ސުޝާންތު ސިންގު ރާޖުޕުތު އަމިއްލައަށް މަރުވި މައްސަލައާ ގުޅިގެން ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކަރަބޮޓީގެ ބޭބެ ޝޯހިކް ޗަކަރަބޮޓީ އެންފޯސްމެންޓް ޑައިރެކްޓްރޭޓްގެ އޮފީހަށް ހާޒިރުކޮށް 18 ގަޑިއިރު ވަންދެން ސުވާލުކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު މެންދުރުފަހު އީޑީގެ އޮފީހަށް ހާޒިރުވި ގޮތަށް ޝޯހިކް އެތަނުން ނިކުމެފައިވަނީ 18 ވީ އާދިއްތަ ދުވަހު ހެނދުނެވެ. ރިއާގެ ބޭބެއާއި އީޑީ އިން ސުވާލުކުރީ ސުޝާންތުގެ މަރުގެ މައްސަލައާ ގުޅިގެން ބަލަމުން އަންނަ މަނީ ލޯންޑަރިންގް ގެ މައްސަލައެއްގައެވެ.

އީޑީގެ އޮފިޝަލަކު މީޑިއާއަށް ބުނެފައި ވަނީ، ޝޯހިކްގެ ޕާސަނަލް އާމްދަނީއާއި ވިޔަފާރިއާ ބެހޭގޮތުން ސުވާލުކޮށްފައިވާ ކަމަށެވެ. ރިއާއާ ސުވާލުކުރި ދުވަހުވެސް ޝޯހިކް އާ ވަނީ ސުވާލުކޮށްފައެވެ. އެއީ މިމަހުގެ ހަތް ވަނަ ދުވަހެވެ.

އީޑީގެ އޮފީހުން ވަނީ ރިއާ އަދި އޭނާގެ ބައްޕަ އިންދަރުޖީތު ޗަކަރަބޮޓީއަށް މިއަދު އެ އޮފީހަށް ހާޒިރުވުމަށް އަންގައިފައެވެ.