ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް މެންބަރަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި، އއ. މަތިވެރި ވެސްޓް ބީޗް މުނައްވަރު އަލީ އާއި ގ.ނޫމަރާވިލާ ޝީރީން ނާހިދާ ލަތީފް ގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ. މި ޓްރައިބިއުނަލް އެކުލެވިގެން ވަނީ ފަސް މެންބަރުންގެ މައްޗަށެވެ. އަދި މި ޓްރައިބިއުނަލަށް މެންބަރުން އައްޔަން ކުރަނީ ރައްޔިތުން މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖުޑިޝަރީ ކޮމިޓީއަށް މިއަދު ފޮނުއްވި ދެ ބޭފުޅުންގެ ނަން އެ ކޮމިޓީން ދިރާސާ ކުރުމަށްފަހު، އެކަމާބެހޭ ގޮތުން ކޮމިޓީން ނިންމާގޮތުގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެއެވެ.

އޭގެ ތެރެއިން، އެ ޓްރައި ބިއުނަލަށް އައްޔަންކުރާނެ ބޭފުޅުކަށް މަޖިލީހުން ރުހުންދޭން ފާސް ކުރާނީ، ކޮމިޓީގެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށްފަހުގައެވެ.