ސިއްހީ ދާއިރާ ތަރައްގީކުރަމުން އަންނަނީ ދުރު ރާސްތާ ޕްލޭނާއި ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭނާއި އެއްގޮތަށް ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގެ ސިއްހީ ދާއިރާ ދުވަހެއް ދުވަހަކަށް ދަށަށް ދާ ކަމަށް ވިދާޅުވެ ބައެއް ޑޮކްޓަރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވާހަކަދައްކަވައިފައެވެ.
އެކަމަށް ރައްދުދެއްވައި ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ސިއްހީ ދާއިރާގެ މަސައްކަތްތައް ރާވައި ހިންގުމުގައި މިހާރުވެސް އިސްކޮށް ހަރަކާތްތެރިވަމުން އަންނަނީ މި ދާއިރާގެ ހާއްސަ ގިންތިތަކުން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މީހުން ކަމަށާއި ފަންނީ ނިންމުންތަކަކީ ފަންނީ މީހުންގެ މައްޗަށް އެކުލަވާލެވޭ ކޮމިޓީތަކާއި އެކަމާ ގުޅޭ އެންމެހާ މައުލޫމާތަށް ބިނާކޮށް ނިންމާ ނިންމުންތަކެއް ކަމަށެވެ. އަދި މި މަސައްކަތްތައް ކުރަނީ ސަރުކާރުން ނިންމަވާފައިވާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، ދާއިރާގެ އެކި ކަންކަމަށް ސިޔާސީ ބޭފުޅުން މަސްއޫލުވެ ތިބެގެން އެބޭފުޅުންގެ ބައިވެރިވުމާއެކު ކަމަށްވެސް ބަޔާނުގައިވެއެވެ.
"މިދާއިރާ އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ބޭނުންވާ ފަންނީ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ހޯދުމަށް ސަރުކާރުގެ އިދާރާތަކާ އެހެނިހެން ފަރާތްތަކާއެކު ހުއްޓުމެއްނެތި މަސައްކަތްތައް ދަނީ ކުރެވެމުން،" ބަޔާނުގައިވެއެވެ.
ބަޔާނުގައި ވަނީ ސިއްހީ ދާއިރާ ތަރައްގީކުރަމުން ގެންދަނީ ސިއްހީ ދާއިރާގެ ދުރު ރާސްތާ ޕްލޭނާއި ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ކަނޑައެޅިފައިވާ ސިޔާސަތުތަކުގެ ދަށުން ކަމަށެވެ.
"މިގޮތުން، ރައީސުލްޖުހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ތަރައްގީކުރުމާއި ކުރިން ނުދެވޭ ސްޕެޝަލިޓީ ހިދުމަތްތައް ހޮސްޕިޓަލްތަކުގައި ވަނީ ފެށިފައި. ލާމަރުކަޒީ ސިއްހީ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އަތޮޅުތެރޭގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރެވެމުންދޭ،" ބަޔާނުގައިވެއެވެ.
ހެލްތު މިނިސްޓްރީން ބުނީ މިނިސްޓްރީގެ އެގްޒެކްޓިވް ލެވެލްގެ ބޭފުޅުންގެ ބައްދަލުވުންތައް ގަވައިދުން ކުރިއަށް ގެންދަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިނިސްޓްރީއަށް އައްޔަނުކޮށްފައިވާ ބޭފުޅުންނާއި ސިވިލް ސާވިސް މުއައްޒަފުންނާ އެކުގައި ކަމަށެވެ. އަދި މިނިސްޓްރީގެ ޑިވިޝަންތައް ހިންގުމުގެ އެންމެ އިސްރޯލެއް އަދާކުރަނީ ސިޔާސީ ބޭފުޅުންގެ ބެލުމުގެ ދަށުން ކަމަށް ބުނެފައިވެއެވެ.
"ރާއްޖޭގައި ސިއްހީ ހިދުމަތްދިނުމަށް ބޭނުންވާ ގައިޑްލައިންތައް އެކުލަވައިލަނީ ބައިނަލްއަގުވާމީ މިންގަޑުތަކަށް ބިނާކޮށް އާ ހޯދުންތަކާ ދިރާސާތަކާ އެއްގޮތަށް އަދާހަމަކޮށްގެން. ކޮވިޑްގެ ވަބާއަށް އިޖާބަދިނުމަށް ކުރެވޭ މަސައްކަތްތައްވެސް ބިނާވެފައިވަނީ ހެއްކާއި ފަންނީ ލަފާއާއި އެކިއެކި ގައުމުތަކުގެ ތަޖުރިބާތަކަށް އަދި ދިވެހިރާއްޖޭގެ ހާލަތްތަކަށް ރިއާޔަތްކޮށް. ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ނިންމާފައިވާ ނިންމުންތަކަކީ ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ސިއްހީ ދާއިރާގެ ފަންނީ މާހިރުންނާއި އަދި ތަޖުރިބާ ކާރުންގެ ލަފާގެ މަތިން،" ބަޔާނުގައިވެއެވެ.
ބަޔާނުގައި އިތުރަށް ވަނީ ސިއްހީ ހިދުމަތްތަކަކީ ކަނޑައެޅިފައިވާ މިންގަޑުތަކާއި އުސޫލުތަކަށް ބިނާކޮށް ދެވޭ ހިދުމަތްތަކެއްތޯ ކަށަވަރުކުރުމުގެ މަސައްކަތްތައް އަބަދުވެސް ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން ކޮވިޑާ ގުޅިގެން އެކުލަވާލައި އަދި އާއްމުކުރެވޭ ހުރިހާ ގައިޑްލައިންތަކަކީވެސް މި އަސާސްތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށް އަދާހަމަކުރެވޭ ގައިޑްލައިންތަކެއް ކަމަށެވެ. އަދި ކޮވިޑްގެ ހާލަތަކީ އަވަސް އަވަހަށް ބަދަލުވަމުން އަންނަ ހާލަތެއްކަމުން އެކި ކަންކަމާގުޅޭ ގޮތުން އެކުލަވާލެވިފައިވާ ގައިޑްލައިންތައް ވަގުތުން ވަގުތަށް ބަދަލުކުރެވެމުން އަންނަ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ސިއްހީ ދާއިރާއާ ގުޅޭގޮތުން ދެއްވާފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމަށާއި އަދި ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ހިޔާލާއި ލަފައަށް މިނިސްޓްރީން އަބަދުވެސް ތަރުހީބުދޭ ކަމަށްވެސް ބަޔާނުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު