ މިނިސްޓްރީގެ ޕޮލިސީ އަދި އިންޓަނޭޝަނަލް ހެލްތު ސެކްޝަންގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގަ އެވެ.
ސިއްހީ ދާއިރާގެ މަސްއޫލިއްޔަތުތަކުގެ އިތުރުން ސާމިޔާއަކީ ޕްރޮފެޝަނަލް ޔޯގާ އިންސްޓްރަކްޓަރެއް އަދި ވިލާ ކޮލެޖުގެ މާސްޓާސް އޮފް ޕަބްލިކް ހެލްތުގެ ޕާޓް ޓައިމް ލެކްޗަރާއެކެވެ.
ހެލްތު މިނިސްޓްރީއަށް އާ ޕާމަނަންޓް ސެކްރެޓަރީއަކު އައްޔަނުކޮށްފައި މިވަނީ އެ މަގާމު ހުސްކޮށް އޮންނަތާ ފަސްް ވަރަކަށް މަސް ދުވަސް ފަހުންނެވެ.
އެ މަގާމުގައި އެންމެ ފަހުން ހުންނެވީ ހަދީޖާ އަބްދުއްސަމަދު އަބްދުﷲ އެވެ. ފެބްރުއަރީ 25، 2015 ވަނަ އަހަރު އެ މަގާމަށް އައްޔަން ކުރި ހަދީޖާ އެ މަގާމުން ވަކިކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެއީ 2019 ވަނަ އަހަރުގެ ތެރޭގައި އޭނާއާ ގުޅޭގޮތުން ހުށަހެޅި މައްސަލަތަކެއް ބެލުމަށްފަހު އެވެ.
މިނިސްޓްރީ އޮފް ހެލްތް
މިނިސްޓްރީ އޮފް ހެލްތް
މިނިސްޓްރީ އޮފް ހެލްތް