ރާއްޖެއަކީ ތަނަވަސް ތާރީހެއް އޮތް ގައުމެކެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ސަތޭކަ އެތަކެއް ރަށެއް އޮތް އިރު، އޭގެ ތެރެއިން ބައެއް ރަށްރަށަކީ ގިނަ ބަޔަކަށް މަޝްހޫރު ރަށްރަށެވެ. އެއީ އެރަށާއި ގުޅުވައިގެން ފެތުރިފައި ހުންނަ ބައެއް ވާހަކަތަކާއި، އެރަށްރަށުގައި ހިނގާފައިވާ ބައެއް ހާދިސާތަކުންނެވެ. ފަހަރުގައި އެވާހަކަތަކުގައި އެއްވެސް އަސާސެއް އެކުލެވިފައި ނެތަސް އެވާހަކަތައް ތުންތުން މަތިން ފެތުރިފައިވުކީވެސް އެވާހަކަތަކާއި ހާދިސާތަކަށް ފަނޑުކަމެއް އަޔަ ނުދޭ ކަންކަމެކެވެ. އެގޮތުން ރާއްޖޭގެ އެތައް ރަށެއްގައި "ތޯތޯ" ނުވަތަ "ފްލޯކް" ވާހަކަތައް ފެތުރިފައި އެބަހުއްޓެވެ.

"ތޯތޯ" ގިނަ ވާހަކަތަކަކީ ކުރީ ޒަމާނުގައި ހިނގާފައިވާ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ތުންތުން މަތިން ފެތުރެމުން އަންނަ ވާހަކަތަކެވެ. "ތޯތޯ" ބައެއް ވާހަކަތައް އެކަން ހިނގި ގޮތާއި އެއްގޮތަށް ދައްކަމުން އަންނައިރު އަނެއް ވާހަކަތައް ދައްކަމުން އަންނަނީ އެކަން ހިނގައިދިޔަ ގޮތާއި ދިމާ އިދިކޮޅަށެވެ. ޖުމުލަ 26 އަތޮޅެއްގެ މައްޗަށް މި ނަލަނަލަ ޖަޒީރާ ބަހައިލެވޭއިރު ކޮޅުމަޑުލަކީވެސް ފްލޯކް ވާހަކަތައް ގިނަ އަތޮޅެކެވެ. ކަނޑޫދޫ މީހުން ކަކޮޅަހުގައި ވާ ޖެހި ވާހަކައަކީ އެންމެން ދަންނަ ވާހަކައެކެވެ. ހަމަ އެގޮތަށް އެ އަތޮޅު ވިލުފުށީ މީހުން މަޝްހޫރުވެފައިވަނީ އަނދިރި ހިއްކި މީހުންގެ ގޮތުގައެވެ.

ވިލުފުށީ މީހުން އަނދިރި ހިއްކި ވާހަކައަކީ ހަގީގަތެއްކަމާމެދު މިއަދު އެތައް ބަޔަކު ސުވާލު އުފައްދައެވެ. ފަހަރުގައި އެއީ ތެދަކަށްވި ނަމަވެސް އެކަން ހިނގައިދިޔަ ގޮތުގެ ވާހަކަ މިއަދު ވަނީ ވަރަށް ބޮޑަށް ބަދަލު ކުރެވިފައި ކަމަށް އެރަށުގެ ބައެއް މީހުން ގަބޫލު ކުރެއެވެ.

ރާއްޖޭގެ ގިނަ ބަޔަކު މިއަދުވެސް މި ވާހަކަ ދައްކަމުން އަންނަ އިރު މިއީ އެކަމުގައި ހަގީގަތެއް އެކުލެވިގެންވާ ކަމެއް ކަމާ މެދު މިއަދު ވަނީ ސުވާލު އުފެދިފައެވެ. އެކަން ހިނގައި ދިޔަ ގޮތްވެސް މިއަދު މިވަނީ އޮޅުން އަރައިފައެވެ.

އަނދިރި ހިއްކި ވާހަކަ "ވަން"އަށް ކިޔައިދެމުން ވިލުފުށީ އުމުރުން ދުވަސްވީ މީހަކު ބުނީ އެރަށުގެ މީހުން އަނދިރި ހިއްކިއޭ ކިޔައި އުޅުނީ އެއިރު މިސްކިތުގެ މުދިން ކަލޭގެފާނު އިޝާ ނަމާދު ކުރުމަށް އެއް ރެއެއްގައި މިސްކިތަށް ދިޔަ އިރު މިސްކިތުގައި ދިއްލާފައި ހުރި ބައްތި ނިވިފައި ވުމުން މިސްކިތަށް އަނދިރި ވެރިވީ ކަމަށް ހީކޮށް ރަށުގެ ރައްޔިތުން އެއްކޮށް ޑަބިޔަލުގައި ދަނޑި އައްސައިގެން އިރު އަރަންދެން މިސްކިތުން އަނދިރި ހިއްކުމުން ކަމަށެވެ.

"ބޭބެ މެންނަށް ތުންތުން މަތިން އަޑުއިވިފައިވާ ގޮތުން ނަމަ އަނދިރި ހިއްކިއޭ މިކިޔަނީ އެއްދުވަހެއްގައި މުދިންބޭ ފަތިސް ނަމާދަށް ދިޔައިރު މިސްކިތުގަައި ހުރި ބައްތި މިއޮތީ ނިވިފައި. އެއިރު ހުންނާނީ ފުޅި ބައްތި. ދެން ވަރަށް އަނދިރުކޮށް އޮންނާނީ. އެހެންވެ މުދިންބެ މިބުނަނީ ހިނގާށޭ އަނދިރި ހިއްކަން މިސްކިތް މިއޮތީ އަނދިރިވެފައޭ. އެހެން ކިޔާފަ ދެން ޑަބިޔާގައި ދަނޑި ޖަހައިގެން އައިސް ހިއްކަނީ. ހަމަ ހިއްކަނީ. ދެން އިރުއަރަން ކައިރިވީމާ މިބުނަނީ އެބަ އަލިވެއޭ އެބައަލިވެއޭ. މިހެން ކިޔާ ގޮސް އިރު އަރަންދެން މިސްކިތުން އަނދިރި ހިއްކި ކަމަށް ވަނީ" ވިލުފުށިން "ވަން "އަށް މައުލޫމާތު ދިން އުމުރުން ދުވަސްވީ މީހަކު ބުންޏެވެ.

ވިލުފުށީ އިތުރު މީހަކު ބުނީ މުދިންކަލޭގެފާނު އަނދިރި ހިއްކުމަށް ރަށުގެ ރައްޔިތުން އެއްކުރީ ދަމުނަމާދަށް ދިޔަ އިރު މިސްކިތް އަނދިރިވެފައި އޮތުމުން ކަމަށެވެ. އެއިރު ރަށުގެ ރައްޔިތުން އެއްކުރަނީ ސަންގު ފުމެގެން ކަމަށް އޭނާ ބުންޏެވެ.

އެރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުނީ ވިލުފުށީ މީހުން އަނދިރި ހިއްކި ވާހަކައަކީ މުޅީން ހަގީގަތެއް ނޫން ކަމަށާއި ނަމަވެސް އަނދިރި ހިއްކުމަށް ރަށުގެ ރައްޔިތުންނާ މަޝްވަރާކުރެވުނު ކަމަށް ތުންތުން މަތިން ވާހަކަ ދެކެވޭ ކަމަށެވެ.

"މިސްކިތު އެތެރެ އަނދިރިވެފައި އޮތުމުންް އެވަގުތު މިކަމުގައި މަޝްވަރާކުރުމަށް ރައްޔިތުންނަށް އެންގުމަށް މުދިންކަލޭގެފާނު މި ނިންމީ. ދެން ސަންގު ފުމެ ރައްޔިތުން އެއްކޮށް، ރައްޔިތުންގެ މަޝްވަރާއަކަށްވީ މާކުރިން މުދިމަށް މިސްކިތަށް ދެވުނީ ކަމަށް. އެހެންވެ ކުޑަ ވަގުތުކޮޅަކަށް މަޑުކޮށްލުމަށް ފަހު ފަތިސްވެ އަލިވާންފެށުމުން ބަންގިގޮވާފައި ނަމާދުކުރީ. އަނދިރި ހިއްކި ކަމަށް ދެކެވޭ ވާހަކައަކީ އެރޭ އެތަނަށް އައި މީހުންގެތެރޭގައި ދެކެވުނު ވާހަކައަކާ ގުޅިގެން ދައްކާ ވާހަކައެއް. އެމީހުން ބުނީ ކޮންމެ ގެއަކުން ބާލިދީއެއް ގެނެސްގެން އަނދިރި ހިއްކުމަށް" އޭނާ ބުންޏެވެ.

ވިލުފުށީ މީހުން އަނދިރި ހިއްކީ ކޮން ދުވަސްވަރެއްގެ ކޮން ބައެއް ކަމެއް އެނގޭ މީހަކު ވިލުފުށީ ފަސްގަނޑުަކު މިއަދަކު ނެތެވެ. ނަމަވެސް ވިލުފުށީގައި ހުންނަ ކުޑަ މިސްކިތަކީ އެކަން ހިނގި މިސްކިތް ކަމަށް އެރަށުގެ މުސްކުޅިން އިއްތިފާގު ވެއެވެ. އަދި މިސްކިތުން އަނދިރި ހިއްކީ އެ މިސްކިތުގެ ގޯތި ތެރޭގައި އެއިރު އޮތް ވެވަށް ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ. އެރަށުގެ އުމުރުން ދުވަސްވީ މީހުން ބުނާ ގޮތުން ނަމަ ވިލުފުށީ މީހުން އަނދިރި ހިއްކި ހާދިސާއަށް މިހާރު 150 އަހަރު ވެދާނެއެވެ.

މިކަން ހިނގި އިރުގެ އެއްވެސް މީހަކު ދުނިޔޭގައި މިހާރު ނެތުމާއި ކަމާ ގުޅުން ހުރި ހަރުދަނާ ހެއްކެއް ވެސް ނެތުމުން މިއީ ހިނގި ކަމެއްކަމަށް ނުވަތަ ނުހިނގާ ކަމެއް ކަމަށް ވެސް ނިންމޭނެ ބުރަދަން ހުރި އެއްވެސް ހެއްކެއް މިހާރަކު ނެތެވެ.