ބ. ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުމުގައި ހައްޔަރުކުރި 19 ބިިދޭސީން ބަންދުން ދޫކޮށް، ޑިޕޯޓް ކުރުން ހުއްޓުވުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ފުލުހުންގެ ބަންދު ދޫކޮށްލުމާ ގުޅިގެން އެ ބިދޭސީ މަސައްކަތްތެރިން މިހާރު ތިބީ އިމިގްރޭޝަންގެ ބެލުުގެ ދަށުން، ބިދޭސީ ޑިޓެންޝަން ސެންޓަރުގައެވެ.
އެ ބިދޭސީން އެތަނުގައި ބަންދުކޮށްފައި ތިބީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ހެބިއަސް ކޯޕަސްގެ އަމުރަކަށް އެދި އެ މީހުންގެ ވަކީލުން ކްރިމިނަލް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅައިފައެވެ.
އެ މައްސަލައިގައި އެ ކޯޓުން އިއްޔެ ނިންމީ އެ މީހުން އެތަނުގައި ތިބީ ކުށެއްގެ ތުހުމަތެއްގައި ނޫން ކަމަށާއި އެއީ އިމިގްރޭޝަންގެ ގާނޫނާ ހިލާފު ވެގެން ކޮށްފައިވާ ބަންދެއް ކަމަށެވެ. އެހެންކަމުން އެއީ އެއީ އިދާރީ ބަންދެއް ކަމަށާއި އެ މީހުން ބަންދު ކުރުމުގެ ބާރު އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ލިބިދޭ ކަމަށެވެ. އަދި އެ މީހުން ބަންދު ކޮށްފައިވަނީ ގާނޫނާ ހިލާފަށް ނޫން ކަމަށާއި އެ މީހުން ބަންދުން ދޫކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަަމަށްވެސް އެ ނިންމުމުގައިވެއެވެ.
އެމީހުންނަކީ ސައްހަ ވިސާއެއް ނެތި ތިބި ބައެއް ކަމަށާއި އެމީހުންނަށް ޒިންމާވާނެ ބަޔަކު މިވަގުތު ނެތް ކަމަށެވެ. އެހެން ކަމުން އެމީހުންނަށް ޒިންމާވާނެ ބަޔަކު ނެތި އެފަދަ ބިދޭސީން ބަންދުން ދޫ ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށްވެސް ކްރިމިނަލް ކޯޓުގެ ނިންމުމުގައި ވެއެވެ.
މިދިޔަ މަހުގެ ދެވަނަ ދުވަހު ބޮޑުފިނޮޅުގައި ވަނީ މުސާރަ ނުދޭތީ ކަމަށް ބުނެ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައިފައެވެ. އެ ހަމަނުޖެހުންތަކުގައި އެރަށުގެ ބައެއް މުދަލަށާއި ބައެއް ފުލުހުންނަށްވެސް އަނިޔާ ވެފައި ވެއެވެ. ހަމަނުޖެހުންތަކާ ގުޅިގެން މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު ފުލުހުން ވަނީ ހަމަނުޖެހުން ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުވާ 19 ބިދޭސީއަކު ހައްޔަރުކޮށްފައެވެ. އަދި އެމީހުންގެ ބަންދަށް އޭރު 15 ދުވަސް ޖަހައި އެ މުއްދަތު ހަމަވުމުން އިތުރު 15 ދުވަސް ޖަހާފައިވެއެވެ.
ބިދޭސީންގެ ފަރާތުން ވަކާލާތު ކުރާ ވަކީލުންގެ ޓީމުން މީގެ ކުރިން "ވަން" އަށް މައުލޫމާތުދެމުން ބުނީ، ބިދޭސީން ހައްޔަރުކޮށްފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށާއި އެމީހުން ހައްޔަރުކުރުމުގައި ސިޔާސީ ނުފޫޒު އެކުލެވިގެންވާ ކަމަށް ބެލެވޭ ކަމަށެވެ.
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް