ވެއްޓުނު އެއާ އިންޑިއާ އެކްސްޕްރެސް ފްލައިޓުގެ ކަޅުފޮށި ފެނިއްޖެއެވެ.

ދުބާއީ އިން ފުރައިގެން އިންޑިއާގެ ކެރެއްލާގެ ކޮޒިކޮޑެ އެއާޕޯޓަށް ޖެއްސި ފްލައިޓް ވަނީ ރަންވޭއިން ކަހާލައިގެން ގޮސް ވެއްޓި ދެބުރި ވެފައެވެ. ފްލައިޓު ޖެއްސި ވަގުތު ބޯކޮށް ވާރޭ ވެހެމުންދިޔަކަމަށް އެއާޕޯޓުގެ އޮފިޝަލުން ވަނީ ބުނެފައެވެ.

މިހާދިސާގައި ފްލައިޓުން ދަތުރުކުރި 190 މީހުންގެ ތެރެއިން 18 މީހުން ވަނީ މަރުވެފައެވެ. މިއީ ކޮވިޑްގެ ސަބަބުން ދުބާއީގައި ތިބި އިންޑިއާގެ ރައްޔިތުންގެ ތެރެއިން އިންޑިއާއަށް ދާން ބޭނުންވާ މީހުން ގޮވައިގެން ދަތުރުކުރި ފްލައިޓެކެވެ.

މިހާދިސާގައި 150 މީހުންނަށް އެކިވަރުގެ އަނިޔާވެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

އެއާ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓު ވެއްޓެން ދިމާވި ސަބަބު ތަހުގީގުކުރަން ފަށައިފައިވާއިރު މިހާތަނަށް ބެެލެވޭ ގޮތުގައި މިހާދިސާ ހިނގައިފައިވަނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަންވޭ ރަނގަޅަށް ނުފެނުމުގެ ސަބަބުންނެވެ.