ވެއްޓުނު އެއާ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓް ރަންވޭގައި ޖެއްސުމުގައި މައްސަލަތަކެއް ހުރިކަމަށް އޭވިއޭޝަން ތަޖުރިބާކާރުން ބުނެފިއެެވެ.

ދުބާއީ އިން ފުރައިގެން އިންޑިއާގެ ކެރެއްލާގެ ކޮޒިކޮޑެ އެއާޕޯޓަށް ޖެއްސި ފްލައިޓް ވަނީ ރަންވޭއިން ކަހާލައިގެން ގޮސް ވެއްޓި ދެބުރި ވެފައެވެ.

މިހާދިސާ ހިނގަން މެދުވެރި ވި ސަބަބު ހޯދުމަށް ފްލައިޓުގެ ކަޅު ފޮށި ބޭނުން ކޮށްގެން މަސައްކަތް ވަނީ ފަށައިފައެވެ.

އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން ވަނީ އެއާ އިންޑިއާ އެކްސްޕްރެސްގެ މިފްލައިޓު ރަންވޭ ގައި ޖެއްސުމުގައި ގޯހެއް ހުރިކަން ފާހަގަކޮށްފައެވެ. ފްލައިޓް ލޭންޑުކުރުމަށް ޓަޗްޑައުން ކުރަން ޖެހޭނޭ ޕޮއިންޓަށްވުރެ 1000 މީޓަރު ދުރަށް ފްލައިޓު ޓަޗްޑައުން ކޮށްފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ. މިއީ މޫސުން ގޯސްވުމުގެ ސަބަބުން ވިޒިބިލިޓީ ދަށްވެގެން ދިމާވި ކަމަކަށް ވެދާނެ ކަމަށް ބެލެވޭ ކަމަށްވެސް ފާހަގަކޮށްފައި ވެއެވެ.

އެއާ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓު ވެއްޓު ހާދިސާގައި 18 މީހުން މަރުވެފައި ވެއެވެ. މީގެތެރޭގައި ފްލައިޓު ދުއްވި ދެޕައިލެޓުންވެސް ހިމެނެއެވެ. މިއީ ކޮވިޑްގެ ސަބަބުން ދުބާއީގައި ތިބި އިންޑިއާގެ ރައްޔިތުންގެ ތެރެއިން އިންޑިއާއަށް ދާން ބޭނުންވާ މީހުން ގޮވައިގެން ދަތުރުކުރި ފްލައިޓެކެވެ.